ads
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް--
އުފެއްދުންތެރިކަން އިތުރުކުރުމަށް ތައްގީކުރެވޭނެ ދާއިރާތައް ބެލުމަށް ކުއްލި މައްސަލައެއް
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ތައްގީކުރެވޭނެ ދާއިރާތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ލީޑަރު އަލީ އާޒިމް މައްސަލަ ހުށަހަޅާފައިވަނީ، ކޮވިޑް19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށެވެ. 

އެގޮތުން ކޮވިޑް19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކާއި ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކޭކަމަށް އަލީ އާޒިމްގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ފަރާތްތަކަށް އުޖޫރަ ދޭންވާނީ އިގްތިސާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް އެފަރާތްތަކަށް މަތިކޮށް، އެ ފަރާތްތަކުގެ މަސައްކަތުގެ ސަބަބުން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތެއް ރޭވިގެން ކަމަށް މައްސަލައިގައި ވެއެވެ. 

"މިގޮތުން މިހާލަތުގައި ރާއްޖޭގައި ތަރައްގީކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެދާއިރާތަކުގެ މަސައްކަތް ފެށުން މުހިންމުއެވެ." އަލީ އާޒިމް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ވެއެވެ. 

މިހާލަތުގައި ކުރެވޭނެ ބައެއް ކަންކަމުގެ ގޮތުގައި އަލީ އާޒިމް ދެކަމެއް ހުށަހަޅުއްވާފައިވެއެވެ. އޭގެން އެއްކަމެއްގެ ގޮތުގައި ބޮޑެތި ރަށްރަށް ފާހަގަކޮށް، ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް އެ ރަށްރަށުގައި ހިންގުން ހިމެނެއެވެ. 

އަދި މަސްވެރިކަމުގެ ސިނާއަތަށް ދިނުމަށް ކަނޑައަޅާފައިވާ ޕެކޭޖްގެ ތެރެއިން މަސް ރައްކާކުރެވޭނެ ގޮތް ހަދައި ރާއްޖޭގެ އަދި ދުނިޔޭގެ ބާޒާރަށް ދިވެހި އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ހިމެނުންވެސް ހިމެނެއެވެ. 

މާދަމާގެ މަޖިލީހަށް އަލީ އާޒިމް މައްސަލައެއް ހުށަހަޅާފައިވާއިރު، އާންމު ސިއްހަތުގެ ކުއްލިނުރައްކަލުގެ ހާލަތު ނިމެންދެން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް