ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެންބަރުންގެ %100 އިތުބާރު އަޅުގަނޑަށް އެބަ އޮތް: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުން ފުރިހަމައަށް އެމަނިކުފާނަށް އިތުބާރު ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންޑާރަ ނައިބު އިތުބާރު ނެތްކަމުގެ މައްސަލައިއާއި ގުޅިގެން މެންބަރުންނަށް ބަހުސްކުރަން ދިން ފުރުސަތުގައި މެންބަރަކު ވިދާޅުވި އެއްޗަކާއި ގުޅިގެންނެވެ. 

މި ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ރައީސް ނަޝީދު ގަވައިދާ ހިލާފަށް އަމަލު ކުރައްވާކަމަށް އެމްޑީޕީ ބޭފުޅުން ތުހުމަތު ކުރައްވާއިރު މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް ނަޝީދު ބައިންދަވަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތްކަންވެސް އާޒިމް ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ 100 ޕަސަންޓު އިތުބާރު އެމަނިކުފާނަށް އޮތްކަން ޔަގީން ކަށަވަރުވާ ކަމަށެވެ. 

"އެއީ އެއްވެސް ހާލެއްގައި ކުޑަކޮށްވެސް އެންމެ އިއްޒަތްތެރި މެންބަރަކުވެސް، 87 މެންބަރުންގެ ތެރެއިން އެންމެ އިއްޒަތްތެރި މެންބަރަކުވެސް ނެތޭ މި ރިޔާސަތަށް އިތުބާރު ނެތް." - ރައީސް ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވުމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ އޭނާގެ ތާއީދު ރައީސް ނަޝީދަށް ނެތްކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށާއި ކެނދިކުޅު ދާއިރާގެ މެންބަރު އެކަމާ އަދި ވިސްނަވާނެ ކަމަށެވެ. 

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް އެންމެ ރަނގަޅަށް ހިންގަވާނެ ބޭފުޅަކީ ރައީސް ނަޝީދުކަމަށް ވިދާޅުވެފަ އެވެ. 

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީގައި ހުންނެވިހާ ހިނދަކު މަޖިލީހުގެ ރިޔާސަތުގައި ބައިންދާނެ ކަމަށެވެ. ރައީސް ނަޝީދަށް އޮތް ހަމައެކަނި ފުރުސަތަކީ އެމްޑީޕީގައި މަޑުކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް