ads
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި: ފައިލް ފޮޓޯ
ޓްރާންސްފޯމަރު ބަހައްޓަން ބިން ނުދިން، ކަރަންޓް ކެނޑިދާނެ: ސޓެލްކޯ
ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައިނުވާތީ މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ގާކޮށި ސަބްސްޓޭޝަނާއި ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަން އަދި ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނުގައި އިތުރު ޓްރާންފޯމަރު ބަހައްޓަންޖެހޭތީ ބިން ހަމަޖައްސާ ދިނުމަށް ތަކުރާރުކޮށް މާލޭ ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ.

"މީގެ ތެރެއިން، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް. އަދި މިހާރު އެ ލޯޑް ޓްރާންފަރކުރި ޓްރާންސްފޯމަރުތަށްވެސް ވަނީ އޯވާލޯޑް ވުމާއި ގާތަށްގޮސްފައި. މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ވަނީ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައި. އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވި، އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައެއްނުވޭ" ސްޓެލްކޯއިން ބުނެފައިވެއެވެ.

ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރެއްކަމަށާއި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021ގައި ވަނީ ސިޓީ ފޮނުވި ނަމަވެސް ސިޓީ ކައުންސިލުން ޖަވާބެއް ނުދޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށް އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ވަނީ ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހަޅާ ފަހުން ފޮނުވި ސިޓީތަކަށްވެސް ޖަވާބު ނުދިންކަމަށް ސްޓެލްކޯއިން ބުނެއެވެ. 

މި ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމާއި، މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ވަނީ ހިއްސާ ކުރެވިފައިކަމަށް ސްޓެލްކޯއިން ބުނއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ ކުރިއަށް އޮތީ ހޫނު މޫސުމުގެ ދުވަސްތަކާއި ރޯދަމަސްކަމުން ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް ބޭނުންވާކަމަށާއި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް ގެނެވިފައިވާ ކަމަށެވެ.

"މިކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތުއޮތް ކަން އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލްކުރަންޖެހިދާނެ ކަން ބަޔާންކޮށް މިކުންފުނިން މިކަންކަމާއި ގުޅިގެން ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު، މާލޭ ސިޓީކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށްބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި 24 އޮކްޓޯބަރ 2022 ގައި ސިޓީ ކައުންސިލްގެ ސިޓީއެއް މިކުންފުންޏަށް ވަނީ ލިބިފައި. އެހެން ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު މިކުންފުނިން ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްލެވޭ"

ސިޓީ ކައުންސިލުން ޓްރާންސްފޯމަރެއް ބަހައްޓާދިނުމަށް ސްޓެލްކޯގައި އެދުނު ނުވަ ނަމްބަރު ކޮށި  ސަރަހައްދަކީ ޕީޕީއެމްގެ ރަސްމީ އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ ދޫވެހި ހިމެނޭ ސަރަހައްދެވެ.

ސްޓެލްކޯއިން ބުނީ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެކަމަށާއި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުންދީ ޒިންމާދާރުކަމާއެކު ގުޅިގެން އެކީގައި މަސައްކަތް ކުރުމަށް ސްޓެލްކޯއިން އެދެއެވެ.

ސްޓެލްކޯގެ ތުހުމަތުތަކާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް