އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރައިމެރީގެ ކެމްޕެއިން އަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތެރެއިން މިއަދި، އއ. މާޅޮހަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، މިއީ އެމްޑީޕީގެ އެތެރޭގެ ޕްރައިމެރީއެއް ނަމަވެސް، ޕްރައިމެރީގެ ތެރޭގައި އެހެން ކުލަތައް ޖެހެމުން އަންނަ ކަމަށާއި، މިކަމާއި ދޭތެރޭ ޕާޓީގެ މެމްބަރުން ވިސްނަވަން ޖެހޭނެ ކަމަށާއި، އެފަރާތްތަކުގެ ބޭނުމަކީ ކޮބައިކަން އެނގެންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މަންޒަރު މިހާރު ބައެއް ރަށްރަށުން ފެންނަމުން އަންނަ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެ ފަރާތްތަކުން އެކަންކަން ކުރަމުން ދަނީ، އެމްޑީޕީއަށް ސާފުކޮށް ރާއްޖޭގެ ވެރިކަމުގެ އިތުރު ދައުރެއް ލިބޭނެކަން ޔަގީންވާތީ އެކަމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީ އަކި ވަރަށް ޑިމޮކްރެޓިކް ޕާޓިއެއް ކަމަށާއި، ޕާޓީގެ އެތެރޭގައި ހިންގަމުން އަންނަ ޕްރައިމެރީތައް ވާދަވެރިވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ރާއްޖޭގެ އެހެން ޕާޓީތަކަށް ނަމޫނާ ދައްކަމުން އަންނަ ޕާޓީއެއް ކަމަށާއި، މި ޕްރައިމެރީ އަކީވެސް އެހެން ޕާޓީތަކަށް ނަމޫނާ އަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި ވާއިރު، މިމަހުގެ 22 ވަނަ ދުވަހު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ތުޅާދޫއަށް ވަޑައިގަތުމުން އެކަމަނާއަށް އެރަށުން ބަޔަކު މީހުން ވަނީ ދިމާ ކޮށްފަ އެވެ.
ހިސާން ތުޅާދުއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށެވެ. އެކަމަނާ އެރަށަށް ވަޑައިގަތުމުން ރަށުން ބަޔަކު ވަނީ އެކަމަނާ އާއި ދިމާކޮށް ފުރައްސާރަ ކޮށްފަ އެވެ. އަދި ހަޑިހުތުރު ބަހުން ބަސްތައް ބުނެ، މިއަދު ދުނިޔޭގައިވެސްނެތް ހިސާންގެ ލޮބުވެތި ބައްޕަގެ ނަންވެސް ބޭނުންކޮށްގެން އެފަރާތްތަކުން ދިޔައީ، ހިސާން އަށް ބަހުގެ ހަމަލާތައް ދެމުންނެވެ.
މިކަމާއި ގުޅިގެން ހިސާން ވިދާޅުވީ، އެކަމަނާ މިވަގުތުވެސް ހުންނެވީ، ތުޅާދޫގައި ކަމަށާއި، އެރަށުން އެކަމަނާގެ ގަޔަށް ބޮލަށް އަރަން އުޅުނީ، ޕީޕީއެމްގެ 10 ވަރަކަށް މީހުން ކަމަށެވެ. އަދި އެކަމަނާ ވަށައިގެން ތިބީ، އެކަމަނާގެ ދިފާއުގައި ތިބި، އެކަމަނާގެ ޓީމުގެ މީހުން ކަމަށްވެސް ހިސާން ވަނީ ވިދާޅުވެފަ އެވެ.