ads
ދިވެހިންތަކެއް އުމްރާއަށް ފުރަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
އުމްރާގެ ތައްޔާރީތައް މަޑުޖައްސާލަން އިސްލާމިކް މިނިސްޓްރީން އަންގައިފި
ޗައިނާއިން އަލަށް ފެނުނު ކޮރޯނާ ވައިރަހުގެ ބާވަތެއް ކަމަށްވާ ކޮވިޑް-19 ފެތުރޭތީ އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައި ވާތީ އުމްރާގެ އަޅުކަމަށް ވަމުންދާ ތައްޔާރީތައް މަޑުޖައްސާލަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ސައުދީ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުން ނޫން މީހުން އުމްރާއަށް ދިޔުން މަނާކޮށްފަ އެވެ. ވަަގުތީ ގޮތުން އެޅި އެ ފިޔަވަޅާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުމްރާއަށް ވިސާ ދޫކުރުން ސައުދީން ހުއްޓާލާފައިވާ ކަމަށެވެ. 

އޭގެ އިތުރުން ވިސާ ދޫކޮށްފައިވަ ފަރާތްތަކަށް ވެސް ސައުދީއަށް އެތެރެ ނުވެވޭނެ ކަމަށް އަންގާފައިވާ ކަމަށާއި، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކާއި އުމްރާވެރިން، އުމްރާއަށް ދިޔުމަށް ކުރަން ޖެހޭ ކަންކަން މަޑުޖައްސާލުމަށް އެދޭ ކަމަށް އެ ބަޔާނުގައި ވެއެވެ. 

ސައުދީ ސަރުކާރުން އެހެން ނިންމި ނަމަވެސް، ދިވެހި 49 މީހަކު މިއަދު ވަނީ އުމްރާއަށް ފުރާފަ އެވެ. މިއަދު ހަވީރު ފުރި އެ ގްރޫޕަށް ސައުދީއާ ހަމައަށް ދެވޭނީ މިރޭގެ ވަގުތެއްގަ އެވެ. އެއީ ނަވާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އުމްރާވެރިންނެވެ.

އޭގެ އިތުރުން ހައްޖު ކޯޕަރޭޝަނުން މިއަދު ވަނީ މާޗު މަހުގެ އުމްރާ ދަތުރުތައް ކެންސަލުކުރިކަން އިއުލާންކޮށްފަ އެވެ. އެ ކުންފުނިން ވަނީ އެ ދަތުރާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމި ތަމްރީން ބައްދަލުވުންތައް ވެސް ކެންސަލްކޮށްފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން މިހާތަނަށް 2770 މީހުން މަރުވެފައި ވާއިރު، 80،000 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ވަނީ ޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް