ads
އަޝްރަފް ހަނޑޫ ހައްދާފައި-- ފޮޓޯ: އަޝްރަފް
ވައިކަރަދޫގައި ހަނޑޫހައްދައި މިއީ ވާނެކަމެއްކަން ދައްކުވައިދީފި!
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާން ޖެހުނު މައިގަނޑު ސަބަބަކީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމެވެ. ދިވެހިންގެ ލޭނަރުގެ ގޮތުގައި ދެކުނު މަސްވެރިކަމާއި ކާބަފައިން ކުރަމުން އައި ދަނޑުވެރިކަމުގެ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ނުދެވި އޮތުމުގެ މައިގަނޑު ނަތީޖާއަކީ މިއަދުގެ ދެކެން ޖެހިފައިވާ ހާލަތު ދެކެން ދިވެހިންނަށް މަޖުބޫރުވުމެވެ.

އެއް ކަމަކަށް މުޅި އިގްތިސާދު ބިނާކުރެވިފައި އޮތުމުގެ ހިތި ނަތީޖާ މިއަދު ފެންނަމުން، އަންނައިރު މިކަމުން އަރައިގަތުމަށް ސަރުކާރުން މިވަނީ މަސައްކަތް ފަށާފަ އެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވެސް މިވަނީ ރައްޔިތުން، ދަނޑުވެރިކަމުގެ މަސައްކަތަށް ނިކުތުމަށާއި ދަނޑުވެރިކަން ފުޅާކުރުމުގެ މަސައްކަތައް ސަރުކާރުން ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. 

ކޮރޯނާ ވައިރަހާ ގުޅިގެން ކުރިމަތިވެދާނެ އިގްތިސާދީ ހީނަރުކަމުން އަރައިގަނެ، ރައްޔިތުންނަށް ބޭނުންވާ ކާނާ ޔަގީންކުރުމަށްޓަކައި މިވަގުތު ރާއްޖޭގެ ބައެއް ރަށްރަށުން އަންނަނީ ދަނޑުވެރިކަމަށް ބިން ދޫކުރުމުމުގެ މަސައްކަތް ކުރަމުންނެވެ. ހިލޭ ސާބަހަށް ބައެއް ރަށުގައި ބިން ދޫކުރަން ނިންމީ ދަނޑުވެރިކަމުގެ މުހިއްމުކަން ވިސްނިގެންނެވެ. ދަނޑުވެރިކަމަށް ބާރު އަޅަމުން އަންނަ މިދަނޑިވަޅުގައި ހދ. ވައިކަރަދޫ، އިބްރާހީމް އަޝްރަފް މިވަނީ ސޯޝަލް މީޑިއާއަށް ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. މި ފޮޓޯތަކުން ފެނިގެންދަނީ އޭނާ ހެއްދި ހަނޑޫ އެވެ. 

މިކަމާއި ގުޅޭ ގޮތުން އަޝްރަފް ސީއެންއެމްއަށް ބުނިގޮތުގައި މިއީ 2018 ވަނަ އަހަރު އޭނާ ކުރި މަސައްކަތެއްގެ ފޮޓޯތަކެކެވެ. މިދަނޑިވަޅުގައި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލީ، މިކަމަކީ ވެސް ރާއްޖޭގައި ކުރެވޭނެ ކަމެއްކަމުން މިކަމަށް ބާރު އެޅުމުގެ ގޮތުންނެވެ. 

ވައިކަރަދޫ ސްކޫލުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އަޝްރަފް، ބުނި ގޮތުގައި ހަނޑޫ ހެއްދިދާނެތޯ އަޖުމަ ބެލުމުގެ ގޮތުން އޭނާ އެކަން ކުރީ ގޭގަ އެވެ. އެގޮތުން ހަތަރު ފޫޓު ހަ ފޫޓުގެ ތަންކޮޅެއްގައި ހަނޑޫ ހެއްދީ، އޭނާއާއެކު މަސައްކަތްކުރާ އިންޑިއާ ޓީޗަރެއްގެ އެހީއާއެކު ގެނައި މުޑުވަތް އިންދައިގެންނެވެ. 

އަޝްރަފު ކިޔައިދިން ގޮތުގައި، އެންމެ ފުރަތަމަ ފޮތިކޮޅެއްގެ ތެރެއަށް ވެއްޔާއި ފެން އެޅުމަށް ފަހު އެއް ދުވަސްވަންދެން ބެހެއްޓީ އެވެ. އަދި ޖެހިގެން އައި ދުވަސް، ވެލިގަނޑު ޗަކަވާ ގޮތަށް ބެހެއްޓުމަށް ފަހު އެތަނަށް އޮތްތައް އުކާލީ އެވެ. އެތަނުގައި ފެން ހަރުކުރުމަށް އޭނާ ބޭނުންކުރީ ރަބަރުގަނޑެކެވެ. އެގޮތަށް ގާތްގަނކަށް ތިން ދުވަސްވަންދެން ބަހައްޓަން ޖެހެ އެވެ. އެއާއެކު ދެން ބަދަލުކުރީ ފެން ހަރުލާފައި ހުންނަ ބިމަކަށެވެ. މިގޮތަށް ފެން ހަރުލާފައި ހުންނަ ގޮތަށް ބެހެއްޓުމަށް މިފަހަރު އޭނާ ބޭނުންކުރީ ކުޑަ ޓޭންކެކެވެ. މިގޮތަށް ބެހެއްޓުމުން ތިން  ހަފުތާގެ ތެރޭގައި ހަ އިންޗިއަށް ހަނޑޫގަސް ހެދެން ފަށަ އެވެ.

އަޝްރަފު ބުނީ މިގޮތަށް ހަނޑޫގަސްތައް ބެލެހެއްޓުމުން ހަތަރު މަހުގެ ތެރޭގައި ހަނޑޫކޯޅި އަޅާނެ ކަމަށެވެ. އަދި ހަތަރު މަހައި ބައިވުމުން ހުންނާނީ ހަނޑޫ ދޮންވެ، ކަނޑަންޖެހިފައި ކަމަށެވެ. 

އެފަހަރު ގޮތް ބަލާލުމަށް އޭނާ ހެއްދީ ކުޑަކުޑަ ހަނޑޫކޮޅެކެވެ. އަޝްރަފް ބުނި ގޮތުގައި ހެއްދި ހަނޑޫކޮޅުން ގޭގައި ބަތްވެސް ކެތްކި އެވެ. ރާއްޖެއިން ބޭރުން މި ގެންނަ ހަނޑޫ ހުންނަނީ ހިމަކޮށް ދިގުކޮށް ނަމަވެސް އޭނާ ހެއްދި ހަނޑޫ ހުރީ ކުރުކޮށް ފަލަކޮށެވެ. އެކަމަކު ރަހަޔަކު ތަފާތެއް ނެތެވެ. 

އަޝްރަފު ބުނި ގޮތުގައި ރަށުން ދަނޑުވެރިކަމަށް ބިން ދޫކުރާނަމަ މިކަން އިތުރަށް ކުރުމަށް ބިމެއް ވެސް އޭނާ ނަގާނެ އެވެ. އަދި މިވަގުތު ވެސް އޭނާ އަންނަނީ މީހެއްގެ ދަނޑު ސާފުކޮށް އެތަނުގައި ދަނޑު ހެއްދުމުގެ ވިސްނުމުގައި މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އިނދަޖެހިފައިވާ މިދަނޑުވަޅުގައި ދަނޑުވެރިކަން ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ދަނީ ފަލަމަޑީގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް