ads
ގާސިމް އިބްރާހީމް
ވިލާ ކުންފުނީގެ ފަޅެއް ވިއްކުން އޭސީސީން ހުއްޓުވައިފި
ތަހުގީގެއް ހިނގަމުން އަންނާތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވައިފި އެވެ.

އޭސީސީންވަނީ ވާވެއްދި ފަޅާ ގުޅޭ ތަހުގީގެއް ކުރަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް ހިނގަމުންދާ ތަހުގީގަކަށް ވާތީ އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ. ވާވެއްދިފަޅާ ގުޅޭ މައްސަލައެއް ކުރިންވެސް އޭސީސީން ތަހުގީގު ކުރިއެވެ. އެހެންނަމަވެސް އެ މައްސަލަވަނީ ފައިލްކޮށްފައިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވާވެއްދިފަޅުގެ މައްސަލަ ބަލަން ފެށީ އެ ތަން ވިއްކާލަން ވިލާ ކުންފުނިން މި ފަހުން ނިންމި ނިންމުމަކާ ގުޅުވަ އެވެ. ސަރުކާރުން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ފަޅު އަތުލީ، ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އެވެ. ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

ވާވެއްދިފަޅު ވިއްކުން ހުއްޓުވުމުން  ވިލާ ކުންފުނީގެ ވެރިޔާ ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ މި ސަރުކާރުން ވެސް އޭނާގެ ވިޔަފާރިއަށް އަމާޒުކޮށް ގެއްލުން ދޭން ފަށާފައިވާ ކަމުގެ ތުހުމަތުކޮށެވެ.

އޭސީސީން އެ ފަޅު ވިއްކުން ހުއްޓުވުމަކީ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވައި ގާސިމް ވާހަކަ ދެއްކެވިޔަސް އެ ތުހުމަތު ސަރުކާރުން ދޮގުކުރެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ މިނިވަން މުއައްސަސާތައް މި ސަރުކާރުގައި މަސައްކަތްކުރާނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މިނިވަންކަމާ އެކުގައި ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް