ads
އިމިގްރޭޝަން އަދި އޭސީސީގެ ދެމެދުގައި ބަދަލުކުރެވޭ ފަހުމުނާމާގައި ސޮއިކުރަނީ---ފޮޓޯ:އޭސީސީ
ކޮރަޕްޝަން ނައްތާލުމަށް އޭސީސީ އާއި އިމިގްރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ހިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީީސީ) އާއި މޯލްޑިވްސް އިމިގްރޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އޭސީސީ އިން ބުނީ، އެ ފަހުމުނާމާގެ ދަށުން، އެ ކޮމިޝަނުން ކުރަމުން ގެންދާ ތަހުގީގުތަކާއި ގުޅިގެން ކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަގްސަދު ހާސިލުކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

އެގޮތުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި ދިމާވާކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ގާއިމްކޮށް އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ދެ މުއައްސަސާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގުރާމްތަކުގައި، ދެ މުއައްސަސާގެ މުވައްޒަފުން ބައިވެރިކުރުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅޭނެ ކަމަށް އޭސީސީން ބުންޏެވެ.

މާފަންނުގައި ހުންނަ އިމިގްރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުންގެ ރައީސް އާދަމް ޝާމިލް އެވެ. އަދި އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ މެންބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ ދެ މުއައްސަސާގެ މެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން އެންމެ މުހިންމު ކަމެއްގެގޮތުގައި ފާހަގަކުރެވެނީ އޭސީސީގެ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެންދިއުން ކަމަށެވެ.

މިރަސްމިއްޔާތުގައި ކޮންޓްރޯލަ ޖެނެރަލް މުހައްމަދު އަހްމަދު ވިދާޅުވީ، އިމިގްރޭޝަން ފަދަ މުހިއްމު ހިދުމަތެއް ފޯރުކޮށްގެންތިބޭ މުއްސަސާއެއްގެ ކޮންމެ މުވައްޒަފަކީވެސް ނަޒާހަތްތެރިކަން އިސްކުރާ އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ މީހަކަށް ވާންޖެހޭނެކަމަށެވެ. އަދި ސޮއިކުރެވުނު އެއްބަސްވުމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް އިތުރަށް ހޭލުންތެރިވެ މުވައްޒަފުންނަށްވެސް އެދެވޭ ތަޖުރިބާއާ ތަމްރީނު ލިބިގެންދާނެކަށްވެސް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް