ads
މާޗް މަހު އެމެރިކާއިން 701،000 މީހުންގެ ވަޒީފާ ގެއްލިއްޖެ
މިހާރު އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ އެންމެ ބާރަށް ބަލި ފެތުރެމުންދާ އެމެރިކާއިން މާޗް މަހު އެކަނި 701،000 މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މާޗް މަހު އެގައުމުގެ އަންއެމްޕްލޯއިމެންޓް ރޭޓް ވަނީ 4.4 އިންސައްތަ ދަށަށް ގޮސްފަ އެވެ. މިއީ 1975 ވަނަ އަހަރަށް ފަހު އެގައުމުގެ އަންއެމްޕްލޯއިމެންޓް ރޭޓް މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާއިން މިހާ ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލިގެން ގޮސްފައިވާއިރު، އޭގެ ތެރެއިން 469،000 ވަޒީފާއަކީ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ސިނާއަތުގައި މަސައްކަތްކުރި މީހުންގެ ވަޒީފާ އެވެ. އެގޮތުން ހޮޓާ، ރެސްޓޯރެންޓް އަދި ބާ ތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

އެމެރިކާގެ ލޭބާ ޑިޕާޓްމެންޓުން ހާމަ ކޮށްފައިވާ ގޮތުގައި ހެލްތްކެއާ ވޯކަރުންނާއި ސޯޝަލް އެސިސްޓެންޓުން އަދި ވިޔާފާރީގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކެއްގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ވަޒީފާތައް ވެސް ވަނީ ގެއްލިފަ އެވެ.  

އެގައުމުގެ އިކޮނޮމިސްޓެއް ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ ގިނަ މީހުންގެ ވަޒީފާތައް ގެއްލިގެންދާނެ ކަމަށް މިހާރު ޔަގީންވެފައި ވާކަމަށް ބުނެފަ އެވެ. އަދި ޖޫން މަހަށް އަޅާއިރު އެމެރިކާގެ އަންއެމްޕްލޯއިމެންޓް ރޭޓް 13 އިންސައްތައަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭކަމަށް ވެސް އެގައުމުގެ އިކޮނޮމިސްޓެއް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ފާއިތުވި ދެހަފްތާ ދިހަ މިލިއަނެއްހާ މީހުން އަންއެމްޕްލޯއިމެންޓް ބެނެފިޓް ހޯދުމަށް ރެޖިސްޓާ ވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

އެމެރިކާއިން މިހާތަނަށް 277،522 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އެގައުމުން 7،403 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް