ads
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބު: ރައީސް ޔާމީން ޖަލަށް ލުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިވަޅެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ ޑިމޮކްރަސީގައި ފަހަތައް އެޅި ފިޔަވަޅެއްކަމަށް މަޖިލީހުގެ އިދިކޮޅު ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުންނެވެ. 

ސަލީމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން 2019 ވަނަ އަހަރު ނުހައްގުން ދެ ފަހަރައް ޖަލަށް ލާފައިވާކަމަށާއި، އަދި މިހާރު ވެސް ހުރީ ޖަލު ހުކުމެއްގައި ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލުމަކީ ރާއްޖެ ޑިމޮކްރަސީގައި ފަހަތައް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ސަލީމް ގޮވާލެއްވި އެވެ. 

މީގެ އިތުރުން ސަލީމް ވިދާޅުވީ، މިހާރު ފެންނަނީ މަޖިލީހުގެ ސީދާ އިރުޝާދު ވަޒީރުންނަށް ދެމުން އަންނަތަން ކަމަށެވެ.  

"މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެހެން ބާރުތަކުން ސަރުކާރު ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމުގެ ހެކި. މިކަން މިގޮތަށް ދިމާވަނީ ސަރުކާރު ހިންގުން ދޯދިޔާ ވުމާއި ސަރުކާރުގެ ގާނޫނީ ވާޖިބު އަދާނުކުރެވުމުގެ ސަބަބުން."

ސަރުކާރު ހިންގުން ބަލިކަށި ވުމާއި ޝަރުއީ ނިޒާމުގެތެރެއަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަތްގަދަކުރަމުން ދާކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ތިން ބާރު މިނިވަންކަމާއި އެކު މަސައްކަތް ނުކުރަކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލިފައިވާކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރު ކެނޑެމުންދާކަމުގެ އިހުސާސު ކުރަންފަށާފައި ވާކަމަށް ވެސް ވިދާޅުވި އެވެ. 

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންއަންނަ އިނާޔަތް އިތުރުކުރުމަށް ގޮވާލާކަމަށެވެ. 

މީގެ އިތުރުން ސަލީމް ވިދާޅުވީ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅެއް ކުރީބައިގައި އެޅިފައި ނުވާކަމަށެވެ. 

"ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށާއި، ފަތުރުވެރިކަމަށް އަންނާނެ ލޮޅުމަށް ރިއާޔަތް ކުރައްވައިގެން ސަރުކާރުން ކުރިން އަޅުއްވަން ޖެހިވަޑައިގަންނަވާ އެންމެ އެކަށޭނަ ފިޔަވަޅު ނޭޅުމުގެ ނަތީޖާ އެއްގެ ގޮތުން 2 ފެބްރުއަރީ 2020ގެ ނިޔަލަށް 13،287 ޓޫރިސްޓުން ބުކިން ކެންސަލް ކޮށްފައިވޭ."

ހަރުކަށި ފިކުރާއި ދީން ގަބޫލުނުކުރާ ފިކުރާއި ލާދީނީ ފިކުރަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެކަންކަމާއި ގުޅިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރައީސް ޔާމީން މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއި އެކު ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި ދެކޮޅަށް ގެންގުޅުނު ސިޔާސަތު ބަދަލުވި ކަމަށާއި، އަދި ބަދަލުހިފުމުގެ ރޫހު އިސްކުރުމުގެ ސަބަބުން ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ކުރިއަށްވުރެއް ބޮޑުވެފައިވާކަމަށް ސަލީމް ވިދާޅުވި އެވެ. 

ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭހާ ދުވަހަކު ޝަރުއީ ދާއިރާ މިނިވަން ނުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ސިޔާސީ ވަކިތަކުން ޝަރުއީ ނިޒާމް ސަލާމަތް ކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ގޮވާލާކަމަށެވެ. 

މީގެ އިތުރުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ފެއިލް ވެފައިވާކަމަށެވެ. 

މީގެ އިތުރުން ސަލީމް ވިދާޅުވީ، 2019 ވަނަ އަހަރުގައި ބަޖެޓު ކުރެވުނު ކަންކަން މިސަރުކާރަށް ނުކުރެވުނު ކަމަށާއި، އަދި މިއަހަރު ބަޖެޓް ގައި ހުރި ކަންކަން ކުރެވޭނެ ކަމާއި މެދު ވެސް ޝައްކުކަމަށެވެ. އަދި ސްޓިކާ ޖަހައިގެން އާމްދަނީ ހޯދުމަކީ އާމްދަނީ ހޯދުމަށް ގެންގުޅޭ ދޯހަޅި ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ. 

މަސްވެރިންނަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އިވޭ ކަމަށާއި، ހަމަ އަގުނުދެވުމުން މަސްވެރިން ކަންބޮޑުވާކަމަށެވެ. އަދި އިންޓާނެޓްގެ އަގު ހެޔޮ ނުކުރެވި އޮތުމުންވެސް ރައްޔިތުން މާޔޫސްވެފައިވާކަމަށް ވިދާޅުވި އެވެ.

މަރު ކޮމިޝަނުގެ މަސައްކަތްތައް ރަނގަޅަށް ނުކުރެވި ބޮޑު ހަރަދެއް ހިނގުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށާއި، އިތުރު ކޮމިޝަންތައް އުފެއްދުމުން ދައުލަތުގެ ހަރަދު ބޮޑުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި މަރުކޮމިޝަނުން އިންސާފު ނުލިބުނު ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ހަރަދު ކުޑަކުރުމަށް ދައުލަތުގެ ބަޖެޓުން 15% އުނިކުރުމަށް ސަލީމް ވަނީ ސަރުކާރަށް ގޮވާލާފައެވެ. 

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓް، ރިޔާސީ ބަޔާނުގައި ކުށްވެރި ކޮށްފައިނުވާތީ އެކަމަކީ ކަންބޮޑުވާ ކަމެއްކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެކަން ކުށްވެރިކުރާކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ސަލީމް ވިދާޅުވީ، މިހާރު ފެންނަމުން އަންނަނީ ވެރިކަން ކުރާ ބާރަށް ޤާނޫނުހަދާ ބާރުން ނުފޫޒުފޯރުވާތަން ކަމަށެވެ. 

30%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް