ads
މާލެ މަގުމަތި----
މާލޭގެ މަގުތަކަށް ހީވީ ބަންދުކޮށްފައި ހުރި ގުރާ ކޮއްޓެއްގެ ދޮރު ހުޅުވާލިހެން
މިއަދު މާލޭގައި ފުރަތަމަ ފަހަރަށް ކާފިއު އިއުލާން ކުރެވި ތަންފީޒު ކުރެވިގެން ދިޔަ އިރު، ދެއްކި ނަމޫނާގެ ވާހަކަ ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ. އެހެން ނަމަވެސް މި ނަމޫނާގެ ވާހަކަ މާ ގިނަ އިރު ދެއްކުމުގެ ފުރުސަތެއް ލިބިގެނެއް ނުދިއައެވެ. ރޭގަނޑު އަށެއް ޖެހުމާއެކު ހީވީ ކޮށްޓަކަށް ލައި ބަންދުކޮށްފައި ހުރި ގުރާ ކޮއްޓެއްގެ ދޮރު ހުޅުވާލިހެންނެވެ.

ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް އެއް ދުވަހަށް ވުރެ އަނެއް ދުވަހު ހަރުދަނާވަމުން އަންނަ އިރު ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބޭ އެއްބާރުލުން އެއްދުވަހަށް ވުރެ އަނެއް ދުވަހު ކުޑަވަމުން އަންނަކަމަށް ވެސް ފާހަގަކުރެވެއެވެ.

ގެއިން ބޭރަށް ނުގޮސް މަޑުކުރާށޭ ސަރުކާރުން އަންގާ ވަރަކަށް ބޭރަށް ނުކުންނަށް ބޭނުންވާ މީހުން ގިނަވާހެން ބައެއް ފަހަރު ހީވެއެވެ، މިހެން ފާހަގަ މިކުރީ، ވަކި ކަމެއް ވެގެން، މިހާލަތުގައި ސެލްފް އައިސޮލޭޓް ކުރުމަށް ގޭގައި މަޑު ކުރުމަށް އެދުމުން އެކަމާ ދެކޮޅު ހަދާ ގޭގައި މަޑުނުކުރާ މީހުންގެ ވާހަކަތައް އިވޭލޭވެސް އިތުރުވެފައި ވުމުންނެވެ.

ދިވެހިންގެ އަމަލުތައް ހުންނަން ގޮތުން ހީވާކަހަލަ ހުރިހާ ކަމެއްވެސް ކުރަންވީ ގާނޫނާ ގަވައިދުގެ ބާރު ބޭނުންކޮށްގެން ހެންނެވެ. މިއަދު މަގުމަތީގައި ފުލުހުން ބައިތިއްބައިގެން ކާފިއު ތަންފީޒު ކުރިއިރު ގޭގައި މަގުމައްޗަށް ނުކުމެ އުޅޭކަށް ބޭނުމެއް ނުވިއެވެ. ކާފިއު ހަމަ ނިމުމާއެކު މާލޭގެ މަގުމަތި ތޮއްޖެހިއްޖެއެވެ. ފާއިތުވި ދެ ރޭ މީހުން ނުނުކުންނަހާ ގިނައިން މިރޭ މާލޭ މަގުމަތީ މީހުން އެބަ އުޅެއެވެ.

ކާފިއުއެއް އިއުލާން ކުރުމުން އޭގެ މާނައަކީ، ކާފިއުގެ ގަޑި ހަމަވުމާއެކު މަގުމައްޗަށް ނިކުންނަން ވީއެއް ނޫނެވެ. މިއަދު އެންމެ ތިން ގަޑިއިރަށް ކާފިއު ހިންގުނު އިރު ދަތިތަކާ ކުރިމަތިވި ފަރާތްތައް ހުންނާނެއެވެ. އެހެން ނަމަވެސް މިހާރު ބައެއް ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން މި ކާފިއުގެ ގަޑި އިތުރުކުރުމަކީ ހަމަ އެކަށީގެންވާ ކަމަކެވެ. އޭރުން ރައްޔިތުނަށް ކުރިމަތިވާ އުދަގޫތައް މާ އުދަނގޫ ވާނެއެވެ.

ގޭގައި މަޑުކުރަން ޖެހުމަކީ މިޒަމާނުގައި މާ އުނދަގޫ ކަމަކަށް ވެސް ނުވާނެއެވެ. އިންޓަނެޓާ ސޯޝަލް ނެޓްވޯކް މެދުވެރުކަށް ފޫހިފިލުވާލާ ގުޅުން ބަދަހިކޮށް ހަލާހުވާލު ބަލާލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. މި ހުރިހާ ފަސޭހަތަކެއް ހުރި އިރު، ކުޑަ ދުވަސްކޮޅަކަށް ގޭގައި މަޑު ކޮށްލައި ޕްލޭންސްތައް ފަހަތައް ޖައްސާލުމުން އެހާ ބޮޑު ގެއްލުމެއް ލިބިގެނެއް ނުދާނެއެވެ.

އެންމެ ފުރަތަމަ ރައްޔިތުން އެދެމުން ދިޔައީ ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނައުން ހުއްޓާލުމަށެވެ. އެކަން ސަރުކާރުން މިހާރު މިވަނީ ކޮށްފައެވެ. މީހުން އެއްވެއުޅުމަށް މަޖުބޫރުވާ ހުރިހާ ކަންކަމެއް ސަރުކާރުން ހުއްޓުވާފައި ވާއިރު، ރައްޔިތުންގެ ކިބައިން ސަރުކާރު މިއެދެނީ އެންމެ ކުޑަކުޑަ ކަމެއް ކޮށްދިނުމަށެވެ. މަގުމައްޗަށް ނުނުކުމެ ގޭގައި މަޑުކޮށްލުމަށެވެ. ތިމާއާއި ތިމާގެ އާއިލާގެ ރައްކަލަކަށެވެ. ގައުމާ މުޖުތަމައުގެ ރައްކަލަކަށެވެ.

72%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް