ads
ފޮޓޯ:ރައީސް އޮފީސް
ކޮރަލް ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯހިލު، ކޮރަލް ފެސްޓިވަލް 2020 ގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމް.ސީ.އައި.) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ފެސްޓިވަލް އޮތީ އިއްޔެ ކ. ތުލުސްދޫގައެވެ.

އެ ފެސްޓިވަލުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައި، މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދިޔަ ދެ ޕެނަލް ޑިސްކަޝަނެއް ބައްލަވައިލެއްވިއެވެ. 

ހަމައެހެންމެ ފެސްޓިވަލްގައި ހިމެނޭ ބައެއް ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެމަނިކުފާނު ވަނީ ސްޓޯލްތަކުގައި ބަހައްޓާފައިވާ ރާއްޖޭގެ ސަގާފަތް ރަމްޒުކޮށްދޭ ބައެއް އުފެއްދުންތައް ބައްލަވައިލައްވާފައެވެ.

‎އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ފެސްޓިވަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓަރު އޮފް ޓޫރިޒަމް އަލީ ވަހީދާއި، މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން އަހުމަދު ނަސީމާއި މުހައްމަދު ޝިފާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފެސްޓިވަލުގައި، އިންސާނުންގެ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންސާނުންގެ ދެމިތިބުމަށް ކުރާ އަސަރުގެ މައްޗަށް އަލިއަޅުވައިލާ އިލްމީ ބަހުސްތަކެއް ކުރިޔަށްގެންގޮސްފައިވެއެވެ. 

އެގޮތުން ހާއްސަގޮތެއްގައި ކަނޑުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އަލިއަޅުވައިލާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް