ads
ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނަން: އިސްލާމިކް މިނިސްޓްރީ
ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބުކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަސް އެއް ކަމަށްވާ ނޮވެލް ކޮރޯނާ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ބޭރު ޤައުމުތަކުން ސައުދީ އަރަބިއްޔާއަށް އުމްރާވެރިން އެތެރެވުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.

އެގޮތުން، އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި އަދި، މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ހޯދާފައިވާ ފަރާތްތަކުގެ ވިސާ ވެސް ވަނީ ކެންސަލްކުރެވިފައެވެ. ސައުދީ ސަރުކާރުގެ މި ނިންމުން ދިވެހި ރާއްޖޭގެ ސަރުކާރުން ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވަލް އޭޖެންސީ ތަކާ ހިއްސާ ކޮއްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. 

މިކަހަލަ ބައިނަލްއަގްވާމީ ސިއްހީ ހާލަތެއް ދިމާވެފައިވާ ދަނޑިވަޅުގައި، ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބުކަމުގައި މި ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އަދި ސައުދީ އަރަބިއްޔާއިން އަޅުއްވާފައިވާ ފިޔަވަޅު ދިވެހި ސަރުކާރުން ބަލައިގެންފައިވާ ކަމަށް ވެސް މި ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން، ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިހްތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އިސްލާމިކް މިނިސްޓްރީ އިން އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.

މިފަދަ ނިންމެވުމެއްގެ ސަބަބުން، އުމްރާ ދަތުރުތައް ރާވާ ކުންފުނިތަކަށާއި، އުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލް ކުރާކަމަށް ވެސް މިބަޔާނުގައި ވެއެވެ. އެހެންނަމަވެސް، މިކަމަކީ ދިވެހި ސަރުކާރާއި، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރުގައި ހިނގާކަމެއް ނޫންކަމުން، މިކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް އަމަލުކުރެއްވުމަށްވެސް  ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮއްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް