ads
ރައީސް އޮފީސް--
ތިންވަނަ ހަފްތާއަކަށް ސަރުކާރާއި، ސްކޫލުތައް ބަންދުކޮށްފި
ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތިންވަނަ ހަފްތާއަކަށް ސަރުކާރާއި، ސްކޫލުތަކާއި، ކޮލެޖުތައް އަދި ޔުނިވާސިޓީތައް ބަންދުކުރަން ނިންމައިފި އެވެ. 

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމާފައި ވަނީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފަ އެވެ. 

އެގޮތުން ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ފަންނީ ލަފާދީފައިވާކަން މިނިސްޓަރުން ފާހަގަކުރެއްވި އެވެ. 

އިތުރު ހަފްތާއަކަށް ސަރުކާރު ބަންދު ނަމަވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް މުވައްޒަފުންގެ ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ. 

އޭގެ އިތުރުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި، ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަން ޖެހިއްޖެ ހާލަތެއްގައި، މަދު މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. 

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރުން ވަނީ ހުރިހާ ރައްޔިތުން ވެސް ގޭގައި މަޑުކުރެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުނިކުތުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. 

ފާއިތުވި 14 ދުވަހު ވެސް ސަރުކާރާއި ސްކޫލުތައް ބަންދެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްކޮށް ތިބީ އިނގިރޭސިވިލާތުން އެނބުރި ގައުމަށް އައި ތިން ދިވެހިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް