މިއީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލުމަށް ފަހު، މީގެ ފަސް އަހަރު ކުރިން، ވަޒީފާއިން ވަކިކުރީ ހައިކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރި މައްސަލައެވެ.
ފަސް އަހަރެއްހާ ދުވަހު ތިން މަރުހަލާގެ ކޯޓުގައި މި މައްސަލަތައް ހިނގުމަށް ފަހު، ސުޕްރީމް ކޯޓުން މައްސަލަ ނިންމީ މިއަދު އެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންވެސް ނިންމީ ކޯޓު އެޑްމިނިސްޓްރޭޓަރުންނާ އެއްކޮޅަށެވެ. އެ ހިސާބުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖޭއެސްސީންނެވެ. ހައިކޯޓުންވެސް މައްސަލަ ނިންމީ ކޯޓު އެޑްމިނިސްޓްރޭޓަރުންނާ އެއްކޮޅަށެވެ. އެ ހިސާބުން ދެން ޖޭއެސްސީން ދިޔައީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި މިއަދު ހުކުމް ކުރީ، އަނެއްކާވެސް ހަމަ ކޯޓު އެޑްމިނިސްޓްރޭޓަރުންނާ އެއްކޮޅަށެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާ އިން ވަކި ކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށާއި މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށެވެ.