ads
ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ
ތިން ރަށެއްގައި އަޅާ އާ ހޮސްޕިޓަލުގެ ޕްލޭން އިފްތިތާހުކޮށްފި
އެންމެފަހުގެ ވަސީލަތްތަކާއެކު ހއ. ދިއްދޫ އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި އާ ހޮސްޕިޓަލެއް އެޅުމަށް ނިންމައި، އެކަން އިފްތިތާހުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ހިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ކޮންސަލްޓޭޝަން ރޫމްތައް ނެތުމުގެ ސަބަބުން އޯޕީޑީގެ ހިދުމަތްތަކަށް ވެސް ނުހަނު ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިވަމުންދާތީ އެކަން ހައްލުކުރަން ސަރުކާރުން ވަނީ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެފަދަ ފަހުގެ އާ ހޮސްޕިޓަލްތަކެއް ޑިޒައިންކޮށް އެފަދަ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާފައި ކަމަށެވެ.

އެގޮތުން މިހާރު މުޅިން އަލަށް ގާއިމް ކުރުމަށްޓަކައި ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލް ހިމެނޭ ކަމަށް ބުންޏެވެ.

- އޭދަފުށީގައި އަޅާ ހޮސްޕިޓަލް

- ދިއްދޫގައި އަޅާ ހޮސްޕިޓަލުގެ ކުރެހުން

ހެލްތު މިނިސްޓްރީން ބުނީ މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި މި ހޮސްޕިޓަލް ގާއިމްކޮށް ނިމޭއިރު އެ ތަންތަނުގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، ހަ ޕްރައިވެޓް ރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ތިން އެނދުގެ އައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރުގެ އަދި 12 އެނދުގެ 8 ވޯޑު ހިމެނޭނެ ކަމަށެވެ.

އޭގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީޑައިގްނޯސްޓިކް ހިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީއަކާއި އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެ ކަމަށެވެ.

އަދި ހިދުމަތް ހޯދަން އަންނަ މީހުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތު ތަކުގައި ހޮސްޕިޓަލްއަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ހެދުމަށް ހޮސްޕިޓަލްތަކުގެ ޕްރިއިވެޓް ރޫމްތަކާއި ވެއިޓިންގް އޭރިއާތައް ފަރުމާ ކުރާނީ އެމަގުސަދު ހާސިލުވާނެ ގޮތަށް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ. 

މިނިސްޓްރީން އިތުރަށް ބުނީ މިކަމުގެ ސަބަބުން ހއ. އަތޮޅު، ބ. އަތޮޅު އަދި ދ. އަތޮޅުގެ އިތުރުން އެ އަތޮޅުތައް ކައިރީ އަތޮޅުތަކުން ސިއްހީ ހިދުމަތް ހޯދާ މީހުންނަށް ވެސް  ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ.

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް