ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
ރައީސްގެ ސަލާމަތަށް ނުރައްކާކުރަން މަސައްކަތްކުރޭ: މިއުވާން
އެމްޑީޕީގެ ޕްރައިމެރީގެ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ބައެއް ރަށްރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން، އެމަނިކުފާނުގެ ސަލާމަތަށް ނުރައްކާކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިފަދައިން ވިދާޅުވީ، ބައެއް ރަށްތަކަށް ރައީސް ސޯލިހު ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކިޔަމުން އަންނަ ފާޑުކިޔުންތަކާއި ގުޅިގެންނެވެ، 

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވާހަކަފުޅު ދައްކަވަމުން މިއުވާން ވިދާޅުވީ ރައީސް ސޯލިހު ކެމްޕެއިން އަށް ވަޑައިގަންނަވާއިރުވެސް އަދި އެ ނޫން ގޮތަކަށްވެސް ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގަންނަވާއިރުވެސް ހިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ސަރުކާރުން ދީފައިވާނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފުރުސަތު ދޭނެ ކަމަށެވެ. 

ކެމްޕެއިނަށް ވަޑައިގެންނެވި ބައެއް ރަށްރަށުން މަދުން ނަމަވެސް އެމަނިކުފާނާއި ދެކޮޅަށް ޝުއޫރުފާޅުކުރަމުން ދިޔަ މަންޒަރު ފެނިފައި ވާކަމަށާއި، އެހެން ނަމަވެސް ރައީސް ސޯލިހު އަކީ މަލްޓި ޕާޓީ ޑިމޮކްރަސީއަށް ފަރިތަ ބޭފުޅެއް ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ބަސްބުނެ ޝުއޫރު ފާޅުކުރުމުގެ ހައްގު އޮންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ކަމަށް މިއުވާން ވިދާޅުވި އެވެ. 

"އިދިކޮޅެއް އަދި އިދިކޮޅެއްގެ އަޑެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރި ހަތް އަހަރަށް ފަހު ރައީސް ސޯލިހުގެ ވެރިކަން ފެށި، އިދިކޮޅު ފަރާތްތަށް އަޑުއުފުލަން ޖާގަ މިވަނީ ތައް މިނަށް ދެވިފަ. އެ މިނިވަންކަމުގެ ބޭނުން ހިފާނީ އަހުލާގީ ގޮތުން ކޮން މިންގަނޑެއްގައިތޯ ނިންމަވާނީ އެބޭފުޅުން." މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ، މިނިވަންކަން އޮތް ނަމަވެސް އެކަމުގެ ފައިދާ ނާޖައިޒް ގޮތުގައި ހިފާތަން ފެންމުންދާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައި ވާކަމަށާއި، ރައީސްގެ ސަލާމަތަށް ނުރައްކާކުރުމަށް މަސައްކަތް ކުރި ކަމަށެވެ. 

"ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން އޮތް ފުރުސަތުގެ ބޭނުން ނަހަމަގޮތުގައި ހިފާ، އެ ފުރުސަތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވޭ. ބައެއް ރަށްރަށުގައިވެސް ސިޔާސީ ހަރަކާތްތަކުގެ ނަމުގަ، މުޒާހަރާ ކުރުމުގެ ނަމުގަ ރަށުތެރޭގެ ހަމަޖެހުން ނަގާލާ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތަށް ނުރައްކާކުރުމަށް ފުރުސަތެއް ސަލާމަތީ ހިދުމަތްތަކަކުން ނުދޭނެ. މި ދަތުރުތައް ކަވަރު ކުރުމަށް ދިޔަ ނޫސްވެރިންނަށް އެނގޭނެ ޏ. ފުވައްމުލަކުގައިވެސް، ގއ. ވިލިގިލީގައިވެސް އިދިކޮޅު ފަރާތްތަކުން އެ ރަށްރަށުގެ ހަމަޖެހުން ނަގާލާ، ރައީސްގެ ސަލާމަތަށް ނުރައްކާކުރަން ކުރި މަސައްކަތް." މިއުވާން ވިދާޅުވި އެވެ.

އަދި މިކަމާއި ގުޅިގެން ރަށުތެރޭގެ ހަމަޖެހުން ގާއިމް ކޮށް، ރައީސްގެ ސަލާމަތަށް ނުރައްކާވާ ކަންކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިއުވާން ވަނީ ފާހަގަ ކުރައްވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް