ads
ކުޑަހުސެއިން އާއި ހަނާން
ކުޑަ ހުސެއިން ސައުވީސް ގަޑިއިރުން ހަތިމްކޮށްފި
ކުރީގެ މެރެތަން ޗެމްޕިއަން ހުސެއިން ހަލީމް (ކުޑަހުސެން) ސައުވީސް ގަޑިއިރު ތެރޭ ހަތިމްކޮށްފިއެވެ. ސައުވީސް ގަޑިއިރު ތެރޭ ކުޑަ ހުސެން ހަތިމްކޮށްފައިވަނީ، ގޭގައި ސްޓޭޝަނަރީ ބައިސްކަލެއްވެސް ދުއްވަމުންނެވެ. މިކަން ހާމަކޮށް ކުޑަ ހުސެއިން ފޭސްބުކުގައި ބުނެފައިވަނީ، އޭނާ ހަތިމްކުރި އިރު، އޭނާގެ އެގާރަ އަހަރުގެ އަންހެންދަރި ހަނާންވެސް ކިޔެވުމުގައި ބައިވެރިވިކަމަށެވެ.

ސޯޝަލް މީޑިއާގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެށްޓެވި، ޤުރުއާން ޗެލެންޖުގައި ބައިވެރިވުމުގެ ގޮތުން، ކުޑަ ހުސެން ނިންމެވީ މުޅިން ތަފާތު ގޮތަކަށް އެ ޗެލެންޖު ނެގުމަށެވެ. މިގޮތުން، އިއްޔެ ހަވީރު ހަތަރު ގަޑި ދިހައެއްގައި ބައިސްކަލް ދުއްވަމުން ޤުރުއާން ކިޔަވަން ފެށީ މުޅި ޤުރުއާން އެއްކޮށް ކިޔައި ނިންމުމުގެ ވަރުގަދަ އަޒުމާއި އެކުއެވެ. މި ޗެލެންޖު ކުޑަ ހުސެއިން ފުރިހަމަ ކުރީ މިއަދު ހަވީރު ހަތަރު ގަޑި ދިހައެއްގައި ކަމަށް އޭނާ ބުންޏެވެ. 

ސައުވީސް ގަޑިއިރު ތެރޭ ހަތިމް ކުރިއިރު، ކިޔެވުމަށް ހޭދަކުރި ވަގުތަކީ ހުސެން ބުނި ގޮތުގައި ބާވީސް ގަޑިއިރާއި ތިރީސް ފަސް ސުކުންތެވެ. ސައުވީސް ގަޑިއިރުގެ ތެރޭގައި ހުސެއިންވަނީ ގާތްގަނޑަކަށް ހަތަރު ސަތޭކަ ފަންސާސް ކިލޯ މީޓަރުގެ ރާސްތާ ބައިސްކަލުގައި ކަޑައްތުކޮށްފައެވެ.

2006 ވަނަ އަހަރު ނިއު ޒީލެންޑުން ސްޕޯޓްސް ސައިންސުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ކުޑަހުސެންވަނީ މި ދިޔަ މަހުވެސް އާދަޔާ ހިލާފު ޗެލެންޖެއް ފުރިހަމަ ކޮށްފައެވެ. މި ދިޔަ މަހުގެ ތެރޭގައި ހުސެއިންވަނީ ބައިސަކަލުގައި 10 ދުވަހުން 1000 ކިލޯމީޓަރު ކަޑައްތުކޮށްފައެވެ. އުމުރުން ފަންސާސް އެއް އަހަރުގެ ކުޑަހުސެއިންއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށްވާ އަޔަންމޭން ޓްރައިތެލޯން ފުރިހަމަކުރި ފުރަތަމަ ދިވެހި އެތުލީޓުވެސް މެއެވެ.

90%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް