ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ފަސޭހަކަމާއެކު އިންޓަނެޓް ލިބޭނެ ގޮތް ހެދުމަށް ރައީސް ސޯލިހު ނިންމަވައިފި
ކޮވިޑް-19 އާ ގުޅިގެން އާއްމުން ގޭގައި މަޑުކުރަން ޖެހިފައި ވާތީ، ފަސޭހަކަމާއެކު އިންޓަނެޓް ލިބޭނެ ގޮތް މަގުފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ އިންޓަނެޓުގެ ހިދުމަތް ލުއިކޮށް ލިބޭނެ ގޮތް ހެދުމަށާއި، އިންޓަނެޓް ބޭނުން ކުރާ މިންވަރު އިތުރު ވާތީ މުއާސަލާތީ ކުންފުނިތަކުގެ އެހީތެރިކަމަށް ސަރުކާރުން ދަންނަވާފައިވާ ކަމަށެވެ. 

އެގޮތުން އެ ކުންފުނިތަކުން ވަކި ގޮތްތަކަށް އަމަލުކުރުމަށް އެދި ސަރުކާރުން ވަނީ ދަންނަވާފަ އެވެ. 

  1. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަނެޓުގެ ހިދުމަތްތައް ފޯރުކޮށްދިނުން.
  2. މި ދަނޑިވަޅުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓާ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.

މުއާސަލާތީ ކުންފުނިތަކުން އެ ކަންކަން ކުރާއިރު، ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 70 ޕަސަންޓު ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 50 ޕަސަންޓު ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުމަށް އުއްމީދު ކުރާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. 

"ޑޭޓާ އެލަވަންސް" ދެ ގުނައަށް އިތުރުކޮށްނުދެވޭ ނަމަ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަނެޓުގެ ހިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އާ ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރަފް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

"މީގެ އިތުރުން، ޑޭޓާ އެލަވަންސް ހަމަވުމުން ވެސް އިންޓަނެޓުގެ ހިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން މަސައްކަތް ކުރާން ވާނެ އެވެ،" ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވެއެވެ.

އޭގެ އިތުރުން ވެސް ސަރުކާރުން ބުނެފައި ވަނީ އެކަކު އަނެކަކާ މުއާސަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޑޭޓާ ޕެކޭޖުތައް ހެޔޮ އަގެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމް މުއާސަލާތީ ކުންފުނިތަކުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ. 

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް އިއްޔެ ވިދާޅުވެފައި ވަނީ އޭޕްރިލް 1 އިން ފެށިގެން އިންޓަނެޓުގެ އަގުތައް ހެޔޮވެގެން ދާނެ ކަމަށެވެ. މުއާސަލާތީ ކުންފުނިތަކުގެ ނިންމުންތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

"މިއާއެކު، އަގުތަކަށް އަންނަ ބަދަލުތައް ފެށޭނީ އެޕްރީލް އެކަކުން ފެށިގެން. މިކަމާ ގުޅިގެން ޓެލެކޮމް ކުންފުނިތަކުން މާދަމާ އާއި މާދަމާ ނޫން އަނެއް ދުވަހުގެ ތެރޭގައި ގެންނަ ބަދަލުތަކަކީ ކޮބައިކަން ހާމަކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެސް މީގެ ކުރިން ވަނީ ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓުގެ އަގުތަކަށް "ރަނގަޅު ލުޔެއް" ލިބެން ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން ވަނީ އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކާއެކު މަޝްވަރާކޮށްފަ އެވެ. 

މިހާރު ވެސް އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުން ވަނީ ކަސްޓަމަރުންނަށް ބައެއް ލުއިތައް ފޯރުކޮށްދީފަ އެވެ. 

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް