ads
ވެމްކޯ މުވައްޒަފުން މަގު ސާފު ކުރަނީ---
ކުނިކަހާނެ 200 ދިވެހިން ހޯދަން ކުރި އިއުލާން ވެމްކޯ އިން ބާތިލް ކޮށްފި
ކުނިކަހާނެ 200 ދިވެހިން ހޯދަން ކުރި އިއުލާން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބާތިލް ކޮށްފި އެވެ.

ވެމްކޯ އިން އެއިއުލާން ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި އެއިއުލާން ވެމްކޯ އިން ވަނީ ބާތިލް ކޮށްފައެވެ. 

ވެމްކޯއިން ބުނީ ރާއްޖެ އާއި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯލިޑް-19 ބަލިމަޑުކަމާ ގުޅިގެން އެކޯޕަރޭޝަންގެ މަގާމުތަކަށް މިވަގުތު މުވައްޒަފުން ނެގުން މަޑު ޖައްސާލަން ނިންމާފައިވާ ކަމަށެވެ.

އެ މަގާމަށް އިންޓަވިއު ކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާން ކަމަކަށްވެފައި، ގިނަ އަދަދެއްގެ އާންމުން އެއްތަނަކަށް ޖަމާކޮށްގެން އިންޓަވިއު ކުރުމަކީ މިވަގުތަށް ރަނގަޅު ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ދޭ އިރުޝާދަށް ބިނާކޮށް އެކޯޕަރޭޝަނުން ނިންމި ނިންމުމެއް ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ އެމަގާމަށް މިއަދުގެ ނިޔަލަށް ހުށައަޅާފައިވާ މީހުންގެ ފޯމްތައް ބާތިލްކުރެވިފައިވާ ކަމަށެވެ. އަދި ހާލަތު ބަދަލުވުމާއި އެކު މިމަގާމަށް އަލުން އިއުލާނުކުރާނެ ކަމަށެވެ.

ވެމްކޯ އިން އޭރު ކުރި އިއުލާނެއްގައި ބުނީ މާލެ މަގުތައް ކުނި ކަހާނެ 150 މީހުންނާއި އަދި ވިލިމާލެ މަގުތައް ކުނި ކަހަން 50 މީހުން ބޭނުންވާ ކަމަށެވެ. މުސާރަ އާއި އިނާޔަތަުގެ ގޮތުގައި މަހަކު 7500 ރުފިޔާ ލިބޭނެ ކަމަށާއި ވަޒީފާގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

އެވަޒީފާއަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދޭއް ވާ ބްރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށް ވެސް ވެމްކޯ އިން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް