ads
ފޮޓޯ: ސްޓެލްކޯ
ކުންފުނި ޖޫރިމަނާ ކުރީ އެންވާރަމެންޓް މިނިސްޓްރީގެ އިހުމާލުން: ސްޓެލްކޯ
އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސްޓެލްކޯ ޖޫރިމަނާ ކުރީ އެންވަޔަރުމެންޓް މިިނިސްޓްރީގެ އިހުމާލުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މާލެ އަތޮޅު ހިންމަފުށްޓާއި ތުލުސްދޫ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންސްތަކުގެ ދަށުން ކޮންމެހެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާ ކަމަށް ބުނެ އީޕީއޭ އިން ވަނީ ސްޓެލްކޯ 5000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިންމަފުށްޓާއި، ތުލުސްދޫގެ ނަރުދަމާ އާއި ހަވާލުވުމުގައި އެ ކުންފުނީގެ އެއްވެސް އިއުތިރާޒެއް އޮތްނަމަ އެކަން އެންގެވުމަށް އެންގި މުއްދަތުގެ ތެރޭގައި އެ މަސައްކަތް ކުރުމުގައި ހުރި ދަތިތައް ރަސްމީކޮށް އަންގައިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެކުންފުނިން ލައިސަންސްއަށް އެދިފައިވާނީ އެކަންކަން ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން އެންވަޔަރަންމަންޓް މިނިސްޓްރީއިން ދިނުމުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައިވެއެވެ. 

އެހެން ނަމަވެސް އެކަންކަން ކޮށްނުދީ ގިނަ ދުވަސް ވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، އެންމެ ފަހުން އެކަންކަން ކޮށްދެއްވާފައިވަނީ ޕްލޭނިން މިނިސްޓްރީ އިން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.


"ޕްލޭނިން މިނިސްޓްރީން ހިންމަފުށްޓާއި ތުލުސްދޫގެ ނަރުދަމާގެ ކަންކަން މިކުންފުންޏާއި ހަވާލު ކުރެއްވިތާ ދެ ދުވަހުގެ ތެރޭގައި މިކުންފުނިން ވަނީ ރަސްމީކޮށް އެ ޒިންމާއާއި ހަވާލުވެފަ އެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން، އީޕީއޭއިން އެ ކުންފުނި ޖޫރިމަނާކުރައްވައި ބަޔާން ނެރުނުއިރު، އެ ކުންފުނިން ވަނީ އެ ދެރަށުގެ ނަރުދަމާއާއި ރަސްމީކޮށް ހަވާލުވެފައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"އެހެންކަމުން ހިންމަފުށްޓާއި، ތުލުސްދޫގެ ނަރުދަމާ ނިޒާމާއި މި ކުންފުނިން ހަވާލުވީ ދުވަހު، އީޕީއޭއިން ނޫސް ބަޔާނެއް ނެރުއްވާފައިވާތީ އެކަމާ ހިތާމަކުރާވާހަކަ ދަންނަވަމެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީން ކޮށްދެއްވަންޖެހޭ ކަންކަން ކޮށްނުދެއްވައި ލަސްވުމަކީ ސްޓެލްކޯ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމުގައިވެސް ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ އެކުންފުނި ޖޫރިމަނާ ކޮށްފައިވަނީ އީޕީއޭއިން ބައްލަވަންޖެހޭ ވަރަށް ނުބައްލަވައި، ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ރައްޔިތުންގެ މެދުގައި އެކުންފުންޏާއި މެދު އޮތް ރަނގަޅު ތަސައްވަރު ކިލަނބު ވާފަދަގޮތައް ކަމަށެވެ.

އޭގެ އިތުރުން ކުންފުނި ޖޫރިމަނާ ކުރިކަމުގައި ވީނަމަވެސް، ރައްޔިތުންނަށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް ދިނުމުގައި އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައިވެއެވެ.

ހަމައެހެންމެ އެދެރަށުގެ އިތުރުން ވެސް އެހެނިހެން ރަށްރަށުގެ ނަރުދަމާ ނިޒާމާއި މި ކުންފުނިން ހަވާލު ވުމުގެ ކަންކަން އެންވަޔަރަންމަންޓް މިނިސްޓްރީއިން ނުވަތަ ކަމާބެހޭ މިނިސްޓްރީއަކުން ނިންމާ ހަވާލުކުރާހާ އަވަހަކަށް އެ ރަށެއްގެ ނަރުދަމާ އެކުންފުނިން ހަވާލުވާނެ ކަމަށް ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް