ads
ފޮޓޯ: އަވަސް
ޕީޕީއެމްގެ ލީޑާޝިޕާ ހަވާލުވާނެ ފަރާތެއް ނުހޯދަން: އަބްދުއްރަހީމް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލީޑާޝިޕާއި ހަވާލުވާނެ ފަރާތެއް ނުހޯދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބެއް ކާމިޔާބު ވާނެކަން ނުވަތަ ނޫންކަން ނިންމަން ވަކި ފަރުދަކަށް ނޭންގޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕަށް ހަވާލުވާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްގެން ނޫޅޭކަމަށް އިބްދުއްރަހީމްގެ ޓްވީޓްގައި ވެއެވެ. 

އަބްދުއްރަހިމް މިފަދައިން ޓްވީޓް ކުރައްވާފައި ވާއިރު، ކުރީގެ ރައީސް ޔާމީނަށް ކުރެވޭ އިތުރު ތުހުމަތުތަކަށް އިއްޔެވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. 

މަނީ ލޯންޑަރިން ކުށުގައި މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނަށް ކުރެވޭ އެއް ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓް ތަރައްގީކުރުމަށް ފަޅުތަކާއި ރަށްތައް ކޮރަޕްޝަން ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް ބިލިއަން ރުފިޔާ (77.5 މިލިއަން ޑޮލަރު) އަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތެވެ. 

އޭގެ އިތުރުން ޑޮލަރު ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން 220.7 މިލިއަން ރުފިޔާ (14.2 މިލިއަން ޑޮލަރު) ހޯދައި އެ ފައިސާ އަށް ވެސް ހިޔާނާތްތެރިވެ ލޯންޑަ ކުރި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. 

މީގެ އިތުރުން ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރްސީން 1.9 މިލިއަން ރުފިޔާ (122،626 ޑޮލަރު) އަމިއްލަ ފަރާތްތަކަށް ލޯނުގެ ގޮތުގައި ދޫކޮށް އެ ފައިސާ އަށް ވެސް ހިޔާނާތްތެރިވެ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. 

އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 17.2 މިލިއަން ރުފިޔާ (1.1 މިލިއަން ޑޮލަރު) ހޯދައި އެ ފައިސާ ލޯންޑަކުރި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް