ads
އެމްޓީސީސީން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާއެއް: މި އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހު 15 ގައި ކުރުނބާ މޯލްޑިވްސްގައި ބާއްވަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ޕަބްލިކް ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ލާޒިމުކޮށްފައިވީ ނަމަވެސް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވަނީ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައެވެ. ސްޓޮކް އެކްސްޗޭންޖުން އެގޮތަށް ނިންމާފައިވަނީ 2022 ވަނަ އަހަރުގެ އަހަރީ އޮޑިޓް ނިންމުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބުމާ ގުޅިގެންނެވެ.

އެމްޓީސީސީގެ އާންމު ޖަލްސާގެ ނޯޓިސްގައި ބުނެފައިވަނީ އެ ޖަލްސާގައި ބައިވެރި ވެވޭނީ މި އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަހަރީ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 13 ވަނަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށާއި އެ ކުންފުނީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް މެދުވެރިކޮށް އަހަރީ ޖަލްސާގައި ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ނަތީޖާތައް ދައްކާ ގޮތުން،

  • މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބިފައިވޭ
  • 2021 ވަނަ އަހަރު ލިބިފައިވަނީ 1.97 ބިލިއަން ރުފިޔާ
  • ހިންގުމުގެ ފައިދާގެ ގޮތުގައި 2022 ވަނަ އަހަރު ލިބިފައިވަނީ 324.16 މިލިއަން ރުފިޔާ
  • 2021 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 319.25 މިލިއަން ރުފިޔާ

އެމްޓީސީސީން ބުނެފައިވަނީ މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ރިކޯޑުކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އާއި ހިންގުމުގެ ފައިދާ ހާސިލުކުރެވުނު އަހަރު ކަމަށެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ 2021 ވަނަ އަހަރާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

  • 2021 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ ގޮތުގެ ލިބިފައިވަނީ 271.82 މިލިއަން ރުފިޔާ
  • މިދިޔަ އަހަރު ފައިދާ ގޮތުގެ ލިބުނީ 229.53 މިލިއަން ރުފިޔާ
  • މިއީ 2021 އަހަރާ އަޅާބަލާއިރު 15.36 އިންސައްތައިގެ ދަށްވުމެއް

އެމްޓީސީސީން ބުނި ގޮތުގައި މިދިޔަ އަހަރު އެ ކުންފުނިން ހާސިލުކުރި މާލީ ނަތީޖާ އާއެކު ފަސް ރުފިޔާގެ މޫނުމަތީގެ އަގުގެ ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމުގައެވެ. މިއީ އެ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ އެންމެ ބޮޑު އަދަދު ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް