ads
މިކަން އިއުލާންކުރުމަށް ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ކޮވިޑް 19 އާ ގުޅިގެން ޖޭޕީގެ ޖަލްސާ ފަސްކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ ފަތުރުވެރިންތަކެއް ރާއްޖެއިން ފެނި އެމީހުން ކަރަންޓީންކޮށްފައިވަނިކޮށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އާންމު ޖަލްސާ ފަސްކޮށްފި އެވެ.

ރޭ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަތުރުވެރިއަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ އެ ފަތުރުވެރިޔާ ބަލިވެގެން ރާއްޖެއިން ދެއްކި ޑޮކްޓަރު ކަރަންޓީންކޮށް، އެރަށަށް އަރައި ފޭބުން މަނާކޮށްފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.

އެރަށުގެ އިތުރުން ވ. ތިނަދޫއަށް އަރައި ފޭބުން ވެސް މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ. އެގޮތުން މިރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ ވެސް އެރަށުގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާތީ އެވެ. 

 މިއަދުގެ ވަގުތެއްގައި ވަނީ ސަމާ އައިލެންޑް ރިސޯޓަށް ވެސް އަރައި ފޭބުން މަނާކޮށްފަ އެވެ. މިރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ އެރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ ދެ ފަތުރުވެރިޔަކުގެ ގައިން ވެސް ކޮވިޑް 19 ގެ އަލާމާތްތައް ފެނިފައިވާތީ އެވެ. 

މިހާރު މި ދެ ފަތުރުވެރިން ވެސް ވަނީ ކަރަންޓީންކޮށްފަ އެވެ. 

ރާއްޖެއަށް ވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޖޭޕީން މިއަދު ބުނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އެހާ ރައްކާތެރިކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށާއި އެގޮތުން މިފަދަ ހާލަތްތަކުގައި އެފަދަ އެއްވުންތަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާއި ސަލާމަތަށް އިސްކަން ދިނުން އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ. 

މިހެންކަމުން، "ދީނާ ގައުމުގެ ދިފާއުގައި"ގެ ނަމުގައި އެޕާޓީން އަންނަ ހުކުރު ދުވަހު، ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމާފައިވާ އާންމު ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވާފައިވާ ކަމަށް ޕާޓީން ބުންޏެވެ. 

އޭގެ އިތުރުން އެ ޕާޓީން ބުނީ ގައުމުގެ ހާލަތު މިއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުން ޖަލްސާ ބާއްވާނެ ތާރީހެއް އާންމުކުރާނެ ކަމަށެވެ.

ކޮވިޑް 19 އަށް މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ޕޮޒިޓިވް ނުވި ނަމަވެސް ސިއްހީ މާހިރުން ދަނީ ގިނަ ބަޔަކު އެއްވެ އުޅޭ ސަރަހައްދުތަކަށް އެއްނުވުމަށް އިލްތިމާސްކުރަމުންނެވެ. ނަމަވެސް ކުރިއަށް އޮތީ ލޯކަލް ކައުންސިލު އިންތިހާބުކަމުން ސިޔާސީ ޕާޓީތަކުގެ ކެމްޕެއިނަށް ވެސް މިކަމުގެ އަސަރުކުރާނެތީ ގިނަ ބަޔަކު ދަނީ އިންތިހާބު ފަސް ކުރުމަށް ވެސް ގޮވާލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް