ads
މީގެ ކުރިން ބޭއްވުނު މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމެއް: ސަރުކާރުން މިހާރު ވަނީ ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް 200 ސްކޮލަޝިޕް ފުރުސަތަށް ހުޅުވާލާފައި - ފޮޓޯ:ރައީސް އޮފީސް
ސަރުކާރުން 200 ޗާޓަޑް އެކައުންޓެންޓުން ތަމްރީނުކުރަނީ
ދިވެހިރާއްޖޭގައި ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް 200 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލި މި 200 ސްކޮލަޝިޕަކީ ސަރުކާރުން ހަރަދުކުރާ ގޮތަށް ދިނުމަށް ނިންމާފައިވާ ސްކޮލަޝިޕްތަކެކެވެ.

ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް ސްކޮލަޝިޕް ސްކީމް ހުޅުވާލާފައިވަނީ ދެ ކެޓެގަރީއަކުންނެވެ. އެއީ ޕަބްލިކް ސެކްޓަރަށް ހުޅުވާލާ 50 ޖާގަ އާއި އޯޕަން ކެޓެގަރީއަށް ހުޅުވާލާ 150 ޖާގައެވެ. މި ސްކޮލަޝިޕް ސްކީމް ހާއްސަކޮށްފައިވަނީ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) އަދި ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) މި ދެ ދާއިރާއަށެވެ.

އެގޮތުން އޭސީސީއޭގެ ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ ކޯސްތަކަށާއި ސީމާގެ މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލްގެ ކޯސްތައް ކިޔެވުމުގެ ފުރުސަތު ޝަރުތު ހަމަވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ސްކީމާ ގުޅޭގޮތުން ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ވީހާވެސް ގިނަ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިއީ ފަންނީ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހިމެނޭ މުހިންމު ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ވަކިން ހާއްސަކޮށް، މި ދާއިރާގައި ވަޒީފާ އަދާކޮށް މަސައްކަތް ކުރަމުންދާ ޒުވާނުންނާއި މި ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވެފައި ތިބި ޒުވާނުން މި ކަމަށް ކުރިމަތިލައްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" - ހަޔަ އެޑިޔުކޭޝަން މިނިސްޓަރު

ސްކޮލަޝިޕްގެ ތެރެއިން ސަރުކާރުގެ ފަރާތުން ކޮށްދޭނެ ހަރަދުތައް:

  • ރަޖިސްޓްރީ ކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
  • އެގްޒާމް ފީ
  • އެޕްލިކޭޝަން ފީ
  • މެމްބަޝިޕް ފީ (ދެ އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭ ކަމުގައި ވާނަމަ)
  • ބުކް އެލަވަންސް
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
  • އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހަރަދު   

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓުގެ ގޮތުން އެއްވަރުވާނަމަ، އެއްވަރުވި ފަރާތްތަކުގެ ތެރެއިން ކެންޑިޑޭޓަކު ހޮވާނީ މެރިޓް އުސޫލުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަޝިޕަށް ސިލެކްޓްކުރެވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި ޕަބްލިކް ކެޓެގަރީއަށް ކަނޑައެޅިފައިވާ ޖާގައަށްވުރެ އިތުރަށް ޝަރުތު ހަމަވާ ފަރާތްތަކުން އެ ކެޓެގަރީއަށް ކުރިމަތިލާފައިވާ ނަމަ އެ ފަރާތްތަކުގެ އެޕްލިކޭޝަން އޯޕެން ކެޓެގަރީގައި ހިމެނޭނެ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރިމެންޓުގައި ސޮއިނުކުރާ ނަމަ މި ސްކޮލަޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނެފައިވަނީ ސްކޮލަޝިޕަށް ނޮމިނޭޓްވެއްޖެ ނަމަ ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

އެކައުންޓިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ހުޅުވާލި މި ސްކޮލަޝިޕް ސްކީމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އިތުރު މައުލޫމާތު ހޯދުމަށް: [email protected]

އެޕްލިކޭޝަން ހުށަހެޅުމަށް: https://myedu.egov.mv/

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް