ads
އިންޑިއާގެ އެހީގެ ދަށުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް އިންޑިއާގެ ވަފުދަކުން ބަލަނީ---
އިންޑިއާގެ ވަފުދެއް އައްޑޫގައި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލަނީ
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫއުތައް އެގައުމުގެ އިސް ވަފުދަކުން ބަލައިފި އެވެ.

އިއްޔެ އައްޑޫ ސިޓީއަށް ފެށި މި ދަތުރުގައި އިސްކޮށް ހަރަކާތްތެރިވަނީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަމިތު ނަރަންގް އަދި އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ މިޝްރާ އެވެ.

މި ދަތުރުގައި، އެ ބޭފުޅުން ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހަދަމުން އަންނަ ފުލުހުންގެ އެކެޑެމީ އާއި މަގު ހެދުމާއި ބިން ހިއްކުމުގެ އިތުރުން މަސްވެރިކަމާއި އިކޯ-ޓޫރިޒަމްގެ މަޝްރޫއުތަށް ބަލައި، އެ މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދާފަ އެވެ. 

މީގެ ދެ ވަރަކަށް އަހަރު ކުރިން އައްޑޫގައި ފުލުހުންގެ އެކަޑަމީ ހެދުމުގެ މަސައްކަތް ފެށިއިރު އެތަން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ކުރިން ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން މަގު ހެދުމާއި ބިން ހިއްކުމާއި މަސްވެރިކަމާއި އިކޯ-ޓޫރިޒަމްގެ މަޝްރޫއުތަކާ ބެހޭ ގޮތުން މި ވަފުދުގެ ބައިވެރިން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް މައުލޫމާތު ވެސް ހޯދާފަ އެވެ.

އިންޑިއާގެ އެހީގެ ދަށުން، 38 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ ފަސް ސަރަހައްދެއްގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނެ އެވެ.

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް ވެސް އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު މިއީ 7.1 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މިހާރު މި މަސައްކަތް ކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަަސައްކަތް ދަނީ ކުރަމުންނެވެ.

އައްޑޫގައި ގޭދޮށު މަސް ފެކްޓްރީތަކެއް ވެސް ތަރައްގީކުރުން އިންޑިއާގެ އެހީގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާއިރު މި މަޝްރޫއު ޑިޒައިންކޮށް އޮޕަރޭޓްކުރާނެ ބަޔަކު ހޯދަން ކައުންސިލުން ވަނީ މިހާރު ބީލަމަށް ވެސް ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް