ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލް ކައިރީ ހުންނަ ކުޅޭއެއްޗެހި ވިއްކާ ފިހާރައެއް ކައިރީ ހިނގި މިމާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މީހަކަށް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އޭނާ އަށް ހަމަލާ ދިނީ އެ ފިހާރަ ކައިރީ ހުއްޓާ، ދެ ސައިކަލެއްގައި އައި ހަތަރު މީހުން ކަމަށް މަންޒަރުދުށް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މި މާރާމާރީ އާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މި މާރާމާރީ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، އެހެން ނަމަވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިއްޔެ ހިނގި މާރާމާރީގައި ޒަހަމްވި މީހާ އަށް ފަރުވާ ދިނުމަށް ގެންދިޔައީ، އެ ސަރަހައްދުން ދިޔަ ކާރެއް ހުއްޓުވައިގެން ކަމަށާއި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ގައިން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ފަހަކަށްއައިސް އައިސް މާލޭގައި މާރާމާރީތައް އިތުރުވަމުން އަންނަ އިރު، މިދިޔަ ހަފްތާގެ ބުދަދުވަހުގެ ރޭ ވެސް ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ވަނީ ޒަހަމް ކޮށްލައިފަ އެވެ. މި މާރާމާރީ އާއި ގުޅިގެންވެސް އަދި މިހާތަނަށް މީހަކު ހައްޔަރުކުރިން ކަށަވަރެއް ނޫނެވެ.
މާލޭގައި ހިންގާ މާރާމާރީތަކާއި، ކުށްތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން މިދިޔަ އަހަރުން ފެށިގެން ހާއްސަ އޮޕަރޭޝަން ތަކެއް ހިންގަމުން އަންނަ އިރު، ގުރޫޕުތައް ތިބޭ ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަގުމަތިން މީހުން ހުއްޓުވާ ބަލާފާސްކުރަމުން ގެންދެ އެވެ.
މާލޭގައި އަނެއްކާވެސް މާރާމާރީތައް ހިންގުން އާއްމުވެފައި މިވަނީ، ދުވަސްތަކެއް ވަންދެން މާރާމާރީތައް ހިންގުން ހުއްޓިފައި އޮތުމަށްފަހު އެވެ.