ads
ގައިދީންނާ ވީޑިއޯ ކޯލުކުރެވޭނެ ގޮތް ހަދައިފި--
ގައިދީންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލުކުރެވޭ ގޮތް ހަދައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށާއި ބަންދު މީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ކަރެކްޝަންސުން ބުނީ ގައިދީންނާއި ބަންދުމީހުންނަށް ވީޑިއޯ ކޯލު ދިނުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުއަށް މިއަދު ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ. 

އެތަނުން ބުނި ގޮތުގައި ވީޑިއޯ ކޯލް ދިނުމުގެ މަގްސަދަކީ، ދިމާވާ ކުއްލި ހާލަތްތަކުގައި، އާއިލީ ބައްދަލުވުން މެދުކަނޑާލަން ޖެހޭ ހާލަތްތަކުގަ އާއި އާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ނުކުރެވޭ އާއިލާތަކަށާއި އަދި އެނޫންވެސް ޟަރޫރީ ޙާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޢާއިލާ މެމްބަރުންނާ ބައްދަލުކޮށް ޢާއިލާއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުމެވެ. 

އޭގެ އިތުރުން، އެއްވެސް ހާލަތަކާ ގުޅިގެން ވަކީލު ބައްދަލުވުންތައް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ވެސް ބައްދަލު ކުރެވޭނެ ގޮތް މި އުސޫލުގައިވެ އެވެ. 

މި އުސޫލުގައި ބުނެފައިވާ ގޮތުން ކޮންމެ ގައިދީއަކަށާއި ބަންދު މީހަކަށް އާއިލީ ބައްދަލުވުމުގެ ގޮތުގައި “ސްކައިޕް” މެދުވެރިކޮށް މަހަކު ދެ ފަހަރު 15 މިނެޓުގެ ވީޑިއޯ ކޯލެއް ދޭނެ އެވެ. އަދި ވީޑިއޯ ކޯލުގެ ފުރުސަތު ލިބިގެންދާނެ އިތުރު ޙާލަތްތަކެއް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތުން އާއިލާ މެމްބަރަކު ބަލި ހާލަތު ބޮޑުވެ އެޑްމިޓްކޮށްފައިވަނިކޮށް، ގައިދީ ނުވަތަ ބަންދުމީހާ ނުގެންދެވުމާއި އާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނުގެންދެވުމާއި އަނިބިމީހާ ވިހެއުމާ ގުޅިގެން ނުގެންދެވުމާއި ދަރިފުޅު ހިތާނަ ކުރުމާ ގުޅިގެން ނުގެންދެވޭ ހާލަތްތަކުގައި ވެސް 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

އެގޮތުން ވީޑިއޯ ކޯލް މެދުވެރުކޮށް އާއިލީ ބައްދަލުވުން ހޯދަން އެދޭ ފަރާތްތަކުން މިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ. އެ ފޯމު ކަރެކްޝަންސްގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް