އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު - ފޮޓޯ:ރައީސް އޮފީސް
އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި
Share
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކުރި ކިޑްސް ކެއާ ސެންޓަރު ހުޅުވައިފިއެވެ.
Advertisement

މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން މިއަދު ހުޅުވި މި ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރެކެވެ.

ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމުގެ އިތުރުން ނިދުމާއި ކެއުން ފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާ މި ކިޑްސް ކެއާ ސެންޓަރުގައި މިހާރުވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވާއިރު މި ތަނަކީ 30 އާއި 40 އާ ދެމެދުގެ އަދަދެއްގެ ކުދިންނަށް ހިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ. މިތަނުގެ ހިދުމަތް އެމްޕީއެލްގެ މުވައްޒަފުންނަށް ހިލޭ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު ހަތަކުން ރޭގަނޑު ހަތެއް ޖެހުމާ ހަމައަށެވެ.

your imageކިޑްސް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައިވަނީ މި ސެންޓަރު ހެދުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން އިޖުތިމާއީ ހަމަޖެހުމާއި އަންހެނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރު އަޅާ ސިޔާސަތާ އެއްގޮތަށް، އެމްޕީއެލްގެ މުވައްޒަފުންނަށްވެސް ލުއި ފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވައި އެތަނުގައި ތިބި ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޭކެއާގެ ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ސްޓެލްކޯއިންނެވެ. އެ ކުންފުނީގެ ޗައިލްޑް ކެއާ ސެންޓަރު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނިމިދިޔަ މަހުގެ ތެރޭގައި އެސްޓީއޯއިން ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ހާއްސަކޮށް ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމް އެސްޓީއޯ 'ލިޓްލް ވޮންޑާސް' ފަށާފައެވެ. އެ ޕްރޮގްރާމުގެ ދަށުން އަށް އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500 ރުފިޔާ އާ ހަމައަށް އެހީތެރިވެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

your imageކިޑްސް ކެއާ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ އެތަނުގައި ތިބި ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައި - ފޮޓޯ:ރައީސް އޮފީސް

ފަހުރުވެރި އާއިލާއެއް ބިނާކުރުމާ އެކު، އަންހެނުން ބާރުވެރިކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވީއިރު، އެކަމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ސަރުކާރުގެ ވަޒީފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރަ އާއެކު ހަ މަސްދުވަހުގެ މެޓަނިޓީ ލީވް ލިބޭނެ ގޮތަށާއި ކޮންމެ ބައްޕައަކަށް މުސާރަ އާއެކު އެއް މަސްދުވަހުގެ ޕެޓަނިޓީ ލީވް ލިބޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ.

އޭގެ އިތުރުން ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން އިސް މަގާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު އިތުރުކޮށްފައިވާއިރު، ގާނޫނުތައް އިސްލާހުކޮށް އިންތިހާބީ މަގާމުތަކުގައި އަންހެނުން ތިބޭ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް