ads
މޯލްޑިވިއަންގެ ފްލައިޓެއް
ލަންކާގައި ތިބި 250 އަށްވުރެ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކާއެކު ރައީސްއަށް ސިޓީއެއް!
ސްރީ ލަންކާގައި، އެނބުރި ރާއްޖެ އާދެވޭނެ ގޮތެއް ނެތި ތާށިވެފައިތިބި ދިވެހިންތަކެއްގެ ކަންބޮޑުވުން ހާމަކޮށް، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

ލަންކާގައި ތިބި 251 ދިވެހިންގެ ނަން ހިމަނާފައިވާ ލިސްޓަކާއެކު ރައީސްއަށް ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ރާއްޖެ އެނބުރި އައުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ އެވެ. އެގޮތުން ސިޓީގައި ބުނެފައިވަނީ ލަންކާއަށް މޯލްޑިވިއަން އިން މިއަދު ކުރާ ދަތުރު ތަކަކީ 100 މީހުން ޖާގައިގެ ދަތުރުތަކަށް ވާއިރު ރާއްޖެ ދާން ބޭނުންވާ 251 މީހަކު މިހާރު ވެސް އެބިތި ކަމަށާއި މި އެންމެންނަށް ހަމަހަމަ ކަމާއެކު، އެ ފުރުސަތު ހޯއްދަވައި ދެއްވުމަށް އެދޭ ކަމަށެވެ.

މި ސިޓީގައި އިތުރަށް ބުނެފައިވަނީ ލަންކާގައި މިވަގުތު ތާށިވެފައި ތިބި ދިވެހިންގެ ތެރޭގައި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް ދަތުރު ކުރި މީހުން އެބަތިބި ކަމަށާއި އެމީހުން އަތުގައި ލަންކާގައި އިތުރަށް ދިރިއުޅެވޭނެ ވަރަށް މިހާރު ފައިސާ ނެތް ކަމަށެވެ. މީގެ އިތުރުން ލަންކާގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ވެސް ތުއްތު ކުދިން ގޮވައިގެން އެކަނި އުޅެން ޖެހިފައިވާ މައިންނާއި ނުކުޅެދުންތެރިންކަން ހުންނަ މީހުން ގޮވައިގެން އުޅެމުންދާ މީހުން އުޅެމުންދާއިރު މިހާރު ލަންކާގައި އޮތް ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

ލަންކާގައި މިހާރު ތިބި ދިވެހިންނަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ހާމަ ކުރަމުން ސިޓީގައި ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ގިނަ އާއިލާތަކުގެ ފިރިން މަސައްކަތް ކުރަމުން ދިޔައީ ރާއްޖޭގެ އެކި ރިސޯޓްތަކުގައި ކަމަށެވެ. ނަމަވެސް ކޮވިޑް19އާ ގުޅިގެން ރިސޯޓްތައް ބަންދުވެ، ގިނަ ބަޔަކު ނޯ ޕޭ ލީވްއަށް ދާން ޖެހުމާއި، ވަޒީފާ ގެއްލުމުގެ ސަބަބުން މިހާރު ގޭގެ ކުއްލި ދައްކާނެ ލާރި ވެސް ނެތް މީހުން އެބަތިބި ކަމަށެވެ. 

ދިވެހިންގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސްއަށް ފޮނުވި މި ސިޓީގައި އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތީ މާތްވެގެންވާ ރަމަޟާން މަސް ކަމުން، އިތުރަށް ލަންކާގައި ތާށިވެފައި ތިބެން ޖެހިއްޖެނަމަ ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވޭތީ، ލަންކާގައި ތިބި ރާއްޖެ ދާން ބޭނުންވާ ހުރިހާ ދިވެހިންނަށް އެނބުރި ގައުމަށް ދެވޭނެ މަގު ވީއެންމެ އަވަސް ފުރުސަތެއްގައި ހޯއްދަވައި ދެއްވުމަށެވެ. 

ސްރީ ލަންކާ އަކީ މި ސަރަހައްދުގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށެވެ. އެގޮތުން އެގައުމުގައި މި ބައްޔަށް 166 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކޮވިޑް19 ލަންކާގައި ފެތުރުން ހުއްޓުވުމުގެ ގޮތުން ލަންކާ ސަރުކާރުން ވަނީ ގައުމުގެ ބޮޑުބައެއްގައި ކާފިއު އިއުލާންކޮށް، ގިނަ ސަރަހައްދުތަކެއް ލޮކްޑައުންކޮށްފައެވެ. މީގެ އިތުރުން އެގައުމުގެ މައި އެއާޕޯޓާއި ސީޕޯޓްތައް ވެސް ވަނީ ގައުމުން ބޭރުން އަންނަ މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް