ads
އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ އާ ޝާހިދު ބައްދަލުކުރެއްވުން--
އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ އާ ޝާހިދު ބައްދަލުކުރައްވައިފި
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނާ މިޝޭލް ބެޝެލޭއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ހައިކޮމިޝަނަރާ ބައްދަލުކުރެއްވީ މިއަދު ޖެނީވާގައި ހުންނަ އދގެ އޮފީހުގަ އެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އިންސާނީ ހައްޤުތައް ކަށަވަރުކޮށް، ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކަމަނާއާ ހިއްސާކުރައްވާފަ އެވެ. އަދި އެމަސައްކަތުގައި ހައިކޮމިޝަނަރާއި ހައިކޮމިޝަނަރުގެ އޮފީހުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަނާއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. 

ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް އެރުވިކަމަށެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖެއިން އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިސާލެއްކަމަށް ހައިކޮމިޝަނަރު ވަނީ މިދިޔަ އަހަރު ޖެނީވާގައި ގިނަ ޤައުމުތަކެއްގެ ދާއިމީ މަންދޫބުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނަރުގެ އިތުރުންވެސް އެހެން ބައެއް ބޭފުޅުންނާއި ފޮރިން މިނިސްޓަރު ޝާހިދު ވަނީ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާފަ އެވެ. އެގޮތުން ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ބެރީ ފޯރއާއި، ޖޯޖިއާގެ ފޮރިން މިނިސްޓަރ ޑޭވިޑް ޒަލްކަލިއާނީ މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި އެޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވާފަ އެވެ. 

މީގެ އިތުރުން މޮރޮކޯގެ މިނިސްޓަރު އޮފް ސްޓޭޓް އިން-ޗާޖް އޮފް ހިއުމަން ރައިޓްސް މުސްތަފާ ރާމިދު އާއި ބައްދަލުކުރައްވައި، އިންސާނީ ހައްޤުތަކުގެ ދާއިރާގައި ދެޤައުމުގެ މެދުގައި ކުރެވެމުންދާ ފަންނީ އެއްބާރުލުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް