ads
މަސްވެރިން ފެލިވަރަށް މަސްކިރުވަނީ: މި އަހަރުގެ މިހާތަނަށް 12،000 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 198 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައި - ފޮޓޯ: މިހާރު
12،000 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 198 މިލިއަން ރުފިޔާ ދޫކޮށްފި
މި އަހަރުގެ މިހާތަނަށް 12،000 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 198 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައިވަނީ މި އަހަރު ފެށުނުއިރު މަސްވެރިކަން ރަނގަޅު ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅަށް އައިއިރު މަސްވެރިކަން ދަށްވި ކަމަށެވެ. އެހެންނަމަވެސް، މި މަހު މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުންފުންޏަށް ކިރުވާ މަހަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ބައެއް ފަހަރު ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެފަދަ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އަހަރުން އަހަރަށް މަސްވެރިން ބާނާ މަހުގެ އަދަދުތައް އިތުރު ވަމުންދާ ކަން ފާހަގަކުރައްވާ އިސްމާއިލް ވިދާޅުވީ މަސްވެރިކަން ކުރާ އުޅަނދުތަކަށް ގެންނަމުންދާ ޒަމާނީ ބަދަލުތަކާ އެކު މަސްވެރިންނަށް ބޭނޭ މަހުގެ އަދަދުތައް އިތުރުވަމުންދާނެ ކަމުގެ ޔަގީންކަން މަސްވެރިން ދެމުންދާ ކަމަށެެވެ.

މިފްކޯއިން އަންނަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޅ. ފެލިވަރު ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި މަސްކިރުވުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް މަސްކިރޭނެ އިތުރު ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރު އެ ކުންފުނިން މަސްވެރިންގެ އަތުން 63،579 މެޓްރިކް ޓަނުގެ މަސްގަނެފައިވެއެވެ. އަދި މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް