ads
ފޮޓޯ: ސީއެންއެމް
ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމް އެހެން ދިމާލަކަށް ގެންދަން: ޖާބިރު
ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ދިމާލަކަށް ގެންދިއުމަށްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިިން ވިދާޅުވެފައިވަނީ ބޮޑުމޮހޮރާއާއި ހަވާލުވުމަށް އެރަށަށް ދަތުރު ފެށުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. 

އެގޮތުން ޖާބިރު ވިދާޅުވީ، މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް މޮޑެލް ނޫން އެހެން ދިމާލަކަށް ގެންދިއުމަށް ކަމަށެވެ. އަދި އެކަމަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ބޭނުންވާކަމަށާއި، އެހެން ނަމަވެސް އެވަރަށް ލޯނު ދިނުމަށް ރާއްޖޭގެ ބޭންކްތަކުން ތައްޔާރު ނޫންކަމަށް ޖާބިރު ވިދާޅުވި އެވެ. 

އަދި މަސައްކަތް ކުރަމުން އަންނަނީ ސޮވްރިން ގެރެންޓީއެއްގެ ދަށުން ރާއްޖެއިން ބޭރުން ލޯނެއް ހޯދުމަށް ކަމަށާއި، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް މަޝްވަރާ ކޮށްފައިވާކަމަށް ޖާބިރު ވިދާޅުވި އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖާބިރަށް ދޭން އުޅުނު ބޮޑުމޮހޮރާ އޭނާއަށް ނުދީ ހިފަހައްޓާފައި އޮންނަތާ ހަތް އަހަރު ފަހުން އެކަމާ ގުޅޭ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި ޖާބިރުގެ ހިއްސާ އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ ދެމެދު ސޮއިކޮށްފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. 

ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޖާބިރު ވިދާޅުވީ، "ޖާބިރު ހެޕީ ކުލަބު" ގެ ނަމުގައި އެހިތްގައިމު ރަށުގައި އަޅާ ބިލިއަން ޑޮލަރުގެ ރިސޯޓުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެންނާނެ ކަމަށެވެ.

އެ ރަށުގައި ރިސޯޓު އެޅުމުގެ މަޝްރޫއު ކުރިއަށް ދާނީ ބޮޑުމޮހޮރާ ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޑެޓްގެ ދަށުންނެވެ. އެ ކުންފުނީގައި ސަރުކާރުގެ 10 އިންސައްތަ ހިއްސާ އާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ 90 އިންސައްތަ ހިއްސާ އޮންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދައި، ނިންމާ ގޮތަށެވެ. ޖާބިރު ވިދާޅުވީ އެތަނުގެ މަސައްކަތް ކުރާނީ ތިން ފިޔަވައްސަކަށް ކަމަށާއި، ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް ހަ މަސް ތެރޭގައި ނިމޭނެ ކަމަށެވެ. 

70%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް