ads
ޖެންޑާއަށް މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 121 މައްސަލަ
ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހުގެ ތެރޭގައި 243 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކިބާވަތުގެ މައްސަލަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އިއްޔެ އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 121 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ގޮތުން އެ ބާވަތުގެ 48 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 43 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލައިގެ އިތުރުން ގަނާ އަދި ފުރައްސާރަކުރުމުގެ ހަތަރު މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލަ ހިމެނޭކަމަށެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 16 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ އާއި ވެކްސިން ނުދިނުމުގެ ތިން މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ ދެ މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ މިދިޔަ މަހު ހުށައަޅާފައިވާއިރު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ތިން މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ތިން މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއަށްފަހު ދެން އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަ އެވެ. އެގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ އެވެ. އެގޮތުން މި ބާވަތުގެ 13 މައްސަލަ މިމުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ އަށް މައްސަލައާއި ޖިންސީ އަނިޔާކުރުމުގެ ހަ މައްސަލަ އާއި، ރޭޕްކުރުމުގެ ތިން މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ދެ މައްސަލަ އާއި ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ އަދި އިހުމާލުވުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖެންޑާ މިނިސްޓްރީގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޑިސެމްބަރު މަހުގެ ތެރޭގައި 283 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލަ ޑިސެމްބަރު މަހުގައި ރިޕޯޓުކޮށްފައި ވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް