ads
ޝަކުވާ
ހުޔޫންގެ އަތް އިމާޒު ފޮޅުވައިލިއެވެ. އަދި ކުރަން ބޭނުން ނޫން ކަމެއް ގަދަކަމުން ކުރުވަން ނޫޅުމަށް ބުންޏެވެ. "މާޒް ކީއްވެ ތި ގޮތަށް ކަންތައް ތި ކުރަނީ. މާޒްދެކެ އަހަރެން ލޯބިވާކަން ހަމަ ނޭނގެނީތަ؟" އަނެއްކާ ވެސް އިމާޒުގެ އަތުގައި ހިފަމުން ހުޔޫން ބުންޏެވެ.
ޝަކުވާ (24 ވަނަ ބައި)

ހުޔޫންގެ އަތް އިމާޒު ފޮޅުވައިލިއެވެ. އަދި ކުރަން ބޭނުން ނޫން ކަމެއް ގަދަކަމުން ކުރުވަން ނޫޅުމަށް ބުންޏެވެ.

"މާޒް ކީއްވެ ތި ގޮތަށް ކަންތައް ތި ކުރަނީ. މާޒްދެކެ އަހަރެން ލޯބިވާކަން ހަމަ ނޭނގެނީތަ؟" އަނެއްކާ ވެސް އިމާޒުގެ އަތުގައި ހިފަމުން ހުޔޫން ބުންޏެވެ.

އިމާޒު ހައިރާންވެފައި ބަލައިލިއެވެ. އިމާޒާ ގަޔާވާ ކަމުގެ އިޝާރާތްތައް އެކި ގޮތްގޮތުން ހުޔޫން ދެމުން ގެންދިޔަ ނަމަވެސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހުޔޫން އެ ވާހަކަ ބުނެފާނެ ކަމަކަށް އިމާޒު ހިޔެއް ނުކުރެއެވެ. ހުޔޫންގެ އިޝާރާތްތަކަށް އިމާޒުގެ ފަރާތުން އިޖާބަދީފައި ނުވާތީ ވެސް މެއެވެ. މިވީ ދުވަސްތަކުގައި އިމާޒު ބެލީ ވީހާ ވެސް ހުޔޫންއާ ދުރުން އުޅެވޭތޯއެވެ.

ހުޔޫންގެ ލޮލުން ކަރުނަ ހިލިފައިވާ ތަން ފެނުމުން އިމާޒުގެ ރުޅި މަޑުވިއެވެ. ލޯތްބަކީ އަމިއްލަ އިޚްތިޔާރެއް އޮންނަ އެއްޗެއް ނޫނެވެ. އެއީ އެހެން ހުރިހާކަމެއްގެ މުހިންމުކަން ފަނޑުކޮށްލާ ފަދަ ބާރުގަދަ އިހުސާސެކެވެ. ވީ އިރު ހިތުގައިވާ ލޯބި ހާސިލުކުރުމަށް މަސައްކަތް ކުރުމަކީ ކުށެއް ނޫނެވެ. އެއްފަރާތުން ވެވޭ ލޯތްބެއްގެ ހުރި ވޭން އަދި އިމާޒަށް އިހުސާސް ނުކުރެވުނު ނަމަވެސް މިހާރު ވެސް އެ ބިރު ހިތުގައި ވަކިހިއްޕާލައިފައި ވޭ ނޫން ހެއްޔެވެ. ހުޔޫންއަށް ޓަކައި އިމާޒުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް ހަމައެކަނި ހިތުގައި އުފެދޭ ހަމްދަރުދީއަކުން ދިރިއުޅުން އާރާސްތެއް ނުކުރެވޭނެއެވެ. ހުޔޫންގެ ހިތް ހަލާކުކޮށްލުމުގެ މެދުވެރިއަކަށް ވާން އިމާޒު ނޭދުނު ނަމަވެސް އެ ނޫން ގޮތެއް ނުވިސްނުނެވެ. ބުނަން ފަސް ޖެހެވުނު ނަމަވެސް ހުޔޫންއާ ދޭތެރޭ އެ ނަޒަރުން ނުދެކޭ ވާހަކަ އޯގާތެރިކަމާ އެކު އިމާޒު ބުންޏެވެ. އިމާޒު ލޯބި ވަނީ އެހެން މީހަކު ދެކެ ކަމާ ހުޔޫންއަށް ވެސް ރަނގަޅުވާނީ ހުޔޫންދެކެ ލޯބިވާ މީހަކު ޙަޔާތަށް ގެނައުމުން ކަމުގައި ބުނެ ނަޞޭޙަތްތެރިވިއެވެ.

"ކީއްވެ؟" ކަރުނަވީ ދެ ލޮލުން ބަލައިލަމުން ހުޔޫން އެހިއެވެ.

"ކީއްވެ އަހަރެން ދެކެ ލޯބި ނުވާންވީ؟ ޕްލީޒް މާޒް، އަހަރެންނަށް އެންމެ ފުރުޞަތެއް ދީ" ހުޔޫން އާދޭސް ކުރިއެވެ.

"ހުޔޫން." އިމާޒު މަޑުމައިތިރިކަމާ އެކު ގޮވައިލިއެވެ.

"އަހަރެން ބުނެފީމެއްނު އަހަރެން ލޯބިވަނީ..."

"އަހަރެންނަށް އެނގޭ ކާކުގެ ވާހަކައެއްކަން ތި ދައްކަނީ. ބައްޕައެއް ނެތް، ލަދުކުނޑަ އަންހެނަކު ނޫނީ އިމާޒަށް ނުފެނުނީތަ؟ އެ ސުންޕާ އަންހެނާ އަހަރެންގެ ހުރިހާ އުފާތަކެއް ފޭރިގެންފި." އިމާޒުގެ ވާހަކަތައް ހުޔޫން މެދުކަނޑައިލިއެވެ.

"ހުޔޫން!" ރުޅިއައިސްފައި އިމާޒު ގޮވައިލިއެވެ.

"ނަވްޔާއޭ ކިޔައިގެން ތިކަހަލަ އެއްވެސް އެއްޗެއް ދެން ބުނެފިއްޔާ ނިމުނީ." ހުޔޫންއާ ދިމާއަށް އިނގިލި ދިއްކުރަމުން އިމާޒު ބުންޏެވެ.

ދިގު ފިޔަވަޅުތަކެއް އަޅަމުން އިމާޒު ދުރަށް ދާތަން ބަލަން ރޮވިފައި ހުޔޫން ހުއްޓެވެ. ނާކާމިޔާބީގެ ހިތިރަހަ މި ލީ ހުޔޫންގެ އަރުގައެވެ. ދާދި ކުޑައިރުކޮޅެއްގެ ކުރިން ނަވްޔާއާ ދިމާއަށް ބުނި ޖުމްލަ އަމިއްލަ ކަންފަތްމަތީގައި ވިހެލިފަދައެވެ. އިމާޒުގެ ލޯބި ނުލިބުމުގެ ސަބަބަކީ ނަވްޔާކަމުގައި ހުޔޫނަށް ވިސްނުނެވެ. މަލާމަތްކޮށްފައި ނަވްޔާ ހެނީ ހެން ހީވިއެވެ. ހުޔޫންގެ މައްޗަށް ނަވްޔާ ކުރި ހޯދީ ހެއްޔެވެ؟ ނޫނެކެވެ. އަދި އެހާ އަވަހަކަށް ހުޔޫން ބަލި ޤަބޫލެއް ނުކުރާނެއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އިމާޒު ހާސިލް ކުރާނެއެވެ.

ލިބުނު ހިތްދަތިކަމުގެ މައްޗަށް ހިތުގައި އުފެދުނު ރުޅިވެރިކަން އިސްކުރަމުން ނަވްޔާއާ ދިމާއަށް ހުޔޫން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން މަޑުޖެހިލެވުނީ އެ ދިމާއަށް ދާ ނިޒާރު ފެނިފައެވެ. ކުރީގަ ހެން ނަވްޔާއަށް ބޭނުންގޮތެއް ނުހެދޭނެކަން ހުޔޫންއަށް އެ ވަގުތު ވިސްނުނެވެ. ނަވްޔާގެ އަތުގައި ހިފައިގެން މީހުންތަކުގެ ތެރެއަށް ނިޒާރު ދާ ތަން ބަލަން ހަސަދައިން ފޯވެފައި ހުޔޫން ހުއްޓެވެ.

ބޮޑުބެއާ އެކު ތިމާގެ މީހުން ކައިރިއަށް ގޮސް ވާހަކަދައްކަން ޖެހުމުން ނަވްޔާ ހުރީ އުނދަގޫވެފައެވެ. ނަސީބަކުން އެ ވަގުތު ފަރްހާ އައުމުން ފަރްހާއާ އެކު ކާން ދިޔުމަށް ބޮޑުބެ ބުންޏެވެ. ނަވްޔާއަށް އުނދަގޫވެފައި ހުރި ވަރު ބޮޑުބެއަށް ވެސް ވިސްނުނީ ކަންނޭނގެއެވެ.

ފަރްހާއާ އެކު ކާން ދިޔަނަމަވެސް ނަވްޔާއަކަށް އެންމެ އެތިކޮޅެއް ވެސް ނުދިރުނެވެ. ތައްޓަށް އެޅި ކުޑަ އެތިކޮޅު ހާވާލަހާވާލަ އިން އިރު ފަރްހާ ދައްކަމުން ދިޔައީ ކޮން ވާހަކައެއް ކަމެއް ވެސް ރޭކާ ނުލިއެވެ. ކިހިނެއްވެފައިތޯ އެހުމުން ބޮލުގައި ރިއްސަނީ ކަމުގައި ބުނެ ނަވްޔާ ދުރު ބަލައިލިއެވެ. އެ ވަގުތު ތައްޓަށް ކާ އެއްޗެހި އަޅައިގެން ހުޔޫންއާއި ޖަޒްވާ އެ ދިމާއަށް އަންނަތަން ފެނުނެވެ. އެ މީހުން ނުފެންނަ ކަމަށް ހަދާފައި އަނެއްކާ ވެސް އެތިކޮޅެއް ކެވޭތޯ ނަވްޔާ މަސައްކަތް ކުރިއެވެ.

"ހިނގާ މިތާ ތިބެން." ނަވްޔާމެންގެ މޭޒާ އަރާހަމަވުމުން ހުޔޫން ބުންޏެވެ.

"ނަވްޔާއާ ތި ކުލަ ވަރަށް ގުޅޭ." ނަވްޔާއާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ހުޔޫން ބުންޏެވެ.

"ކޮބާ، ފަރޫ ވެސް ބުނީމެއްނު." ހެވިފައި އިނދެ ނަވްޔާއަށް ނިތް އެއްލަމުން ފަރްހާ ބުންޏެވެ.

ނަވްޔާ އެއްޗެކޭ ނުބުނެ ހީނލިއެވެ.

"ނަވްޔާ ޑައެޓްގަތަ؟" ނަވްޔާގެ ތައްޓަށް އިޝާރާތްކޮށްލަމުން ހުޔޫން އަނެއްކާ ވެސް އެހިއެވެ.

"ނޫން." ނަވްޔާ ދިނީ ކުރު ޖަވާބެކެވެ.

ހުޔޫން އައުމުން ހަގީގަތުގައި ވެސް ނަވްޔާގެ ބޮލުގައި ރިއްސަން ފެށިއެވެ. ހުޔޫންގެ ދެއްކުންތެރިކަމާ ހެދި ފޫހިވިއެވެ. ނަވްޔާއާ ގާތްކޮށް ވާހަކަދައްކަނީ ފަރްހާ އިނުމުންކަން ނަވްޔާއަށް އެނގެއެވެ. ޖަޒްވާއާއި ހުޔޫން އެކުގައި ފެނުމުން ހުޔޫންއާއި ޖަޒްވާ އިސްވެ ތިބެގެން ނަވްޔާއަށް ގޯނާކުރި ރޭގެ މަތިން ހަނދާންވިއެވެ.

"ކަލޭގެ ފެންވަރު އޮޅުނީމަ މައްސަލައަކީ. މިރޭ ޕާޓީއަށް ތިއައީ ކާކަށް ދެއްކެން ވެގެން؟ ކަލޭ ހަނދާން ކުރައްޗޭ، ތި ކަހަލަ ބައްޕައަކީ ކާކުކަން ނޭނގޭ މުޑުދާރު އަންހެނަކާ އަހަރެންގެ ދޮންބެއަކާ އެކަށީގެނެއްނުވޭ. މީގެފަހުން މަގޭ ދޮންބެއާ ދިމާއަށް ބަލައިލިއަސް ނިމުނީ!"

"ކާކު ބޭނުންވާނީ ތި ކަހަލަ އަގު ވެއްޓިފައި ހުރި މީހަކާ އެކު އުމުރު ދުވަހު އުޅެން؟"

މާޒީގައި ހުޔޫން ބުނެފައި ހުރި ޖުމްލަތައް ނަވްޔާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. ހުޔޫންމެންގެ ހުނުމުގެ އަޑު ކަންފަތުގައި ގުގުމަން ފެށުމުން ދެ އަތަށް ބޯ ހޫރުވައިލިއެވެ. ވަށައިގެން ބެދެނީކަމުގެ އިހުސާސް ކުރެވެން ފެށުމުން ކުއްލިއަކަށް ނަވްޔާ ތެދުވި ވަގުތު އަތުން ޖެހިފައި މޭޒުމަތީގައި ހުރި ޖޫސްތަށި ހުޔޫންގެ ގަޔަށް ބަންޑުންވިއެވެ. ތޫލި އަޑެއް ލައްވާލައިފައި ހުޔޫން ވެސް ތެދުވިއެވެ. ހެދުމަށް ބަލާލައިފައި ނަވްޔާއާ ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އެ ވަގުތު ނަވްޔާއަށް ވީ ކީއްކަމެއް ވެސް ނޭނގެއެވެ. ކުއްލިއަކަށް ނަވްޔާއަށް ހެވެން ފެށިއެވެ.

"ސޮރީ ހުޔޫން." ހެމުންހެމުން ނަވްޔާ ބުންޏެވެ.

"ހިނގާ ފެންކޮޅެއް ހާކައިލަން." ހުޔޫންގެ އަތުގައި ހިފާފައި ނަވްޔާ ބުންޏެވެ.

ވަށައިގެން ތިބި މީހުންގެ ނަޒަރު އެ މީހުންނާ ދިމާއަށް ހުއްޓިފައިވާ ކަން އެނގުމުން ހުޔޫން ވެސް ގަދަކަމުން ހީނލިއެވެ. އަދި ނަވްޔާއާ އެއްކޮށް ދާން ހިނގައިގަތެވެ. މީހުންތަކާ ތަންކޮޅެއް ދުރަށް ދެވުމުން ހުޔޫން ހުއްޓުނެވެ. ހެވިފައި ހުރި ނަވްޔާގެ މޫނަށް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.

"ކީއްކުރަން ތި އަންނަނީ؟" ހުޔޫން އެހިއެވެ.

"ހީ ކުރީތަ އަހަރެންނަކީ ނަވްޔާ ކަހަލަ މޮޔައެއް ކަމަށް؟ ޖޫސްތަށި ބަންޑުން ޖަހާލީ ގަސްތުގައެއްނު."

"ފުޅައް ބުޑުން ދަންޏާ ހަސަނަން ހީވާނެ ކެޔޮގަނޑު ކަނޑަނީހެން." ހަމަޖެހިލައިފައި ނަވްޔާ ބުންޏެވެ.

"ކޯޗެކޭ މިހާރު ތިޔަ ކިޔަނީ؟"

"އެއްޗެކޭ ނޫން."ނަވްޔާ ބުންޏެވެ.

"އެހަރެންނާ އެކު އަންނާނެ ކަމެއް ނެތް." ހުޔޫންގެ ރުޅި އަދިވެސް މަޑެއް ނުވެއެވެ.

"އޯ.ކޭ، ހުޔޫން ބޭނުމިއްޔާ އެކަނި ދޭ." ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ލައްވާލައިފައި ހީނލަމުން ނަވްޔާ ބުންޏެވެ.

ހުޔޫން ދާތަން ބަލަން އިރުކޮޅަކު ނަވްޔާ ހުއްޓެވެ. ދެން ކޮނޑުއަރުވާލައިފައި އެއް އަތުން ހެދުން ކޮށިކޮށްލަމުން ފަރްހާމެން ތިބި މޭޒާ ދިމާއަށް ހިނގައިގަތެވެ. މޭޒުތައް ހުރި ހިސާބާ ކައިރިވެފަ ހުއްޓާ ކުއްލިއަކަށް މީހަކު ކުރިމައްޗަށް އެރުމުން ނަވްޔާ ބަލައިލިއެވެ.

"ނަވްޔާ." އިޔާދު ގޮވައިލިއެވެ.

ހައިރާންވެފައި ނަވްޔާ ހުއްޓުނެވެ. ބޮޑުބެގެ ދަރިންގެ ތެރެއިން އިޔާދަކީ ދުވަހަކު ވެސް ނަވްޔާއާ ވާހަކަދެއްކި މީހެއް ނޫނެވެ. ބައެއްފަހަރު އިޔާދު ބަލަން ހުއްޓާ ފެނުނު ނަމަވެސް އަވަސްއަވަހަށް ނަޒަރު ވަކިކޮށްލާނީ ހީނ ވެސް ނުލައެވެ. އިޔާދު ކަމަކު ބޭނުންވިޔަސް އަބަދު ވެސް އެކަމެއް ކުރުވާނީ ނަސީމާއްތަ ލައްވާ ބުނުވައިގެންނެވެ. އަޒްކާގެ ރަންކިޔުމުގެ ހަފުލާގެ ފަހުން ވެސް އެކިފަހަރު މަތިން ނަވްޔާއާ ދިމާވި ނަމަވެސް ވާހަކަދައްކާކަށް އިޔާދު މަސައްކަތެއް ނުކުރެއެވެ.

"ނަވްޔާ ހާދަ ރީއްޗޭ މިރޭ." ނަވްޔާގެ ކޯތާފަތުގައި އިނގިލިތަކުގެ ކުރިން ފިރުމައިލަމުން އިޔާދު ބުންޏެވެ.

ލިބުނު ސިހުމާ އެކު ނަވްޔާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ދެ ލޯ ބޮޑުވި އިރު މޭ ނެގިނެގިފައި ޖެހެން ފެށިއެވެ.

"އިޔާދު." ފަހަތުން ޝަމްނާ ގޮވައިލި އަޑު އިވުނެވެ.

"ޔަޝަލްއަށް ރޮވޭތީ މި އުޅެނީ. ނިދި އައިސްގެން ކަންނޭނގެ އެ އުޅެނީ. ހިނގާބަލަ ގެއަށް ދާން."

އިޔާދުގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފެނުނުހެން ނަވްޔާއަށް ހީވިއެވެ. ނަމަވެސް ދާދި އަވަހަށް ހަމަޖެހިލައިފައި ޝަމްނާއާ ދިމާއަށް އެނބުރުނެވެ.

"އެހެންތަ؟ އާނ ހިނގާ ދޯ" ޔަޝަލް އުރާލަމުން އިޔާދު ބުންޏެވެ.

ގަބު އަރާގައި ނަވްޔާ ހުރީ ދެންމެ ވީ ކަންތައް ޤަބޫލު ނުކުރެވިފައެވެ. އިޔާދުގެ ނިޔަތް ގޯސްވެދާނެއޭ ދުވަހަކު ކޮޅުން ވެސް ނަވްޔާ ހިތަކަށްނާރައެވެ. އިޔާދަކީ އެހާ ދަށުދަރަޖައިގެ މީހެއް ހެއްޔެވެ؟ ނުވަތަ އެއީ ނަވްޔާއަށް ހީވި ގޮތްހެއްޔެވެ؟ ބޮޑުބެގެ ލޯބި ލިބި، ގޭތެރޭގައި ހަމަޖެހިލައިގެން އުޅެވޭނެ ކަމަށް ހީކޮށްގެން ހުއްޓާ މި ދމާވަނީ ކޮންފަދަ ކަންތައް ތަކެއް ހެއްޔެވެ؟ އަޒްކާއާއި ހައްޔާން އެއްކޮށް އުޅޭތަން ފެންނަން ފެށުމުން ހިތަށް ލިބޭނެ އަނިޔާގެ އިތުރުން އަނެއްކާ މި ޖެހުނީ އިޔާދާ ދޭތެރޭގައި ވެސް ފާރަވެރިވާން ހެއްޔެވެ؟ ނަވްޔާގެ ސިކުނޑި ފަޅައިގެން ދާން އުޅޭހެން ހީވިއެވެ.

ފަރްހާ ހަނާއަޅަން ފެށުމުން ޗާބީ ދީފައި ހުރި ބުދެއްހެން ނަވްޔާ އެ ދިމާއަށް ދިޔައެވެ.

"ކިހިނެއްވެފައި ތި ހުންނަނީ؟" ފަރްހާ އެހިއެވެ.

"ކޮބާ ހުޔޫން؟" ނަވްޔާއަށް އެއްޗެކޭ ނުބުނެވީސް ޖަޒްވާ އެހިއެވެ.

"ނޭނގެ." ނަވްޔާ ޖަވާބު ދިނެވެ.

ފޫހި ގޮތަކަށް ނަވްޔާއާ ދިމާއަށް ޖަޒްވާ ބަލައިލިއެވެ. ހުޔޫން ހޯދަން ދަނީ ކަމަށް ބުނެފައި ތެދުވެ ހެދުން ރަނގަޅުކޮށްލިއެވެ. ޖަޒްވާ ބުނި އެއްޗަކަށް ފަރުވާލެއް ނުބަހައްޓާ ނަވްޔާ އިށީނުމުން މޫނުކުނިކޮށްފައި ޖަޒްވާ އެ ތަނުން ދާން ހިނގައިގަތެވެ. ހިނި އައިސްފައި ޖަޒްވާ ދާތަން ބަލަން ފަރްހާ އިނެވެ.

ހިތުގެ ހިނގުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ކައިރީގައި ހުރި ފެންތަށި ނަގަން ނަވްޔާ އަތްދިއްކޮށްލިއެވެ. ތުރުތުރުލާ އަތަކުން ފެންތަށި ނަގާ އެއްފަހަރުން ހުސްކޮށްލިއެވެ. އެ ވަގުތު އިމާޒު އައިސް ކުރިން ޖަޒްވާ އިން ގޮނޑީގައި އިށީނެވެ. ނަވްޔާ އިސްޖަހައިލީ އެއްވެސް މީހަކާ ވާހަކަދައްކަން ބޭނުން ނުވާތީއެވެ. އިމާޒާ ދިމާއަށް ބަލާލައިފައި ލާނެތް ގޮތަކަށް ފަރްހާ ހިނިތުންވެލިއެވެ. ޓިޝޫއަކުން ތުން ފޮހެލުމަށް ފަހު ފޮނި އެއްޗެއް އަޅައިގެން އެބަ އަންނަމޭ ކިޔާފައި ތެދުވިއެވެ.

ފަރްހާ ދިޔުމުން ހަމަހިމޭންވެފައި އިން ނަވްޔާއަށް އިމާޒު ބަލައިލިއެވެ. އިސްދަށަށް ޖަހައިގެން އިންއިރު ނިތްކުރިމަތިން ވެއްޓިފައިވާ އިސްތަށިކޮޅު ނަވްޔާގެ ކޯތާފަތުގައި ބީހެމުން ދިޔައެވެ. ނަވްޔާ އިނީ އަތުގައި އަޅާފައިވާ ރިހިކުލައިގެ ކެވެލިކޮޅާ ކުޅެލަކުޅެލައެވެ. ނަވްޔާގެ ކަންފަތުގެ ފަހަތަށް އެ އިސްތަށިކޮޅު ލައްވައިދޭން އިމާޒުގެ ހިތް އެދުނެވެ. ހިތުގެ ހާލަތު ބުނެދޭން ފަހިވެފައިވާ ފުރުޞަތު ގެއްލުވައިލާކަށް އިމާޒު ބޭނުމެއް ނޫނެވެ. ނަމަވެސް ފަށާނެ ގޮތެއް އިމާޒަކަށް ނުވިސްނުނެވެ. ނަވްޔާ ދެކެ ލޯބިވާ ވާހަކަ ބުނާނެ ގޮތް މިއަދު ހަވީރު ލޯގަނޑު ކުރިމަތީގައި ހުރެގެން ފަރިތަކުރި ނަމަވެސް އެއިން އެއްވެސް ގޮތެއް މި ވަގުތު ހަނދާނަކަށް ނައެވެ. އެއްޗެއް ބުނަން އަނގަހުޅުވައިލި ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ނަވްޔާގެ ސަމާލުކަން ހޯދަން އިމާޒު ކަރުކެހިލިއެވެ. ނަމަވެސް ނަވްޔާއަށް ރޭކާލިހެނެއް ހިޔެއް ނުވެއެވެ. ހަމަ އެ އިން ގޮތަށް ކެވެލިކޮޅާ ކުޅެލަކުޅެލާ ނަވްޔާ އިނެވެ.

"ނަވްޔާ." އިމާޒު ގޮވައިލިއެވެ.

"ވާހަކައެއް އަހާލަންތަ؟" އިމާޒު ފެށީ ދުރުދުރުންނެވެ.

(ނުނިމޭ)
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް