ads
ތާލިބާނު ލީޑަރުން-- ފޮޓޯ: އަލް ޖަޒީރާ
18 އަހަރުވީ އަފްގާން ހަނގުރާމަ ނިންމުމަށް އެމެރިކާ އާއި ތާލިބާނުން އެއްބަސްވެއްޖެ!
އަފްގާނިސްތާނުގެ 18 އަހަރުވީ ދިގު ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަ ގާއިމް ކުރުމަށް އެމެރިކާ އާއި ތާލިބާނުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމެރިކާ އާއި ނޭޓޯ ގައުމުތަކުން ވަނީ އަފްގާނިސްތާނުގައި ތިބި ސިފައިން 14 މަސް ތެރޭގައި އެގައުމުން ބޭލުމަށް ނިންމާފަ އެވެ. އެކަމަކު އޭގެ ބަދަލެއްގެ ގޮތުގައި ތާލިބާނުން ވެސް އެއްބަސްވުމާ އެއް ގޮތަށް އަމަލު ކުރަން ޖެހެ އެވެ. 

ގަތަރުގެ ދޯހާގައި އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އާއި ތާލިބާނު ލީޑަރުންނެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމާއެކު ތާލިބާނުންނާއި އަފްގާން ސަރުކާރާ ދެމެދު މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ އެވެ. 

އެއްބަސްވުމުގައިވާ ގޮތުގެ މަތިން ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި އަލް ގައިދާ އަދި އެ ނޫން ވެސް ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ނުދޭން ވަނީ ނިންމާފަ އެވެ. 

އެމެރިކާއިން އަފްގާނިސްތާނަށް އަރާފައި ވަނީ އަލް ގައިދާއިން ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. 

އެއަށްފަހު އަފްގާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ސިފައިންގެ 2400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. 

މިހާރު ވެސް އެމެރިކާ ސިފައިންގެ 12،000 އެއްހާ މީހުން އަފްގާނިސްތާނުގައި ތިބިއިރު، މި ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވައުދުފުޅެކެވެ. 

އެމެރިކާ އާއި ތާލިބާނާ ދެމެދު ކުރި ސުލްހައިގެ މަޝްވަރާތައް

އަފްގާނިސްތާނަށް ސުލްހަ ގެނައުމުގެ މަޝްވަރާތައް 2011 ވަނަ އަހަރުން ފެށިގެން ގަތަރުގައި ދަނީ ކުރިއަށެވެ. ތާލިބާނު ލީޑަރުން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރާނެކަން އިއުލާން ކުރީ ޑިސެމްބަރު 2018 ގައެވެ. 

އެކަމަކު އަފްގާން ސަރުކާރާއެކު މަޝްވަރާ ނުކުރާނެ ކަމަށް ތާލިބާނުން ދިޔެއީ ބުނަމުންނެވެ. އެއްބަސްވުމަކާ ހަމައަށް އާދެވިފައި މިވަނީ ނުވަ ފަހަރު މަތިން އެމެރިކާ އާއެކު މަޝްވަރާތައް ބާއްވައިގެންނެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާއިން ނިންމާފައި ވަނީ އެއްބަސްވުމަކަށް އައުމުގެ ކުރިން، 20 ހަފްތާގެ ތެރޭގައި އަފްގާނިސްތާނުން އެގައުމުގެ 5400 ސިފައިން ބޭލުމަށެވެ. 

އޭގެ ދުވަސްތަކެއް ފަހުން އެމެރިކާ ސިފައިންގެ މީހަކު އަފްގާނިސްތާނުގައި މަރުވުމުން، ޓްރަމްޕް ވިދާޅުވެފައި ވަނީ މަޝްވަރާތައް "މަރުވީ" ކަމަށެވެ. 

އެކަމަކު އޭގެ ދެ ހަފްތާ ފަހުން އަނެއްކާ ވެސް މަޝްވަރާ ކުރަން ފެށި އެވެ. މީގެ ހަފްތާއެއް ކުރިން ތާލިބާނުން ވަނީ ހަމަލާތައް މަދު ކުރަން ނިންމާފަ އެވެ. 

ނަމަވެސް އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި އެ ހަފްތާގެ ތެރޭގައި ވެސް 22 ސިފައިންނާއި، އާއްމުންގެ 14 މީހަކު މަރުވެފައި ވެއެވެ. 

އަފްގާން ހަނގުރާމަ ފެށުނީ ކިހިނެއް؟

އަފްގާން ހަނގުރާމަ ފެށުނީ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ހަމަލާ ދިނުމުގެ ފަހަތުގައި އުސާމާ ބިން ލާދިން އެމެރިކާއާ ހަވާލު ކުރުމަށް ތާލިބާނުން ދެކޮޅު ހެދުމުންނެވެ. 

އޭރު އަފްގާނިސްތާނުގެ ވެރިކަމުގައި ތިބީ ތާލިބާނުންނެވެ. އެ މައްސަލާގައި އެމެރިކާއިން އެންމެ ފުރަތަމަ ދިނީ ވައިގެ ހަމަލާތަކެވެ.

އޭގެ ދުވަސްކޮޅެއް ފަހު އެމެރިކާ އާއި ބައެއް އެހެން ގައުމުތައް ގުޅިގެން އަފްގާނިސްތާނަށް އަރާ، އެގައުމުގެ ސަރުކާރުން ތާލިބާނުން ވަކި ކުރި އެވެ. 

އެކަމަކު އެއާއެކު ތާލިބާނުން ބަދަލުވީ ހަނގުރާމަވެރި ޖަމިއްޔާ އަކަށެވެ. އަދި އެމެރިކާ ސިފައިންނާއި އާ ސަރުކާރާ ދެކޮޅަށް ހަމަލާ ދޭން ފެށި އެވެ.

އެ ހަނގުރާމައިގައި ބައިނަލްއަގްވާމީ ފައުޖުތަކުގެ 3،500 ސިފައިން މަރުވެފައި ވާއިރު، އަފްގާނިސްތާނުގެ އާއްމުންނާއި ހަނގުރާމަވެރިންނާއި، ސިފައިން މަރުވި ސީދާ އަދަދު އަންދާޒާ ވެސް ނުކުރެވެ އެވެ. 

އދ. އިން ފެބްރުއަރީ 2019 ގައި ނެރުނު ރިޕޯޓެއްގައި ބުނީ 32،000 އާއްމުން މަރުވި ކަމަށެވެ. އޭގެ އިތުރުން ސިފައިންގެ 58،000 މީހުންނާއި، ހަނގުރާމަވެރިންގެ 42،000 މީހުން މަރުވި ކަމަށް ލަފާ ކުރެވެ އެވެ.

ތާލިބާނުންނަކީ ކޮން ބައެއް؟

ތާލިބާނުން އުފެދިގެން އައީ 1989 ވަނަ އަހަރު ރަޝިއާގެ ފައުޖުތައް އަފްގާނިސްތާނުން ފޭބުމުންނެވެ. ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ފަތަހަ ކުރީ 1996 ގައެވެ. 

އޭގެ ދެ އަހަރު ފަހުން ގާތްގަނޑަކަށް މުޅި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި އެވެ. 

ތާލިބާނުންގެ ވެރިކަމުގައި ޓީވީ އާއި މިއުޒިކް އަދި ސިނަމާ މަނާ ކުރުމާއެކު، ހެދުން އެޅުމަށް ވަކި މިންގަނޑުތަކެއް ނެރުނެވެ. އަދި އަންހެން ކުދިންނަށް ތައުލީމް ދިނުމާއި ދެކޮޅަށް މަސައްކަތް ކުރި އެވެ. 

ތާލިބާނު ވެރިކަމުން ބޭލުމުން އެ މީހުންގެ ލީޑަރަކަށް ހުރީ މުއްލާ އުމަރެވެ. 2013 ވަނަ އަހަރު އޭނާ މަރުވުމުން، ތާލިބާނުން އެކަން ކަށަވަރުކޮށްދިނީ ކުރީ އޭގެ ދެ އަހަރު ފަހުންނެވެ. 

މިހާރު ތާލިބާނުންގެ ލީޑަރަކީ މައުލާވީ ހިބާތުﷲ އަހުންދްޒާދާ އެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް