ads
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން--
ތާރީހީ ލިޔުން ދިރާސާކުރުމުގެ ރޫހު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން މުހިއްމު!
ރާއްޖޭގެ ތާރީހީ ލިޔުންތައް އިތުރަށް ދިރާސާކުރުމުގެ ރޫޙު ކުރިއަރުވާ އަންނާން އޮތް ޖީލުތަކަށް އަމާނަތްތެރިކަމާއެކު ފޯރުކޮށްދިނުން މުހިއްމު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ތާރީހު ދުވަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ވިދާޅުވީ ދިވެހީންނަކީ ދިގު މާޒީއެއް ލިބި އޮތް، އަމިއްލަވަންތަ ޙަޟާރަތެއްގެ ވެރިބައެއް ކަމަށާއި ރަށްތައް ކުދިވެފައި، އާބާދީ މަދުކަމުގައި ވިޔަސް ދިވެހިންނަކީ ފަޚުރުވެރި ދިގު ތާރީޚެއް ލިބިފައިވާ ބައެއް ކަމަށެވެ. 

އިޖުތިމާއީ ހަމަހަމަކަމާއި މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގެ އިތުރުން ދިވެހި މާޒީ އަދުގެ ޖީލަށް ދައްކައިދީފައިވާ އެންމެ އަގުހުރި ފިލާވަޅަކީ ޒަމާންވީ ދިވެހީންގެ ޤައުމިއްޔަތު ނަގަހައްޓާ ދަމަހައްޓައިދީފައިވާކަންކަމަށް ވިދާޅުވެ މިނިސްޓަރު އިތުރަށް ވިދާޅުވީ ބާރު ގަދަ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކުގެ މައްޗަށް ވެރިވެ އުޅުނު ޒަމާންތަކުން ފެށިގެން މިއަދާ ހަމައަށް އަމިއްލަވަންތަ ބައެއްގެ ގޮތުގައި ދިވެހީންނަށް އަމިއްލަ ގައުމެއް ލިބި އޮތް އޮތުމަކީ މި ޤައުމިއްޔަތު ދެމެހެއްޓުމުގެ ނަތީޖާ ކަމަށެވެ. 

އޭގެ އިތުރުން އެ ތާރީހު ލިޔެފައިވާ މުސްކުޅި ފަތްކޮޅުތަކާއި ރާދަވަޅިތަކާއި ލޯމާފާނުތަކާއި އަދި ލިޔެވި ކިތާބުކުރެވެމުން އައި އެހެނިހެން ޒަރީއާއިން ތާރީހު ބުނެދީފައިވާ ކަމަށާއި މިއަދުގެ ތަސައްވަރަކީ ލިޔެވިފައިވާ މި ލިޔުންތައް އިތުރަށް ދިރާސާކުރުމުގެ ރޫޙު ކުރިއަރުވާ އަންނާން އޮތް ޖީލުތަކަށް އަމާނަތްތެރިކަމާއެކު ފޯރުކޮށްދިނުންކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދުގެ ހާދިސާތައްވެސް ތަޢައްސުބުތަކުން އެއްކިބާވެ ތިބެ ލިޔުމަށް ބާރުއަޅަން ޖެހޭ ކަމަށާއި މި ކުޑަ ރާއްޖޭގެ ކޮންމެ ރަށެއްގެ ވެސް ކޮންމެ އަތޮޅެއްގެ ވެސް ތާރީޚެއް އެބައޮތް ކަމަށެވެ. މި ތާރީހުތައް ލިޔެ ކިތާބުކޮށް މިހާރުގެ ޒުވާން ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ ކޮންމެހެން ކުރާންޖެހިފައިވާ މަސައްކަތެއްކަމުން މި މަސައްކަތް ލަސްނުކޮށް ކުރަން މިނިސްޓަރު އިލްތިމާސްކުރައްވަ އެވެ. 

ދިވެހި ރާއްޖޭގެ ތާރީޚު ލިޔުމަށް ސަރުކާރުން އެންމެ ފުރަތަމަ ފެށްޓެވީ މީލާދުން 1700ގެ އަހަރުތަކުގެ ކުރީކޮޅު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ ކީރިތި މަހާރަދުންގެ ރަސްކަމުގައެވެ. އެރަދުންގެ އަމުރުފުޅަށް އެ މަސައްކަތްޕުޅު ކުރެއްވީ އެއިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލްޤާޟީ ޙަސަން ތާޖުއްދީނުލް ގަމަވީ އެވެ. މިއަދު މި ފާހަގަ ކުރެވޭ ތާރީހު ދުވަސް ނިސްބަތް ކުރެވެނީވެސް ރަސްމީ ގޮތުން ތާރީހު ލިޔުއްވަން ފެށްޓެވި އަލްޤާޟީ ޙަސަން ތާޖުއްދީނު އަވަހާރަވީ ދުވަހަށެވެ.

މި ދުވަސް ފާހަގަކުރަމުން އަންނައިރު ރާއްޖޭގެ ތާރީހަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރައްވަ އެވެ. އަދި ވިދާޅުވީ އެ ބޭފުޅުންގެ ގަލަންކޮޅުތަކުން ދިވެހި ތާރީޚުގެ މައްޗަށް ލިޔުއްވައިފައި ނުވި ނަމަ އެތައް ހާސް އަހަރެއްވީ މި ގަދީމީ ދިވެހި ޙަޟާރަތުގެ އެވޭލާކަން މިއަދުގެ ޖީލުތަކާ ހަމައަށް ފޯރައިފައިނުވާނެ ކަމަށެވެ.

ދިވެހި ތާރީޚު ހޯދައި ދިރާސާކުރެއްވި ރާއްޖޭގެ ތާރީޚު އިލްމުވެރިންނަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު ވިދާޅުވީ  އަލްމަރުޙޫމް މަލިން މުޙައްމަދު ދީދީ އެކި ރަށްރަށަށް ދަތުރުކުރައްވައި ނޯޓުކުރައްވައިފައިވާ ތާރީޚީ ލިޔުންތައް ނެތް ނަމަ ރާއްޖޭގެ، އަދި ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ތާރީޚާގުޅޭ އެތައް މައުލޫމާތެއް މިއަދާއި ހަމައަށް ފެންނާކަށް ނުހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ވަނީ ދިވެހި ތާރީޚު ދިރާސާކުރުމުގެ އާ ރޫހަކާއި އެކު ފަތްތޫރަ މަޖައްލާގެ އެކި އަދަދުތަކުގައި ތާރީޚާގުޅޭ ޢިލްމީ ލިޔުންތަކެއް ޝާއިޢުކުރެއްވި އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއަކީ ދިވެހި ގައުމު އެބޭފުޅަކަށްޓަކައި ތާ އަބަދު ޝުކުރުވެރިވާ ފަދަ ގިނަގުނަ ޢިލްމީ މަސައްކަތްތަކެއް ދޫކުރެއްވި ބޭފުޅެއް ކަމަށާއި ދަތުރުފަތުރުގެ އުނދަގޫ ދުވަސްތަކެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި މަޢުލޫމާތު އެއްކުރެއްވި ހިތްވަރުގަދަ ބޭފުޅެއްވެސްމެއްކަން ފާހަގަކުރައްވާފަ އެވެ.  އޭގެ އިތުރުން ވެސް އަލްމަރްހޫމް އަހުމަދު ޝަފީގުއާއި އަލްމަރްހޫމް ޙަސަން އަހުމަދު މަނިކާއި އަލްމަރްޙޫމް މުހައްމަދު ވަހީދު ނަދުވީ ފަދަ ބޭބޭފުޅުންގެ ނަންފުޅުތަކަކީ ވެސް މިފަދަ ދުވަހެއްގައި ހަނދާނުން ފޮހެވޭނެ ނަންފުޅުތަކެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް