ads
ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅަން ނިންމި ދާރުލް ޒިކްރާގެ ކުރެހުމެއް-
ޒިކުރާ މިސްކިތުގެ އޮޑިޓް: މިނިސްޓްރީގެ ބޮޑެތި އިހުމާލުތައް!
ދާރުލް ޒިކްރާގެ ނަމުގައި 10 ބުރި އަށް އިމާރާތް ކުރަން ނިންމާފައިވާ ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓް ކޮންޓްރެކްޓަރަށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ކުރި އިރު އިސްލާމިކް މިނިސްޓްރީން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ ގޮތް ބެލުމަށް ހެދި އޮޑިޓަށް ފަހު އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ތެރެއިން އެ ކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް އަދަބު ދޭން ޖެހެ އެވެ.

އިސްލާމިކް މިނިސްޓްރީ ތެރެއިން ވެފައިވާ އިހުމާލުތަކުގެ ސަބަބުން އެ މަސައްކަތް ދިގުލައިގެން ގޮސް، މިހާތަނަށް ވެސް ވަނީ ނުފެށި އެވެ. އެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ ކުރިން ބައެއް މީޑިއާތަކުގައި ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް އެ ބިމުގެ ރެޖިސްޓްރީ ނެތުމުން ކަން އޮޑިޓް ރިޕޯޓާއި އެކު ވަނީ ކަށަވަރުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންޓްރެކްޓަރަށް އެ ބިމުގެ ރެޖިސްޓްރީ ފޯރުކޮށްދިނުމަކީ، އެކަމަށް ހެދުނު އެއްބަސްވުމުގެ ދަށުން ލާޒިމު ކަމެކެވެ. ނަމަވެސް އޮޑިޓް ރިޕޯޓުން ވެސް ވަނީ، މިހާތަނަށް އެކަން ކޮށްފައި ނުވާ ކަން ހާމަވެފަ އެވެ. 

އެ މަސައްކަތް ކުރުމަށް ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނުން މިނިސްޓްރީ އަށް، ރެޖިސްޓްރީ ފޯރުކޮށްދޭން ލިޔުމުން އެންގުމުން ވެސް މިހާތަނަށް ވެސް އެކަން ނުވެ އޮތުމަކީ އެ މަސައްކަތް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެފައިވާ ސަބަބެއް ކަމަށް ވެސް އޮޑިޓް ރިޕޯޓުން ވަރަށް ބޮޑަށް ސާފު ވެއެވެ.

ކޮންޓްރަކްޝަން ދާއިރާގެ ބައެއް ބޮޑެތި ކުންފުނިތަކުގެ ވެރިން ވިދާޅުވާ ގޮތުގައި، މިނިސްޓްރީ އަކުން ޕްރޮޖެކްޓަކަށް ބިޑް ހުށަހަޅަން ހުޅުވާލުމުން ނުވަތަ ސެލެކްޓިވް ބިޑިންގެ އުސޫލުން ޕްރޮޖެކްޓަކަށް ބިޑް ހުށަހަޅަން ދައުވަތު ލިބުމާއި އެކު ކުންފުނިތަކުން ބިޑް ހުށަހަޅާއިރު، އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ ލިޔުންތައް މިނިސްޓްރީން ފުރިހަމަކޮށްގައިވޭތޯ ނުބަލާނެ ކަމަށެވެ.

"މިނިސްޓްރީއަކަށް ބިޑް ހުށަހަޅަން ފުރުސަތު ލިބުމުން ކޮންޓްރެކްޓަރުން ބިޑް ހުށަހަޅާއިރު އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ ލިޔުންތައް މިނިސްޓްރީގައި ހަމަތޯ، ނުވަތަ އެއްބަސްވުން ހަދާ ސޮއިކުރަން ތައްޔާރުވުމަށް ފަހު އެ އެއްބަސްވުމަށް އޭޖީގެ ލަފާ މިނިސްޓްރީން ހޯދާފައިވޭތޯ ކޮންޓްރެކްޓަރު އަހާކަށް ނުޖެހޭނެ. އެއީ މިނިސްޓްރީގެ ޒިންމާއެއް، ކޮންޓްރެކްޓަރު ބަލާނީ މިނިސްޓްރީން އެ ޒިންމާ ފުރިހަމަ ކުރުމަށް ފަހު ކަމަށް އެއްބަސްވުން ހަދާނީ،" ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކު ނަން ނުޖަހާ ގޮތަށް ކިޔައިދިނެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޕްރޮޖެކްޓެއްގެ އެއްބަސްވުން އެކުލަވާލާއިރު މިނިސްޓްރީ އާ ކޮންޓްރެކްޓަރާ ދެމެދު އެތައް ފަހަރަކު އެއްބަސްވުން ބަދަލު ކުރެވޭ ކަމަށެވެ. އެގޮތުން އެ މަރުހަލާގައި އެއްބަސްވުމުގައި ހުންނަ ލިޔުމުގެ މައްސަލަތަކާއި، އެހެނިހެން ކަންކަން އިސްލާހު ކުރެ އެވެ. އަދި ސޮއި ކުރާ ފަހުން އެކަހަލަ މައްސަލައެއް ފެނުމުން، ދެ ފަރާތުން މަޝްވަރާ ކޮށްގެން އެއްބަސްވުމަށް ބަދަލު ގެނެސް އެ މައްސަލަތައް ހައްލު ކުރާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓް އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލަން ނިންމުމުން، އެ މަސައްކަތް ނުފެށި އޮތީ މިނިސްޓްރީގެ އެއްބާރުލުން ނުލިބިގެން ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދުމަށް އެސްޖޭން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. 

ކޯޓުން ބޭރުން އެ މައްސަލަ ހައްލު ކުރަން އުޅެ، އެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާ ކަމަށް ވެއެވެ. އެހެންކަމުން އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދަން ފެށުމުން އަނެއްކާވެސް މިނިސްޓްރީން ވަނީ ކޮންޓްރެކްޓަރާ އެކު ބައްދަލުވުމެއް ބާއްވައި، އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން މަޝްވަރާތަށް ފަށައިފަ އެވެ.

އެގޮތުން އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ކުރިއަށްގެންދާ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ، އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ އެ މައްސަލަ އެއްބަސްވުމަށް ބަދަލު ގެނެސްގެން ވެސް ހައްލު ކުރުމަށް ކޮންޓްރެކްޓަރު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލުގެނެސްގެން ކުރިއަށް ގެންދަން އަދި ޕްރޮޖެކްޓްގެ އިކުއިޓީ އަށް ދީފައިވާ 30 މިލިޔަން ރުފިޔާ އިން، އެފަދަ ބަދަލަކާއި އެކު އިތުރުވާނެ ފައިސާ އަނބުރާ ސަރުކާރަށް ދިނުމަށް ކޮންޓްރެކްޓަރު އިއުތިރާޒު ނުކުރާ ކަމަށް ހުށަހެޅި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެ ކަމާއި ގުޅޭގޮތުން އެސްޖޭގެ ބަހެއް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރެޖިސްޓްރީ ނުދިން މަނަވެސް ކުރެހުން ވެސް ނިންމުމަށް ފަހު ހުށަހެޅި!

އެސްޖޭން ވަނީ ފިޒިކަލީ އެ ތަނުގެ މިން ނެގުމަށް ފަހު ޑީޓެއިލް ޑްރޮވިން ކުރެހުމަށް ފަހު އިސްލާމިކް މިނިސްޓްރީ އަށް ފޮނުވާފަ އެވެ؛ ޑީޓެއިލް ޑްރޮވިން ހުށަހެޅުން ކުޑަ ދުވަސްކޮޅެއް ލަސްވެގެން ދިޔައީ އެ ތަނުގެ ރެޖިސްޓްރީ ނެތުމުން ކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ. އަދި އެ ކުރެހުން ފާސްކުރުމަށް ހުށަހަޅަންޖެހޭ ފޯމްގައި ސޮއިކޮށް، ތައްގަނޑު ޖެހުމަށް ފަހު، އެސްޖޭ އަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވީނަމަ ވެސް މިނިސްޓްރީން މިއަދާ ހަމައަށް އެކަން ކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން އެ ތަނުގެ އިން ފާރުގައި ކަރަންޓާއި، އިންޓަނެޓް އަދި ފޯނުގެ އިތުރުން ކޭބަލް ޓީވީގެ 47 ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށްފައި ހުރި އިރު، އެ އެއްޗެހި އެތަނުން ނެގުމަށް އިސްލާމިކް މިނިސްޓްރީން މިހާތަނަށް އެއްވެސް ކުންފުންޏަކަށް އަންގާފައެއް ނުވެ އެވެ. އޭގެ ސަބަބުން ވެސް، އެތަނުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރު ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ.

ރެޖިސްޓްރީ ނުކުރާ ބިމެއްގައި އިމާރާތް ކުރުމަކީ މަނާ ކަމަކަށް ވާއިރު، ޒިކުރާ މިސްކިތް ހުރި ބިމުގެ ރެޖިސްޓްރީ އެއްވެސް އިރަކު ހައްދާފައެއް ނެތެވެ. އެގޮތުން މިހާތަނަށް އެ ބިން ރެޖިސްޓްރީ ކުރި ކަން، މާލޭ ސިޓީ ކައުންސިލާއި، ހައުސިން މިނިސްޓްރީގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ރެކޯޑުތަކުން ވެސް އެނގެން ނެތެވެ. އަދި އިސްލާމިކް މިނިސްޓްރީގައި ވެސް އެ ބިމުގެ ރެޖިސްޓްރީ ނެތްކަން އޮޑިޓް ރިޕޯޓާއި އެކު ކަށަވަރުވެ އެވެ.

އޭގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ، ބޭންކް އޮފް ސިލޯން މެދުވެރިކޮށް ކޮންޓްރެކްޓަރު ހަމަޖައްސާފައި އޮތް އިރު، އެ ޕްރޮޖެކްޓް ކުރިއަށް ނުދިއުމުގައި ކޮންޓްރެކްޓަރުގެ އިހުމާލުން ކަމެއް ހިނގާފައި އޮތް ކަމަށް އޮޑިޓް ރިޕޯޓުގެ އެއްވެސް ތަނެއްގައި ބުނެފައެއް ނެތެވެ. އެހެންކަމުން މިއީ އިސްލާމިކް މިނިސްޓްރީ ތެރެއިން ބަޔަކު ގޯސްތަކެއް ހަދައި، ގަސްތުގައި ހުއްޓުވާފައިވާ ޕްރޮޖެކްޓެއް ކަން ސާފެވެ.

50%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް