ads
މާލެ އަދި ތިލަފުށީި ގުޅުވާލާ ބްރިޖުގެ ސާވޭ ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރައްވަނީ/ ފޮޓޯ:ސީއެންއެމް
މާލެއާއި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖްގެ ސާވޭއަށް 15 މިލިއަން ޑޮލަރު
މާލެ އަދި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖްގެ ސެމެޓިކް ޑިޒައިނަށް ބޭނުންވާ ޖިއޯ ޓެކްނިކަލް އަދި ލޭންޑް ޖިއޯ ފިޒިކަލް ސާވޭ އަށް 15 މިލިއަން ޑޮލަރު ހަރުދުވާކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ސާވޭ ހެދުމަށް ފިބްރޯ ކުންފުންޏާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް އެ މިނިސްޓްރީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަކްރަމް ވިދާޅުވީ، މި ބްރިޖް އެޅިގެންދާނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކަމުގައެވެ. 

އިންޑިއާއާއި އެކު ބްރިޖް އެޅުމަށް ދާނެ ހަރަދުގެ މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެ ސްޓޭޓް މިނިސްޓަރ އަކްރަމް ވިދާޅުވީ، ބްރިޖްގެ ޑިޒައިނަށް ބޭނުންވާ ސާވޭ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމުގައެވެ. އަދި ބްރިޖްގެ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެންދާނީ ސެޕްޓެމްބަރު މަހާއި ހިސާބުގައި ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، މެރިން ޖިއޯ ޓެކްނިކަލް ސާވޭ 23 ސަރަހައްދެއްގައި ކުރުމަށް ހަމަޖެހިފައިވާކަމުގައެވެ. އަދި ލޭންޑް ޖިއޯ ފިޒިކަލް ސާވޭ ފަސް ސަރަހައްދެއްގައި ކުރެވިގެންދާނެ ކަމަށެވެ.

މާޗް މަހުގެ 15 ވަނަ ދުވަހު ސާވޭގެ މަސައްކަތް ފަށާ ޖުލައި 7 ވަނަ ދުވަހު ނިމޭނެ ކަމަށާއި، މި މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމުގައި އަކްރަމް ވިދާޅުވިއެވެ. 

މި އެއްބަސްވުމަށް ކުންފުންޏެއް ހިޔާރު ކޮށްފައި ވަނީ އިންޓަނޭޝަނަލް ބިޑިންގް ޕްރޮސެސް އެއްގެ ދަށުންނެވެ. ފިބްރޯ ކުންފުންޏަކީ ދުނިޔޭގައި މިފަދަ ސާވޭ ހެދުމަށް އެންމެ ފުންނާބުއުސް ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

43%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
48%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް