ads
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ފްރީޒިން ކެޕޭސިޓީ ދެގުނަ ކުރަނީ
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ފްރީޒިން ކެޕޭސިޓީ ދެގުނަ ކުރުމުގެ މަސައްކަތް ޖުލައި މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ.

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓު މަޝްރޫއާ އެކު އައްޑޫ އަދި ދެކުނުގެ މަސްވެރިން ބާނާ މަސް އެކްސްޕޯޓްކުރުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ފަތުރުވެރިކަމާއި އިގުތިސޯދީ އެހެން ސިނާއަތްތައް ކުރިއަރައި، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ އެކަމުގެ ސަބަބުން އެއާޕޯޓުގައި ހިނގާ މުދަލުގެ މުއާމަލާތްތައް އިތުރުވާނެތީ، އެއާޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވަނީ އެކަމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ހިދުމަތްތަކާ އެކުގައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރަހައްދީ އިގުތިސޯދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަކީ މުޅި ރާއްޖޭގެ ތަރައްގީ ބޭނުން ނަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައެވެ. މިހާރު ކުރަމުން ދަނީ އެ މަސައްކަތް ކަމަށާއި އެ ކަން ހާސިލު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގެ ލިސްޓުގެ ނަމްބަރު އެކެއްގައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ދެކުނާއި އައްޑޫގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް ގަން އެއާޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ގަން އެއާޕޯޓުގައި ތަރައްގީ ކުރާ ކޯލްޑް ސްޓޯރޭޖުގެ އިތުރުން ކާގޯ ފެސިލިޓީގެ ސަބަބުން މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަރަދު ކުޑަވެ، މަގު ކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނެ ހައްލެއް. އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ. އަދި އޮގަސްޓް މަހުގެ ތެރޭގައި މިފްކޯގެ މަސް ބަނދަރު ބޭނުން ކުރަން ފެށޭ ވަރަށް ތަރައްގީކޮށް ނިމޭނެ،" - ރައީސް ސޯލިހު

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީ އާއި ކުރިއެރުން ލިބެން އޮތީ އިގުތިސޯދީ ހުރިހާ ސިނާއަތްތަކެއް ހިންގައިގެން ކަމަށާއި އައްޑޫ ސިޓީގައި ސަރުކާރުން ކުރަމުން ދަނީ އެ މަސައްކަތް ކަމުގައެވެ. މުޅި ރާއްޖޭގައި އެކީ އެއް ފަހަރާ ހިންގަން ޖެހޭ މަޝްރޫއުތައް ނުހިންގާ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއްގަމާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގުޅުވާލަން ޖެހޭ ކަމަށެވެ.

ސަރުކާރުން މިއަދު ކުރަމުން ގެންދާ ކޮންމެ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ މިއީ އަންނަން އޮތް ޖީލުތަކަށް އެކަށޭނެ އުފާ ފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް