ads
ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ ތެރެއިން -- ފޮޓޯ: ޕޮލިސް
މަގުމަތީގެ އެކްސިޑެންޓް މަދު ކުރުމަކީ ފަރުދީ ޒިންމާއެއް
މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުންމީ މިހާރު ދިވެހިންނަށް އާންމު ކަމެއް ނޫނެވެ.

ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެންދާނެއެވެ. މިއީ އަޅުގަނޑުމެން ދިވެހިން ކަންބޮޑުވެ ސަމާލުކަންދިނުން މުހިންމު މައްސަލައެކެވެ. 

ދުވަހެއް ދުވަހަކަށް ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓް ތަކުގެ އަދަދު އިތުރުވަމުން ދާއިރު މި އެކްސިޑެންޓް ތަކުގައި އަނިޔާލިބޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާލުމުން ފާއިތުވި އަހަރު އެކަނިވެސް ރާއްޖޭގައި 2324 އެކްސިޑެންޓް ހިނގާފައި ވާކަމަށް ދައްކައެވެ. މިއީ ރާއްޖެ ފަދަ އާބާދީ މަދު ގައުމަކާއި އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. 

އެކްސިޑެންޓްތަކުގެ ސަބަބުން ގިނަ ބަޔަކަށް އެކި ވަރުގެ ބޮޑެތި އަނިޔާ ލިބިފައިވާ އިރު އެކްސިޑެންޓް ތަކުގައި ގިނަ ބަޔެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ. އެކްސިޑެންޓް ތަކުގައި ލިބޭ އަނިޔާތަކަށް މުޅި އުމުރު ދުވަހު ފަރުވާދޭން ޖެހިފައިވާ ގިނަ މީހުން މިހާރު ތިބި އިރު މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ގިނަ މީހުންނަށް، އެ މީހުން ކުރިން ދިރިއުޅުނު ގޮތަށް ދިރިއުޅުމުގެ އުފާ ވަނީ ގެއްލިފައެވެ. 

މިއަހަރުގެ މިހާތަނަށް 372 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކުރެވިފައި ވާއިރު މިހިނގާ މާޗް މަހުގެ މިހާތަނަށް ވެސް 33 އެކްސިޑެންޓް ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. ޖެނުއަރީ މަސް ނިމުނު އިރު 185 އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާއިރު، ފެބްރުއަރީ މަހު، 154 އެކްސިޑެންޓް ވަނީ ރިޕޯޓްކޮށްފައެވެ. 

އެކްސިޑެންޓް ތަކުގައި އަނިޔާވާ ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކުގެ އާއިލާއަށް ވެސް އެ އެކްސިޑެންޓް ތަކުގެ ސަބަބުން ހިތާމައާއި ކުރިމަތިލާން ޖެހެއެވެ. 

މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށް ގިނަ ކަންތައްތަކެއް ރާއްޖޭގައި އަދިވެސް ކުރަން އެބަޖެހެއެވެ. ސަރުކާރުން މިކަމަށް ގާނޫނީ ގޮތުން އަޅާ ފިޔަވަޅު ތަކުގެ އިތުރުން ފަރުދީ ޒިންމާއެއްގެ ގޮތުން މުޖުތަމައުން ވެސް އެކްސިޑެންޓްތައް މަދުކުރުމަށް ފިޔަވަޅުތައް އަޅަންޖެހެއެވެ. 

އެކްސިޑެންޓްތަކުގެ ސަބަބުން ގިނަ ފަރާތްތަކަށް އަނިޔާވާއިރު، ހިތާމައާއި އެކު ފާހަގަ ކުރަން ޖެހެނީ، މިފަދަ ނުރައްކާތެރި އެކްސްިޑެންޓްތަށް ގިނަފަހަރަށް ކުރިމަތިވަނީ ޒުވާނުންނަށެވެ. 

ނިމިދިޔަ 2019 ވަނަ އަހަރު، އެއް މަހުގެ ތެރޭގައި 240 އެކްސިޑެންޓް ވެފައިވާކަން ތަފާސް ހިސާބުތައް ދައްކާއިރު، އެކްސިޑެންޓް މަދުކުރުމަށް ހެލްމެޓް އެޅުމާއި ސީޓްބެލްޓް އެޅުމަށް އެންގުމުގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ކުރަންޖެހެއެވެ. ދުއްވާ އެއްޗެހީގެ ސްޕީޑް ލިމިޓް ކޮންޓްރޯލް ކުރުމުގެ އިތުރުން މަގުތަކަކީ ވެސް ދުއްވާއެއްޗެއްސަށާއި ހިނގާމީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ތަނަކަށް ހަދަންޖެހެއެވެ. 

މީގެ އިތުރުން މިކަމަކީ ކިހާ ވަރެއްގެ ކަމެއްކަން ރައްޔިތުންނަށް އަންގައިދޭން އެބަ ޖެހެއެވެ. މާ ބާރު ދުވެލީގައި ދުއްވާފައި ތަން ތަނަށް ދިއުމަށް މަސައްކަތްކުރުމުން، އެތަނަށް ދެވޭނެ ކަމުގެ ޔަގީންކަން ކުޑަވާކަން ދިވެހި ޒުވާނުންނަށް ކިޔާދޭންޖެހެއެވެ. ދުވެލި ބާރުކޮށް މަގުމަތީގެ ގަވައިދުތަކާއި ހިލާފަށް ދުއްވާފައި ދިއުމުން، ނުރައްކަލުގެ ތެރެއަށް ވެއްޓެނީ ހަމައެކަނި އަމިއްލަ ނަފްސު ނޫންކަމާއި މަގުމަތީގައި ހިނގާ އުޅޭ އެހެން މީހުންވެސް މި ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާކަށް ވިސްނުމުގައި ބަހައްޓަން ޖެހެއެވެ. 

މަގުމައްޗަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަކީ މުޅި މުޖުތަމައުގެ ފަރުދީ ޒިންމާއެކެވެ. މި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ ބަޔަކަށް ދިވެހިން ވާމާތޯއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް