ads
ނައިބް ރައީސް ވާހަކަފުޅު ދައްކަވަނީ--
ޝައުގުވެރިވާ ދާއިރާއަކުން ދަރިން ކުރިއަރުވަން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފި
ކޮންމެ ކުއްޖަކަށްވެސް، ވަޒީފާގެ މައިދާނުގައި އެ ކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު، މިގޮތަށް އިލްތިމާސްކުރެއްވީ، ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ "ހޭވައްލާ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި، އުނގޫފާރު ސްކޫލްގައި މިއަދު ހަވީރު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ކުއްޖަކު ނިސްބަތްވާ ޢާއިލާއެއް އަދި މުޅި ގައުމުވެސް ކުރިއަރާނީ ކޮންމެ ކުއްޖަކީވެސް ގައުމަށް ބޭނުންތެރި އަދި އުފެއްދުންތެރި ފަރުދަކަށް ހެދުމުން ކަމަށެވެ. އަދި، ކުރިއަރާފައިވާ ބައެއް ގައުމުތަކުން މިސާލު ނަންގަވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ގައުމުތައްވެސް ކުރިއަރައިދިއުމުގެ ސިއްރަކީ ހުނަރުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ދީފައިވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ކަމަށެވެ.

އޭގެ އިތުރުން، ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކަށް އިންސާނީ ވަސީލަތް ތަރައްގީ ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ތައުލީމީ ދާއިރާއަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، އަދި އެހާ ބޮޑު ހަރަދެއް ކުރައްވަނީ ހުނަރުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސް، އުނގޫފާރަށް ކުރައްވަމުން ގެންދަވާ އެއް ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައިވެރިވެ ވަޑައިގަންނަވަ އެވެ. "ހޭވައްލާ" ޕްރޮގްރާމަކީ ސާނަވީ ތައުލީމު ނިންމައި މަތީ ސާނަވީ ތައުލީމު ފެށުމާއި ދެމެދު ދަރިވަރުންނަށް ލިބޭ ވަގުތުގައި ދަރިވަރުންނަށް ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރޭގައި އިންޓާންޝިޕް ފުރުސަތުތަކާއި، އެހެނިހެން މަސައްކަތްތައް ދަސްކޮށްދިނުންވެސް ހިމެނެއެވެ. މިގޮތުން މިއަދު އުނގޫފާރުގައި ފަށާފައިވަނީ ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ނައިބް ރައީސް ވަނީ ވަޑާމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

މި ރަސްމިއްޔާތުގައި އުނގޫފާރު ސްކޫލްގެ ވަޑާން ކްލާހުން ތައްޔާރުކޮށްފައިވާ ވަޑާން ފޮށްޓެއް ސްކޫލުގެ ޕްރިންސިޕަލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަދިޔާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް