
މިދޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވާ ކުންފުނީގެ "ހެދޭކުރި" ދޯނި ވިލިމާލެ ފަޅުތެރެއިން ނައްޓާލިއިރު އެދޯނީގައި ތިބީ، އެންމެ ދެމީހުން ނެވެ.
އެއީ އެ ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ އުުމުރުން 35 އަހަރުގެ ލިޓޮން އަދި އުމުރުން 45 އަހަރުގެ ނިޒާމް އެވެ. ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އެދެމީހުންގެ ހަބަރެއް ނުވާތީ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ދަތުރުކުރި އެ ދޯނި މާލޭ އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައިވެ އެވެ. ނަމަވެސް އޭގައި ތިބި ދެމީހުން އޭރު ނެތެ އެވެ.
ދޯނި ފެނުނުތާ ފަސް ދުވަސް ފަހުން މާލޭ ގެސްޓްހައުސް އަކުން ނާޒިމް ފެނުނެވެ. އޭނާ ފަހުން ވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. މައްސަލައިގެ ތަފްސީލެއް އޭރު ހާމައެއް ނުކުރެ އެެވެ.
މިއަދު ޕީޖީ އޮފީހުން މަރުގެ ދައުވާ ހިމެނޭހެން އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު ބުނިގޮތުގައި، ލިޓޮން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވެ އެވެ.
ޕީޖީ ބުނިގޮތުގައި:
- ލިޓޮން މަރާލާފައިވަނީ ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން
- މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި
- ދޯނީގައި ހުރި ލިޓޮންގެ 51000 އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވޭ
އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. ޕީޖީ ބުނީ، ލިޓޮން ގެއްލިގެން މަރުގެ ތުހުމަތުގައި ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާ ކަމަށެވެ. ނިޒާމް އެ މަސްތުވާތަކެތި ގަނެފައިވަނީ ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ޕީޖީން މިއަދު ބުންޏެވެ.
މިމައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން މިއަދު ވަނީ ހުށަހަޅާފައެވެ.
ނިޒާމްގެ މައްޗަށް ކުރަނީ:
- ގާނޫނުލްއުގޫބާތުގެ ދަށުން، ގަސްތުގައި މީހަކުމެރުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބު، 10 އަހަރަށް ޖަލަށްލުން / ގިސާސް އާއި މަރުގެ ދިޔަ ހިމެނޭނެ
- ގާނޫނުލްއުގޫބާތުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން
- މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ: އަދަބު: 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
ހާދިސާގެ ޓައިމްލައިން:
- މާލޭ ގެސްޓު ހައުސްއަކުން 2022، ޑިސެމްބަރު 3 ވަނަ ދުވަހު ފެނުން ކަމަށް ފުލުހުން ބުނި ނާޒިމް، ޑިސެމްބަރު 2 ވަނަ ދުވަހު މާލެތެރެއިން މީހަކަށް ފެނިފައިވޭ
- ނާޒިމް އާއި ބައްދަލުވެގެން މީހަކު ފޮޓޯއަކާއިއެކު ޓުވީޓު ކުރި
- ނާޒިމް ފެނުމުން އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އޭނާ ގާތުގައި ބުނުމުން ނާޒިމް އަމިއްލައަށް ފުލުހުންނަށް ގުޅި
- ހޯދަމުންދޭތޯ ފުލުހުންނާއި އޭނާ ސުވާލުކުރުމުން އޭނާ ގެއްލިގެން ނުހޯދާކަމަށް ފުލުހުން އެވަގުތު ބުނެފައިވާ ކަމަށް ނާޒިމް އާއި ހަވާލާދީ ޓުވީޓުކުރި މީހާ ބުނެފައިވޭ
ޖެހިގެން އައި ދުވަހު މަރުގެ ތުހުމަތުގައި ނިޒާމް ހައްޔަރުކުރި
ލިޓޮންގެ ހަށިގަނޑު އަދިވެސް ނުފެނޭ