ads
ބޯހުރާ: ގިނަ ބައެއްގެ ކަންބޮޑުވުންތަކާ އެކު، ކުއްޔަށް ދޫކުރާ ތަންތަނުގެ ލިސްޓުން ބޯހުރާ އުނިކޮށް އަލުން ވަނީ އިއުލާނުކޮށްފައި - ފޮޓޯ:އިމްތި ފޮޓޯސް
ބޯހުރާ އުނިކޮށް ކުއްޔަށް ދޫކުރާ ރަށްތަކުގެ ލިސްޓް އަލުން އާންމުކޮށްފި
ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ތަންތަނުގެ ލިސްޓުން މ. ބޯހުރާ އުނިކޮށް ބައެއް ކުދި ބަދަލުތަކާ އެކު އަލުން އިއުލާނުކޮށްފިއެވެ.

ބޯހުރާ ހިމެނޭހެން ފަތުރުވެރިކަމުގެ ބޭނުމަށް ނުވަ އަތޮޅަކުން 14 ރަށަކާއި ފަޅަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރާއްޖޭގައި ރާޅާ އެޅުމަށް އެންމެ މަޝްހޫރު އެއް ސަރަހައްދުގެ ގޮތުގައި ހިމެނޭ ބޯހުރާ އެ ލިސްޓުގައި ހިމަނާފައިވާތީ، އެ ކަމާ ދެކޮޅަށް މ. މުލީގެ ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އިތުރުން އެ ސަރަހައްދުގައި ރާޅާ އަޅާ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެ ފާޑުކިއުންތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީީގެ ފަރާތުން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ބަޔާނެއްވެސް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ:

  • ރިސޯޓު ތަރައްގީކުރާއިރު، ބޯހުރާ ކައިރީގައި އޮންނަ ސާފް ޕޮއިންޓް، ބޯހުރާގެ ބައުންޑްރީގައި ހިމަނާފައި ނުވާނެކަމަށް
  • އެ ފަދައިން ހުންނަ ސާފްޕޮއިންޓްތައް އާންމުންނާއި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ސައިޓް މެނޭޖްމެންޓް ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށް

ގިނަ ބައެއްގެ ކަންބޮޑުވުންތަކާ އެކު، ޓޫރިޒަމް މިނިސްޓްރީން ވަނީ ބީލަމުގެ ލިއުންތަކަށް ބަދަލު ގެނެސް ބޯހުރާ އުނިކުރުމަށްފަހު އަލުން އެ ލިސްޓު އާންމުކޮށްފައެވެ.

މީގެ އިތުރުން ދޫކުރުމަށް ނިންމި ތަންތަނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުން މި މަހުގެ ހަތްވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ. ބައްދަލުވުމުގެ ތާރީހަށް ބަދަލު ގެނެސްފައިވަނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހަކީ ރިޔާސީ ބަޔާން އިއްވުމަށްޓަކައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވާތީއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވާ ގޮތުގައި ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓް ފެށޭ އަގު އުޅެނީ ދެ ލައްކަ ޑޮލަރު (ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ) އާއި 2.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ) އާ ދެމެދުގައެވެ.

ބޯހުރާ އަކީ މުލީގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ އަހަރުގެ ތެރޭގައި މުލީ ކައުންސިލުން ނިންމާފައިވަނީ އެ ސަރަހައްދު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. ފަތުރުވެރިކަމުގެ ބޭނުމަށް 2019 ވަނަ އަަހަރު ދޫކުރުމަށް ނިންމި ރަށްތަކުގެ ތެރޭގައި ބޯހުރާ ވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް