ads
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް-- ފޮޓޯ: ޓްވިޓާ
ދިވެހިރާއްޖޭގައި ކޯޓު އުފެއްދުން!
ދިވެހިރާއްޖޭގައި "ކޯޓު"ގެ ނަމުގައި ސަރީއަތް ހިންގާނެ ތަނެއް އެކަށައެޅުނީ މިދާކަށް ދުވަހުއެވެ. ނަމަވެސް ފުރަދާނައިންގެ ތެރޭގައި "ފަނޑިޔާރުކަން" ހިމެނެއެވެ. އެއީ ވަޒީރު ކަމެކެވެ. މަހުކަމަތުލް ޙައްޤާނިއްޔާގެ ނަމުގައި އުފެދިގެން ދިޔަ ވަޒީރުކަމަކީ ފަނޑިޔާރު ކަމެވެ. މިއީ ޤާނޫނުން އުފެއްދި މަހުކަމާއެކެވެ. އޭގެ ފަހު މަޙުކަމަތުއް ޝަރުޢިއްޔާ އުފެދިގެން ދިޔައެވެ.

މިދުވަސް ތަކުގެ ތެރޭގައި މާލޭގައި ހުންނަނީ ފަނޑިޔާރުގެއެވެ. އަތޮޅުތެރޭގައި ހުންނަނީ ނާއިބުގެއެވެ. އެއީ ސަރީއަތް ހިންގާ ތަންތަނެވެ. އެއަށްވުރެ ފަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ޖަސްޓިސް އެއް އުފެއްދެވިއެވެ. ޤަބޫލު ކުރެވޭގޮތުގައި ދިވެހިރާއްޖޭގައި "ކޯޓު" މިލަފުޒު ބޭނުންކޮށްގެން ސަރީއަތް ކުރާ ތަނެއް އެކަށައެޅުނީ މިބަދަލުގެ ތެރޭގައެވެ. ޖަސްޓިސްގެ ދަށުގައި ސަރީއަތް ހިންގާނެ ޑިވިޜަންތަކެއް ޤާއިމްކުރެވުނެވެ. މިސާލަކަށް؛ މެރިޖް ރެޖިސްޓްރޭޝަން ޑިވިޜަން ފަދަ، މާކެންޓައިލް ޑިވިޜަން ފަދަ، ތެފްޓް ޑިވިޜަން ފަދަ ޑިވިޜަންތަކެވެ.

މިޑިވިޜަންތައް ބަދަލުވެގެންދިޔައީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ހިގާ ކޯޓުތަކަކަށެވެ. އެއީ ކޯޓު ނަންބަރު 1 ން ފެށިގެން ކޯޓް ނަންބަރު 8 ގެ ނިޔަލަށެވެ. މާލޭގައި ކޯޓްތައް ގައިމް ކުރެވުމާއިއެކުހެން އަތޮޅުތެރޭގައި އަތޮޅު ކޯޓުތަކެއްވެސް ޤާއިމް ކުރެވުނެވެ. އެއީ ވެރިކަން ކުރާ ރަށްރަށުގައެވެ. އަވަސް ނިޔާގެ ކޯޓް ނަމުގައި ވެސް ކޯޓެއް އުފެދިގެން ދިޔައެވެ. 

މާލޭގައި ޤާއިމް ކުރެވުނު 8 ކޯޓު ތެރެއިން އަވަސްނިޔާގެ ކޯޓާއި އެހެން ބައެއް ކޯޓު އުވާލައި 4 ކޯޓަށް ފަހުން ބަދަލު ކުރެވުނެވެ. އެއީ ކޯޓް ނަންބަރު 1 ން ކޯޓް ނަންބަރު 4ގެ ނިޔަލަށެވެ. ހަމައެހެންމެ އަތޮޅުކޯޓްތައް އުވާލައި މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް ގައިމްކުރެވި ރަށްރަށުގައިހުރި ނާއިބުގެ އިދާރާތައް އުވާލެވުނެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ހައިކޯޓެއް އުފެއްދުނެވެ. 1998 ގައި ޢަމަލު ކުރަންފެށި ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (1) ގައި "ދިވެހިރާއްޖޭގައި ހައިކޯޓެއް ހުންނަންވާނެ" ކަން ބަޔާން ކޮށްފައިވާތީ، ހައިކޯޓަކީ ޤާނޫނުއަސާސީގެ ދަށުން އުފެދިގެން ދިޔަ ކޯޓެއް ކަމުގައި ފަހުން ވެގެން ދިޔައެވެ. 

މާލޭގައި ހުރި 4 ކޯޓު އުވާލައި، މަދަނީ ކޯޓް، ޖިނާއީ ކޯޓް، އާއިލާއާބެހޭ ކޯޓް، ކުޑަކުދިންނާބެހޭ ކޯޓް މިނަންނަމުގައި އާ 4 ކޯޓު އުފެއްދުނެވެ. ޖުމްލަކޮށް ބުނާނަމަ، މިކަންކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ނުވަތަ ޤާނޫނުން ދީފައިވާ ބާރެއްގެދަށުން އިދާރީ ކަންތައްތަކެއްގެ ގޮތުގައެވެ.

ދެހާސް އަށް ވަނަ އަހަރުގެ އޯގަސްޓްމަހު 07 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީ ތަޞްދީޤު ކުރުން ވެގެން ދިޔައީ ތާރީޚު ބައިކޮށްލި ދުވަހަކަށެވެ. އިދާރީ ގޮތުން ކޯޓުތައް އުފައްދަމުން އުވަމުން ގެންދިއުމުގެ އުޞޫލު ބަދަލުކޮށް އެކަން ތާރީޚުގެ މާޒީއާ ޙަވާލު ކުރެވުނެވެ.

އެއަށްފަހު ދިވެހިރާއްޖޭގައި ކޯޓު އުފެއްދުމަކީ ޤާނޫނުން ކުރާ ކަމެއްގެ ގޮތުގައި އެކަށައެޅުނެވެ. ޤާނޫނުއަސާސީގެ އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރު، މިބައިގެ 141 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ " ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓު ތަކަށެވެ." 

ސުޕްރީމް ކޯޓާއި ހައިކޯޓަކީ ޤާނޫނުއަސާސީން އުފައްދާފައިވާ ދެކޯޓެވެ. ދަށުކޯޓުތަކަކީ ޤާނޫނުން އުފައްދާ ކޯޓުތަކެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ވަނީ " ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ، ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، މިގާނޫނުން ކަނޑައަޅާ ދަށުކޯޓުތަކަށާއި، އެހެން ގާނޫނަކުން ކަނޑައަޅާ ދަށު ކޯޓުތަކަށެވެ." އެހެން ގާނޫނަކުން ކަނޑައެޅި ކޯޓެއްގެ މިސާލަކީ ޑްރަގް ކޯޓެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައެޅި ކޯޓެކެވެ.

މަތީގައިވާ ގާނޫނީ މާއްދާ ތަކުން ވަރަށް ސަރީޙަކޮށް އެނގިގެންދަނީ ދިވެހިރާއްޖޭގައި ކޯޓު އުފެއްދުމަކީ މިހާރު މިއޮތް ގާނޫނީ ގިއުގަނޑުގެ ތެރޭގައި އެއްވެސް ފަރާތަކަށް އިދާރީ ގޮތުން ލިބިފައިވާ ބާރެއް ނޫންކަމެވެ. 

އުއްތަމަފަނޑިޔާރު، ރައީސުލްޖުމްހޫރިއްޔާ ނޫނީ އެނޫން އެހެން އެއްވެސް ބޭފުޅަކަށް ދިވެހިރާއްޖޭގައި ކޯޓެއް އުފެއްދުމުގެ ބާރެއް ގާނޫނުއަސާސީ އާއި ގާނޫނުން ދީފައެއް ނެތެވެ. އަދި ހަމަ އެހެންމެ މުސްތަގިއްލު ކޮމިޝަންތައް ކަމަށްވާ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ކޮމިޝަނަކަށްވެސް ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރާނެ ކޯޓެއް އުފެއްދުމުގެ ބާރެއް ޤާނޫނުއަސާސީ އާއި ގާނޫނުން ދީފައެއް ނެތެވެ. ދިވެހިރާއްޖޭގައި އަދުލުއިންސާފު ގާއިމްކުރާ ކޯޓްތައް އުފައްދަނީ ގާނޫނެވެ. މީހުންނެއް ނޫނެވެ. މިއީ މިއަދުގެ ގާނޫނީ ނިޒާމް ދިވެހިންނަށް ބުނެދޭ ވަރަށް މުހިންމު ފިލާވަޅެކެވެ.

ދެހާސްދިހަ ވަނަ އަހަރުގެ އޮކްޓޯބަރު 21 (13 ޛުލްޤާޢިދާ 1431)ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ކޯޓު އުފެއްދުމުގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ދުވަހެކެވެ. އެއީ ދިވެހިރާއްޖޭގެ ކޯޓު ނިޒާމު އެކަށައެޅި ގާނޫނީ އޮނިގަނޑެއް ލިބިގެން ދިޔަ ދުވަހެވެ. މިދުވަހަކީ މާލޭގައި ހުރި މަދަނީ، ޖިނާއީ، ޢާއިލީ، ކުޑަކުދިންގެ ކޯޓް އުވާލައި، ސިވިލް، ކްރިމިނަލް، ފެމިލީ އަދި ޖުވެނައިލް ކޯޓް އުފެދިގެން ދިޔަ ދުވަހެވެ. އަދި ރަށު ކޯޓުތައް މެޖިސްޓްރޭޓް ކޯޓްތަކަށް ބަދަލު ވެގެން ދިޔަ ދުވަސް މެއެވެ.

 ދިވެހިރާއްޖޭގައި ކޯޓު އުފެއްދުމުގައި އެންމެ މައްސަލަ ނިކުންނަ ހިސާބަކީ މިހިސާބު ކަމުގައި ދެންނެވިދާނެއެވެ. އެއީ ދަށު ކޯޓުތައް އުފެއްދުމުގެ ހިސާބެވެ. ބައެއް ފަރާތްތަކުން ގާނޫނު އެގޮތް މިގޮތަށް މަނާކޮށް ތަރުޖަމާދީ ތައުވީލުކޮށް ހެދުމަށްފަހު، ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ ކޯޓްތައް އުފެއްދުމަށް ގާނޫނުން އެކަށައަޅާފައިވާ އަސާސީ އުސޫލު ކަމުގައިވާ " ދިވެހިރާއްޖޭގައި އަދުލުއިންސާފު ގާއިމްކުރާ ކޯޓްތައް އުފައްދަނީ ގާނޫނެވެ." މިއުސޫލު ނައްތާލައި، ނުބައި ގޮތް ހެޔޮގޮތް ކަމުގައި ހެޔޮގޮތް ނުބައި ގޮތް ކަމުގައި ވިއްކަން އެބަ މަސައްކަތް ކުރެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 53ވަނަ މާއްދާއިންވަނީ ދަށުކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓުތައް އުފައްދާފައެވެ. ފަސޭހަކޮށް ބުނެލާނަމަ އެއީ މިހާރު މާލޭގައި އެހުރި ހަތަރު ސުޕީރިއަ ކޯޓެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރާ ގޮތުން މާލެފިޔަވައި ދިވެހި ރާއްޖޭގެ އެހެން އެއްވެސްތަނެއްގައި މަތީ ގިންތީގެ ސުޕީރިއަ ކޯޓެއް ގާއިމެއް ނުކުރެވޭނެއެވެ. ސަބަބަކީ 53ވަނަ މާއްދާގެ (ނ)ގައި " މިމާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ހަތަރު ސުޕީރިއަ ކޯޓުގެ ޑިވިޜަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެއްދިދާނެ" ކަމަށް ބަޔާންކޮށް 53ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ފައިވާތީއެވެ.

އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)އަކީ މާލޭގައި އުފައްދާ ހަތަރު ސުޕީރިއަ ކޯޓު އުފެއްދި މާއްދާއެވެ. އެހެން ކަމުން ރާއްޖޭގެ ސަރަޙައްދުތަކުގައި އުފެއްދޭނީ މާލޭގައި ހުރި ހަތަރު ސުޕީރިއަ ކޯޓުގެ ޑިވިޜަން ތަކެވެ. އެނޫން ސުޕީރިއަ ކޯޓެއް ނުވަތަ ސުޕީރިއަ ކޯޓެއްގެ ޑިވިޜަނެއް ނޫނެވެ. އަދި ހަމައެހެންމެ 53ވަނަ މާއްދާގެ (ބ) އިންވެސް މިކަން އިތުރަށް ކަށަވަރު ކޮށްދެއެވެ. އެއަކުރުގައި އޮންނަނީ " މިމާއްދާގެ (ށ)ގައި ބަޔާން ކޮށްފައިވާ ހަތަރު ސުޕީރިއަ ކޯޓުގެ ހަތަރު ޑިވިޜަން، ރަށެއްގައި ހަމަޔަށް ޤާއިމުވެއްޖެ ހިނދެއްގައި އެރަށެއްގެ މެޖިސްޓްރޭޓް ކޯޓް އުވިގެންދާނެއެވެ. 

އެރަށެއްގައި ޤާއިމުކުރެވުނީ އެ ހަތަރު ޑިވިޜަނުގެ ތެރެއިން ޑިވިޜަނެއް ކަމުގައިވާނަމަ، އެގާއިމުކުރެވުނު ޑިވިޜަނުގެ އިޚްތިޞާޞާގުޅޭ މައްސަލަތައް ދެން ބަލާނީ، މެޖިސްޓްރޭޓް ކޯޓުގެ ބަދަލުގައި އެ ޑިވިޜަނަކުންނެވެ." މިއަކުރުގައިވެސް ޙަވާލާދީފައިވަނީ 53ވަނަ މާއްދާގެ (ށ)އަށް ކަމަށްވާތީ، ރާއްޖޭގެ އެކިސަރަޙައްދު ތަކުގައި އުފެދިގެންދާނީ މާލޭގައި ހުރި ހަތަރު ސުޕީރިއަ ކޯޓުގެ ޑިވިޜަންތައްކަން ސާފުކޮށް އެނގެއެވެ. މިކަން މިހެން އޮތުމުން ގާނޫނީ ގިނަ މައްސަލަތަކެއް އުފެދިގެން ދެއެވެ. އެހެންކަމުން "އައްޑޫ ސިޓީ" ގައިވެސް ހުންނާނީ "މާލޭ ސިޓީ" ގެ ހަތަރު ސުޕީރިއަ ކޯޓުގެ ޑިވިޜަނެވެ. ކުޅުދުއްފުށީގައިވެސް އުފެދޭނީ "މާލޭ ސިޓީ" ގެ ހަތަރު ސުޕީރިއަ ކޯޓުގެ ޑިވިޜަނެވެ. މިހިސާބަށް މިކަން ބޭއްވުމަށްފަހު މެޖިސްޓްރޭޓް ކޯޓްތަކުގެ މައްޗަށް ބަލައިލަމާ ހިނގާށެވެ.

މެޖިސްޓްރޭޓް ކޯޓަކީ ދަށުކޯޓުތަކުގެ ތެރެއިން ތިރީގިންތީގެ ކޯޓުތަކެވެ. ކޯޓުތަކުގެ ޤާނޫނުގެ 62ވަނަ މާއްދާއިން މެޖިސްޓްރޭޓް ކޯޓުތައް އުފައްދާފައިވަނީ މިފަދައިންނެވެ. " މިޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ރަށުކޯޓުތަކުގެ ގޮތުގައި ހިނގަމުން އައި ކޮންމެ ކޯޓެއް، މިޤާނޫނުގެ 52ވަނަ މާއްދާގެ (ރ)ގައި ބަޔާން ކޮށްފައިވާ މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވެ، މި ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު އެ ރަށު ކޯޓެއް ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އެފެދުނީއެވެ." އަދި މިޤާނޫނުގެ 63ވަނަ މާއްދާގައި ކުރުން ލާޒިމު ކަމެއްގެ ގޮތުގައި ބަޔާން ކުރާ ޢާންމު އުޞޫލަކީ  ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެއެވެ. 

މިޢާންމު އުޞޫލަށް އޮތީ ދެއިސްތިސްނާއެކެވެ. އެއީ މިޤާނޫނުގެ 53ވަނަ މާއްދާގެ ދަށުން ހަތަރު ސުޕީރިއަ ކޯޓު ޤާއިމްވެފައިވާ މާލެ އާއި އެހަތަރު ސުޕީރިއަ ކޯޓުގެ ހަތަރު ޑިވިޜަން ޤާއިމުވެ ހަމަވެފައިވާ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓު ނުހުރުމެވެ. އަދި މާލޭގައި ޤާއިމްވެފައިވާ ހަތަރު ސުޕީރިއަ ކޯޓުގެ ހަތަރު ޑިވިޜަން ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށެއްގައި ހަމައަށް ޤާއިމްވެއްޖެނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެ ކަން މިޤާނޫނުގެ 53ވަނަ މާއްދާއިން އެގެން އޮވެއެވެ.

ދިވެހިރާއްޖޭގައި މެޖިސްޓްރޭޓް ކޯޓެއްވެސް އުފެއްދޭނީ ޤާނޫނުންނެވެ. އެއީ ޤާނޫނުގައިވާ އިޖުރާއަތު ފުރިހަމަ ވުމާއެކު ޤާނޫނުން އުފަންކުރާ މެޖިސްޓޭރޭޓް ކޯޓެކެވެ. މިގޮތުން އަންނަނިވި ހަތަރު ޝަރުތު ފުރިހަމަވުމާއިއެކު ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމްކުރާ ކޯޓުތަކުގެ ތެރެއިން ދަށުކޯޓުގެ ތިރީ ގިންތީގެ މެޖިސްޓްރޭޓް ކޯޓެއް ޤާނޫނުން އުފަން ކުރުވައެވެ. އެއީ (1) އެރަށަކީ ދިވެހިރާއްޖޭގެ ރަށެއް ކަމުގައި ވުމާއި،(2) މީހުން ދިރިއުޅޭ ރަށެއްކަމުގައި ވުމާއި،(3) ޤާނޫނުން އުފެއްދި ހަތަރު ސުޕީރިއަ ކޯޓުހުރި މާލެ ކަމުގައި ނުވުމާއި، އަދި (4) އެރަށެއްގައި މާލޭގައި ހުރި ހަތަރު ސުޕީރިއަ ކޯޓުގެ ހަތަރު ޑިވިޜަން ހަމަވެފައި ނެތުމެވެ.

ވީމާ، މެޖިސްޓްރޭޓް ކޯޓު އުފެއްދުމަކީ ވަކި ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކީ ޤާނޫނީ އިޖުރާއަތު ތަކެއް ފުރިހަމަ ވުމާއި ނުވުމުގެ މައްޗަށް ބިނާވެފައި އޮތް ކަމެކެވެ. މިސާލަކަށް، ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 137ވަނަ މާއްދާގެ (ހ)ގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅައި އިޢުލާނު ކުރުމާއި މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައަޅައި އިޢުލާން ކުރުމުގެ ބާރަކީ ރައީސުލް ޖުމްހޫރިއްޔާއަށް ދީފައިވާ ބާރެކެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިދީފައިވާ މިބާރު ދަށުން ޅ. ފެލިވަރަކީ މީހުން ދިރިއުޅޭ ރަށެއްކަމުގައިވަނީ ކަނޑައަޅާ ފައެވެ. މިހިސާބުން ކޯޓުތަކުގެ ޤާނޫނުވެސް ތަންފީޒުވާނެއެވެ. އެއީ އެރަށުގައި އަދުލުއިންސާފު ޤާއިމްކުރާނެ ކޯޓެއް ވުޖޫދު ވުމުގެ ގޮތުންނެވެ. ފެލިވަރަކީ ކުރިން ބުނި ހަތަރު ޝަރުޠު ފުރިހަމަވާ ރަށެއް ކަމަށްވާތީ، ފެންނަން ނެތަސް "ފެލިވަރު މެޖިސްޓްރޭޓް ކޯޓް" މިހާރު ހުންނާނީ ޤާނޫނީ ގޮތުން އުފެދިވައެވެ.

ފެލިވަރުގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމަށް ބަޔަކު ކުރަންޖެހޭނެ އިތުރުކަމެއް ނޯންނާނެއެވެ. މިސާލަކަށް އުއްތަމަފަނޑިޔާރު ގަރާރެއް ނެރުއްވުންފަދަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމުމެއް ނިންމުން ފަދަ ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ކުރަންޖެހޭ ކަމަކީ "ފެލިވަރު މެޖިސްޓްރޭޓް ކޯޓް" ހިންގާލުމަށްޓަކައި އިދާރީ ގޮތުން ބޭނުންވާނެ ކަންތައްތަކެއް ކުރުމެވެ. އެހެންކަމުން ދަށު ކޯޓުތައް ރާއްޖޭގައި ޤާނޫނީ ގޮތުން ވުޖޫދުވުމާއި ނުވުން ބިނާވެގެންވަނީ މައިގަޑު ދެކަމެއްގެ މައްޗަށެވެ.

ފުރަތަމަކަމަކީ މާލޭގައި ޤާއިމްވެފައިވާ ސުޕީރިއަ 4 ކޯޓުގެ ހަތަރު ޑިވިޜަން އެރަށެއްގައި ފުރިހަމަ ވުމެވެ. މިކަން ކުރެވޭނީ ޖުޑީޝަލް ކައުންސިލް (މިހާރު ބެލެވޭގޮތުން އެއީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެވެ.) އާއި ޖުޑީޝަލް ސަވިސް ކޮމިޝަންގެ ލަފާގެ މަތިން އުއްތަމަފަނޑިޔާރުގެ ގަރާރަކުންނެވެ. މިތާގައި ފާހަގަ ކޮށްލަންޖެހެނީ އުއްތަމަފަނޑިޔާރުގެ ގަރާރަކުން ކޯޓެއް ނުއުފެއްދޭ ކަމެވެ. އުފައްދަނީ ގާނޫނުން އުފައްދާފައިވާ ކޯޓެއްގެ ޑިވިޜަނެއް ނުވަތަ ބަޔެއް ކަމެވެ. މިހާލަތުގައި މެޖިސްޓްރޭޓް ކޯޓުގެ ބައެއް އިޚްތިޞާޞް ބީވެގެން ދާނެއެވެ. ނަމަވެސް ސުޕީރިއަ ކޯޓެއް ވުޖޫދަކަށް ނާންނާނެއެވެ. ވޫޖުވާނީ ސުޕީރިއަ ކޯޓުގެ ޑިވިޜަނެކެވެ.

ދެވަނަ ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ދީފައިވާ ބާރުގެ ދަށުން ރަށެއް ނުވަތަ ސަރަޙައްދެއް އެއީ މީހުން ދިރިއުޅޭ ރަށެއްކަމުގައި ކަނޑައެޅުމާއި ފަޅު ރަށެއްކަމުގައި ކަނޑައެޅުމެވެ. މިހާލަތުގައިވެސް ކޯޓެއް ވުޖޫދަށް އައިސް ކޯޓެއް ވުޖޫދުން ހިނގައިދާނެއެވެ. ކުރިން ބަޔާންކުރި ފެލިވަރަކީ ކޯޓެއް ވުޖޫދުވާ މިސާލެކެވެ. އަދި ހދ. އަތޮޅުން ފަޅުރަށްތަކެއް ކަމުގައި އިޢުލާންކުރި، މައިވާދޫ، ކުނބުރުދޫ، ފަރިދޫ  މިރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އުވިގެން ދިއުން އެއީ ޤާނޫނީގޮތުން ކޯޓެއް ވުޖޫދުން ނެތިގެންދާ މިސާލެކެވެ.

ބަޔާން ކުރެވުނު ވާހަކަތަކުން އެނގިގެންދާ ގޮތުގައި މެޖިސްޓްރޭޓް ކޯޓެއް ޤާނޫނީ ގޮތުން ވުޖޫދު ނުވާނެ އެއްޙާލަތަކީ ކޯޓުތަކުގެ ޤާނޫނުގެ 53ވަނަ މާއްދާގެ (ށ) ގެ ދަށުން އުފެއްދި ސުޕީރިއަ ކޯޓުތައް ޤާއިމް ކުރެވުނު މާލެ ކަމުގައި އެރަށެއް ވުމެވެ. މާލެއަކީ ކޮބާ ހެއްޔެވެ؟ މިސުވާލަކީ ސުވާލު ކުރުމަށްވުރެ އޭގެ ޖާވާބު ޤާނޫނީގޮތުން ހޯދުން ފަސޭޙަ ސުވާލެކެވެ. އެހެނީ ޤާނޫނުއަސާސީގެ ޖަދުވަލު 2ގައި އިދާރީ ދާއިރާތައް ބަހާފައިވަނީ މާލެ އާއެކު 21 ދާއިރާގެ މައްޗަށެވެ. މާލެއަކީ އިދާރީ އެއްދާއިރާއެވެ. އެދާއިރާގައި މާލެ ފިޔަވައި އިތުރު އެހެން އެއްވެސް ތަނެއް ނެތެވެ. މިކަން އެނގެނީ މާލެ މިހެން ބަޔާން ކުރުމަށްފަހު ބުރެކެޓެއްގެ ތެރޭގައި ވިލިގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން މިހެން ބަޔާން ކޮށްފައި ވާތީއެވެ. ދިވެހި ބަހުގެ ގަވާއިދުގައި ބަޔާން ކުރާ ގޮތުން ބުރެކެޓުގެ ތެރޭގައިވާ ބައިތަކަކީ އަޞްލު ލިޔެފައިވާ އެއްޗެއްގެ ތަފްޞީލެވެ. މިގޮތުން މާލެ އަކީ ކޮބާކަން އެނގިގެންދަނީ ބުރެކެޓްގައިވާ ތަފްޞީލުންނެވެ. 

މާލެއަކީ ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން މިހާރު ކިޔާނަމެކެވެ. ކުރިން މާލެ ކިޔަމުން ދިޔައީ ކުޑަމާލެވެސް ނުހިމެނޭ ގޮތަށެވެ. ނަމަވެސް މާލޭގެ ފަޅު ހިއްކާ މާލެ ބޮޑު ކުރުމުގެ ސަބަބުން ކުޑަމާލެ މާލޭގެ ތެރެއަށްވަދެ އެރަށް މިހާރުވަނީ މާލެއާ އެކުވެފައެވެ. އެއީ މާއްދީ ގޮތުން މާލެއާއި ރަށެއް ގުޅުވާލި ގުޅުވާލުމެކެވެ. ވިލިގިއްޔާއި ހުޅުމާލެ މާލެއާއި ގުޅުވާލީ ޤާނޫނީ ގޮތުންނެވެ. ބުރިޖު އަޅާ ދުވަހަކުން މާއްދީގޮތުން މިތިންރަށް ގުޅިފައިވާތަން އަދި ފެންނާނެއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 4ވަނަ މާއްދާގެ (ށ) ގައި " އިދާރީ ދާއިރާއެއްގެ ގޮތުގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ދާއިރާގައި ހިމެނެނީ މާލެ، ވިލިގިނގިލި އަދި ހުޅުމާލެއެވެ." މިހެން ބަޔާން ކޮށް މާލެ ގެ ފަހުގައި ކޮމާއެއް އޮތުމުގެ ސަބަބުން މާލެއާއި ވިލިގިއްޔާއި އަދި ހުޅުމާލެއަކީ މާލެ ދާއިރާގައި ހިމެނޭ ވަކިވަކި ރަށްތަކެއްގެ ގޮތުގައި މާނަކޮށް، ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އަދި ވިލިގިނލީގައި މެޖިސްޓްރޭޓް ކޯޓެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވަނީ ޤާއިމް ކޮށްފައެވެ.

 ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ބާރު ލިބިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 15/2010( ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގައިވެސް މާލެ ކަމަށް ބަޔާން ކޮށްފައިވަނީ ހުޅުމާލެއާއި ވިލިގިއްޔާއި ހިމެނޭ ގޮތުންނެވެ. އެހެންކަމުން ހުޅުމާލެއާއި ވިލިނގިލީގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމު ކުރެވޭނީ އެއީ މާލޭ ދާއިރާގައި އޮތް މީހުންދިރިއުޅޭ ވަކި ދެރަށެއް ކަމުގައި ކަނޑައެޅިގެންނެވެ. މިފަދައިން ކަނޑައެޅުމުގެ ބާރަކީ ޖުޑީޝަރީގެ އެއްވެސް ފަރާތަކަށް ޤާނޫނުން ދީފައި އޮތް ބާރެއް ނޫނެވެ. އެބާރު ޤާނޫނުން ލިބިދީފައިވާނީ ދައުލަތުގެ ތިންބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރަށެވެ. ރައީސުލްޖުމްހޫރިއްޔާއަށެވެ. ރައީސުލްޖުމްހޫރިއްޔާއަށްވެސް ޤާނޫނުއަސާސީގެ ޖަދުވަލު 2ގައި މާލޭގެ ތަފްސީލު ދީފައިވާ ބުރެކެޓް ޤާނޫނީ އިމުގެ ތެރެއިން ފޮހެއެއް ނުލެވޭނެއެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން މާލޭގެ ބައެއްގެ ގޮތުގައި ހުޅުމާލެ އާއި ވިލިގިނލި އޮތްހާހިނދަކު، ހުޅުމާލެ އާއި ވިލިގިނލީގައި މެޖިސްޓްރޭޓް ކޯޓެއް ގާނޫނީ އިމުގެ ތެރެއިން ޤާއިމެއް ނުކުރެވޭނެއެވެ. އެކަން ކުރަންޖެހޭނީ ޣައިރުޤާނޫނީ ގޮތަކަށެވެ.

ހުޅުމާލެ އާއި ވިލިގިއްޔަކީ މާލެ ދާއިރާގައި ހިމެނޭ ވަކި ދެރަށް ކަމަށް ބަލާނަމަ، މާލޭ ސިޓީ ކައުންސިލުން ހުޅުމާލެއާއި ވިލިގިނލީގެ މައްޗަށް ބާރު ހިންގަނީ ކީއްވެ ހެއްޔެވެ؟ އަދި ހުޅުމާލެއާއި ވިލިނގިލީގައި ރަށު ކައުންސިލެއް ޤާއިމް ނުކުރަނީ ކީއްވެހެއްޔެވެ؟ ޤާނޫނު ނަންބަރު 2010/07 ގެ 21ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މިޤާނޫނުގެ ދަށުން ސިޓީ ކައުންސިލެއް ޤާއިމް ކުރެވިފައި ނުވާ ކޮންމެ ރަށެއް ހިންގާނީ އެކަމަށްޓަކައި މި ޤާނޫނުގެ ދަށުން އިންތިޚާބު ކުރާ ރަށު ކައުންސިލަކުންނެވެ މިހެންނޯވޭ ހެއްޔެވެ؟ 

ހުޅުމާލެ ސިޓީކައުންސިލެއް އޮވޭ ހެއްޔެވެ؟ ވިލިގިނލީ ސިޓީ ކައުންސިލެއް އޮވޭހެއްޔެވެ؟  ޖަވާބަކީ ޤާނޫނު ނަންބަރު 2010/07ގެ 56ވަނަ މާއްދާގައި "ޤާނޫނުއަސާސީގެ ޖަދުވަލު 2ގައި ވަކިއިދާރީ ދާއިރާއެއްގެ ގޮތުގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ ހިންގުމަށްޓަކައި މި ބާބުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ސިޓީ ކައުންސިލެއް އިންތިޚާބު ކުރަންވާނެއެވެ." މިހެން އޮންނާތީއެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ ހިންގުމަށްޓަކައި އިންތިޚާބުކުރި ސިޓީ ކައުންސިލުން ހުޅުމާލެއާއި ވިލިގިނލީގެ މައްޗަށް ބާރު ހިންގަނީ އެއީ މާލެ ކަމަށްވާތީއެވެ. އަދި ޤާނޫނު ނަންބަރު 2010/07 ގެ 56ވަނަ މާއްދާގައި "...ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ..." މިގޮތަށް ބަޔާން ކުރުމަށްފަހު ހުޅުމާލެ އާއި ވިލިގިނލީގެ ވާހަކަ ބަޔާން ކޮށްފައި ނުވަނީ މާލެއޭ ބުނުމުން ޤާނޫނުއަސާސީގެ ޖަދުވަލު 2 އަކުން މާލެއަކީ ކޮބާކަން އެނގޭތީއެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި ކޯޓު އުފެއްދުމަކީ މޫނަށް ކަދުރާއަށް ބަލައިގެން މިހާރު ކުރެވޭނެ ކަމެއްނޫނެވެ. އެކަމަކީ ޤާނޫނުން ކުރާ ކަމެވެ. ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށްޓަކައި ކޯޓެއް އުފެއްދުމާއި އެފަދައިން ކުރާ މަސައްކަތްތަކީ މިއަދު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އަދި އެއީ ރައްޔިތުންގެ ކުރިމަތީގައި ޖުޑީޝަރީގެ އަގު އަރާނެ ކަމެއްވެސް ނޫނެވެ. ހުޅުމާލެއާއި ވިލިގިއްޔަކީ އާބާދީ ބޮޑު ދެތަން ކަމަށްވާތީ، ހުންނަންވީ މެޖިސްޓްރޭޓް ކޯޓެއް ހެއްޔެވެ؟ ނޫނީ ސުޕީރިއަ ކޯޓުގެ ޑިވިޜަންތަކެއް ހެއްޔެވެ؟ 

ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ ޑިވިޜަނެއް ހެންވޭރު ކޮޅުގައި ހުންނައިރު، ހުޅުމާލެ އާއި ވިލިގިނލީގައި އެފަދަ ޑިވިޜަނެއް ޤާއިމް ނުކުރެވިގެން މިއުޅެނީ ރައްޔިތުންގެ ޙައްޤުގައި ހެއްޔެވެ؟ ނުވަތަ ހުޅުމާލެ އާއި ވިލިގިނލީގައި މެޖިސްޓްރޭޓް ކޯޓް ދަމަހައްޓަން ގަދައަޅައި ފައިވިއްދަނީ ރައްޔިތުންގެ މަސްލަޙަތުގައި ހެއްޔެވެ؟ ޤާނޫނުން ބޭރުން ކޯޓެއް އުފެއްދީ ކޮންމެ މީހަކު ކަމަށް ވިޔަސް އަދި ކޮމިޝަނަކުން ކަމަށް ވިޔަސް އެކަމަކީ އެއްމިންގަނޑަކުން ބެލެވި ތަޙްޤީޤު ކުރެވި ހުއްޓުވެން ޖެހޭނެ ކަންތައްތަކެވެ. އެއީ ޤާނޫނުން ފިޔަވައި އެހެން ގޮތަކުން ދިވެހިރާއްޖޭގައި ކޯޓެއް ދެން ގާއިމްނުކުރެވޭނެކަން ޔަގީންވެއްޖެއުމަށް ދާދެނެވެ. 

އެޑިޓަރުގެ ނޯޓު: 

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ޖުޑީޝަލް ސަވިސް ކޮމިޝަނުން އިއުލާން ކުރުމާ ގުޅިގެން މި ޝާއިއުކުރާ ރިޕޯޓަކީ، މި ނޫހުގެ ކިޔުންތެރިއަކު، 20 ސެޕްޓެމްބަރު 2012 ގައި، ލިޔުއްވާފައިވާ އިލްމީ ދިރާސީ މަޒުމޫނެކެވެ. މި މަޒުމޫން ސީއެންއެމްގައި އެންމެ ފުރަތަމަ ޝާޢިއުކޮށްފައިވަނީ 11 ޑިސެމްބަރ 2012 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް