ads
ކްރިިމިނަލް ކޯޓު
ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ ޝަރީއަތް ކުރިއަށް ގެންދެވިދާނެތަ؟
ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ބެހޭ އުސޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލައި، އެއަށް އަމަލުކުރަން ފަށާފައިވަނީ، މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ ގާޒީން، މާރިޗު މަހުގެ 28 ވަނަ ދުވަހުގެ ރޭ، ގާޒީންގެ ވައިބަ ގްރޫޕުގައި ބޭއްވުނު ގާޒީންގެ އާންމު މަޖިލީހުން ނިންމައި ފާސްކޮށްފައިވާ މި އުސޫލުގައި، ބުނެފައިވަނީ މި އުސޫލު އެ ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކުރާ ހިސާބުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

މި އުސޫލު، މާރިޗު މަހުގެ 29ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، ސުވާލަކީ މިއީ ގާނޫނީ ގޮތުން ކިހާ ބުރަދަނެއް ހުރި އުސޫލެއްތޯއެވެ.

ޤާނޫނު ބުނަނީ ކީކޭ؟ 

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބަކީ އަސާސީ ހައްޤުތަކާއި މިނިވަންކަން ބަޔާންކޮށްދޭ ބާބެވެ. މި ބާބު ފެށެނީ ޤާނޫނު އަސާސީގެ ސޯޅަ ވަނަ މާއްދާއާއި ހަމައިންނެވެ. މި ބާބުގައި އެންމެ ފުރަތަމަވެސް ސާފު އިބާރާތުން ބުނެފައިވަނީ، މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތަކާއި މިނިވަން އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ ކަމެވެ. ހަމަ އެއާއި އެކު، މިއިން އެއްވެސް ހައްގެއް އަދި މިނިވަންކަމެއް އެއްވެސްވަރަކަށް ހިފެހެއްޓޭނީ، ޤާނޫނު އަސާސީއާ ތަޢާރަޒުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށެވެ. އެ ހިސާބުން ނިމުނީއަކީވެސް ނޫނެވެ. 

ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ހައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ، މިނިވަން، ދިމިގްރާތީ މުޖުމަތަމައެއްގައި މި ފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް މި މާއްދާގައި ވަރަށް ސާފު އިބާރާތުން ބުނެފައިވެއެވެ. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ގޮތުން، އާސާސީ ހައްގެއް ހިފެހެއްޓިދާނެ މިންވަރާއި ހާލަތު ވަރަށް ސާފެވެ.

ދެން މިހާ ހިސާބުން ބަލައިލަން ޖެހެނީ ޖިނާއީ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނަށް ލިބޭ ހައްގުތަކަކީ ކޮބައިތޯ އެވެ. ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންނަށް ލިބިދީފައިވާ ހައްގުތައް ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައެވެ.  ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާކަމަށެވެ.

މިހާ ހިސާބުން ދެން މި ބަލައިލަނީ، ޤާނޫނު އަސާސީގެ ހަވަނަ ބާބަށެވެ. މިއީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ވާހަކަ ގެނެސްދީފައިވާ ބާބެވެ. ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ލިބިފައިވާ ރާއްޖޭގެ ކޯޓުތަކުގެ ވާހަކަ އަންނަ ބާބަކީ މިއީއެވެ. މި ބާބުގައި، ކޯޓުތަކުގެ އިހްތިސާސްތައް ބަޔާންކޮށްދީފައިވާ 143 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ، މަތީ މަރުހަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ވާނެ ކަމަށެވެ.

މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވަނީ ކިހިނެތް؟ 

ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ޝަރީޢަތް ކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވައިދުގެ ހަވަނަ ބާބުގައި ބުނެދީފައިވަނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތް ހިންގުމުގެ ވާހަކައެވެ. މި ގަވާއިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ރާއްޖޭގެ ސުޕްރީމް ކޯޓުން ހަދާފައިވާ ގަވާއިދެކެވެ.

ދެންނެވުނު 211 ވަނަ މާއްދާގެ (ހ)ގ 3 ވަނަ ނަންބަރުގައި ބުނެފައިވަނީ، "މި ޤާނޫނުގެ ދަށުން ޝަރީއަތްކުރުމާއި ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުންނެވެ" މި ފަދައިން ނެވެ.

މި ގަވާއިދުގެ ހަވަނަ ބާބުގައި ކުރިންވެސް ދެންނެވިހެން އޮތީ، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމުގެ ވާހަކައެވެ. މި ބާބުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރެވިދާނެ ހާލަތްތަކުގެ ތެރޭގައި ބުނެފައިވަނީ މުޅިންވެސް އިބްތިދާއީ އަޑުއެހުންތަކުގެ ވާހަކައާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުމުގެ ވާހަކައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު މިވަގުތު އޮތް ގޮތުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް ހުއްދަކޮށްފައިވާ މިންވަރުވެސް މެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތައް ތިން މަރުހަލާއަކަށް ބެހިފައިވާއިރު، ކްރިމިނަލް ކޯޓަކީ މީގެ ތެރެއިން އެންމެ ދަށް މަރުހަލާގެ ކޯޓެކެވެ. ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް ތަބައުވުމަކީ ކްރިމިނަލް ކޯޓުގެ މައްޗަށް ލާޒިމުކަމެކެވެ. ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ދަށު މަރުހަލާގެ ކޯޓުތަކަށް ލާޒިމްކޮށްފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ތަބައުވުމަށެވެ.

މި މަޒުމޫނުގެ ކުރީބައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ، އެ މީހެއްގެ ހާޟިރުގައި ޝަރީޢަތް ކުރެވުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަން ސާފުކޮށް ގެނެސްދީފައިވާނެއެވެ. އޭގެ އިތުރުން، މައްސަލައިގެ ޚަސްމުންގެ ޣައިރު ހާޟިރުގައި ނިންމާފައިވާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުންނާއި ރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަށް ތަބައުވުމަކީ ކްރިމިނަލް ކޯޓުގެ މައްޗަށް ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން 2018ވަނަ އަހަރު އޮކްޓޫބަރު މަހުގެ 22 ދުވަހު ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/445 ޤަޟިއްޔާގައި (އަދި މި ނޫންވެސް އެހެން ބައެއް ޤަޟިއްޔާތަކުގައި) ނިންމުމަށް ވާސިލުވި ސަބަބުތަކުގެ ތެރޭގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ، އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގާއި ހިލާފަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށްފައިވެއެވެ. (ދެންނެވުނު ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި ނުވާތީ، އަދި ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށްކަށްވެސް އެ ޤަޟިއްޔާ، މިހާތަނަށް ބާތިލުކޮށްފައި ނުވާތީ އެ ނިންމުމަކީ މިހާތަނަށް ނިހާއީ ނިންމުމެކެވެ).

ދެންނެވުނު ޤަޟިއްޔާ ނިންމުމުގައި، އެ މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވަނީ ކުރިން މި ދެންނެވި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ގޮތާއި ޚިލާފަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމާފައިވާތީ އެ ނިންމުން ބާތިލުކަމަށެވެ. (ދެންނެވުނު ޤަޟިއްޔާއަކީ، މ. މާފަންނުވިލާ ޤާސިމް އިބްރާހިމް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެކެވެ).

މިކަމަށް އޮތް ފަރުވާއަކީ ކޮބާ؟ 

ޤާނޫނު ހެދުމަކީ ޤާނޫނު ހަދާ މަޖިލީސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެވަނީ، ޖިނާއީ މައްސަލަތައް ހިންގަން ޖެހޭނީ މުއްތަހަމުގައި ހާޒިރުގައި ކަމަށެވެ. ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތެއް ޤާނޫނުގައި އަދިއެއް ނެތެވެ. ޤާނޫނުގައި އޮތީ، ހަމަ އެކަނި އިބްތިދާއީ އަޑުއެހުމުގައި ޕްރޮސިކިއުޓަ ޖެނެރަލްއަށް ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވެވޭނެ ވާހަކައެވެ. ޝަރީއަތުގެ ވާހަކައެއް ނެތެވެ. އެކަމަކީ އެއީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދި އިރު އަތް ދަށުން ގޮސްފައި އޮތް ކަމެއް ކަމަކަށް ނުބެލެވޭނެއެވެ.

ރާއްޖެއަށް މި ވަގުތު ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ހުރެ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ ޝަރީޢަތްތަކެއް ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް، އެކަމަށް ހައްލެއް ހޯދައިދެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ޤާނޫނު ހެދުމާއި، ޤާނޫނުތަކަށް އިސްލާހު ގެނައުމަކީ، ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ޒިންމާއެކެވެ. ޤާނޫނުގައި މި ވަގުތު ލިޔެފައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ގެންދެވިދާނެތޯ އެއީ މި ލިޔުން ފެށިއިރުވެސް ކުރިމަތި ކުރި ސުވާލެވެ. މި ކަމަށް ފަރުވާއެއް ހޯދައިދެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލީހަށް މިކަމުގައި ފަރުވާއެއް ހޯދައިދެވޭނެއެވެ. މިކަމަށް ފަރުވާއެއް ހޯދަން ޓަކި ޖަހަން ޖެހޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ދޮރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް