ads
ސިއްހަތައް ފައިދާ ހުރި ކާނާ
ހަށިގަނޑަށް މުޅި ދުވަހު ބޭނުންވާ މާއްދާތަކަކީ ކޮބާ؟
ހަށިގަނޑަކީ އިންޖީނެއް ފަދަ އެއްޗެކެވެ. އެއަށް ބޭނުންވާ ކާނާއާއި، ހަކަތައާއި ކަސްރަތު ގައިވާއިދު ނުލިބޭނަމަ މައްސަލަ ދިމާވެ 'އޯވަހޯލް' ކުރަން ޖެހެއެވެ. ހަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށްޓަކާ ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ބޭނުންވާ ކާނާތައް ފޯރުކޮށްދެމުން ގެންދިއުން މުހިންމެވެ.

މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދިނުމަށް ނިއުޓްރިއެންޓް ގިނަ ކާނާތަކުން ހަދާފައިވާ ޑައިޓެއް އިހްތިޔާރު ކުރުން މުހިންމެވެ. 

ނިއުޓްރިއެންޓް ގިނަ (ނުވަތަ ހަށިގަނޑަށް ބޭނުންވާ މައްދާތައް ގިނަ) ކާނާތަކުގައި ހަކުރު، ސޯޑިއަމް، ސްޓާޗް، އަދި ނުބައި ސަރުބީ މަދުވާނެއެވެ. އެއީ ގިނަ އަދަދަކަށް ވިޓަމިން އާއި މިނަރަލްސް އެކުލެވޭ އަދި މަދު ކެލޮރީސް ހުންނަ ކާތަކެއްޗެވެ. ހަށިގަނޑަށް ބޭނުންވަނީ "މައިކްރޯ ނިއުޓްރިއެންޓްސްގެ" ނަމުން މަޝްހޫރު ވިޓަމިންސް އާއި މިނަރަލްސް އެވެ.

އެއީ ހަށިގަނޑަށް ބޭނުންވާ ކާނާ ލިބިދީ ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. އެއީ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާތަކެކެވެ. މި މާއްދާތައް ހަށިގަނޑަށް ދާކަން ޔަގީން ކުވެނީ މިތަކެތި ހިމެނޭ ކާނާ ކޮންމެ ދުވަހަކުވެސް ކައިގެންނެވެ. 

ތަފާތު ވިޓަމިންތަކާއި މިނަރަލްސް ހޯދުމަށް ވީހާ ވެސް ގިނަ ބާވަތްތަކެއްގެ ކާނާ ކެއުމަށް މަސައްކަތް ކުރާށެވެ. ގުދުރަތީ ގޮތުން ނިއުޓްރިއެންޓް ގިނަ ކާނާތަކުގެ ތެރޭގައި މޭވާއާއި ތަރުކާރީ ހިމެނެއެވެ. އެއްގަމު މަސް، ކަނޑު މަސް، ގޮދަން، ޑެއިރީ، ލެގިއުމްސް، ނަޓްސް، އަދި ތޮޅި އޮށުގައި ވެސް ނިއުޓްރިއެންޓްސް ގިނަ އަދަދަކަށް އެކުލެވެއެވެ. 

ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިބޭ ބައެއް ކާނާ: 

ކެލްސިއަމް: ނޮންފެޓް އަދި ލޯ ފެޓް ޑެއިރީ، ބްރޮކޮލީ، ފެހިކަން ގަދަ ފަތް، އަދި ސާޑިންސް

ޕޮޓޭސިއަމް: ދޮންކެޔޮ، ކެންޓަލޫޕް، ކިރު، ބަދަނުގެ ބާވަތްތައް، މަސް، ސްޕިނެޗް އަދި އެހެނިހެން ފެހިކަން ގަދަ ފަތް

ފައިބާ: ހިކާފައި ހުރި ތޮޅީގެ އޮށް އަދި ޕީސް، އާފަލު، ސްޓްރޯބެރީ، ކެރެޓް، ރާސްބެރީ، އަދި ކުލަކުލައިގެ މޭވާއާއި ތަރުކާރީ

މެގްނީޒިއަމް: ސްޕިނެޗް، ކަޅު ފެހި ތޮޅި، ޕީސް، އަދި އަލްމަންޑް

ވިޓަމިން އޭ: ބިސް، ކިރު، ކެރެޓް، ކައްޓަލަ، އަދި ކެންޓަލޫޕް 

ވިޓަމިން ސީ: އޮރެންޖް، ސްޓްރޯބެރީ، ޓޮމާޓޯ، ކިވީ، ބްރޮކޮލީ، އަދި ރަތް އަދި ފެހި ބެލް ޕެޕާ

ވިޓަމިން އީ: އެވޮކާޑޯ، ބަދަނުގެ ބާވަތްތައް، އޮށް، ހޯލް ގްރޭން ކާނާ، ސްޕިނެޗް، ފެހިކަން ގަދަ ފަތް އަދި ފެހި ތަރުކާރީ

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް