މި މޮނިއުމެންޓް ހުންނަނީ ސިނަމާލެ ބްރިޖުން ފައިބައިގެން ހުޅުލެއަށް އަރާ ދިމާލުގައިއެވެ.
އެއާޕޯޓްގެ އާ ޓާމިނަލްގައި ބޭނުންކުރާ ދިވެހި ގަލުވަޑާމުގެ ޑިޒައިން ހިމަނާއިގެން ހަދާފައިވާ މި މޮނިއުމެންޓްގައި އެއާޕޯޓުގެ ނަން ޖަހާ ބޮޑުގަޑިއެއް ބަހައްޓާފައިވެއެވެ.
މި މޮނިއުމެންޓް ހުޅުވާދިނީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފެވެ.
އެއާޕޯޓްގައި އާ ޓާމިނަލް ނިންމާ މިއަހަރުގެ ނޮވެމްބަރު މަހު ހިދުމަތް ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ވީއައިއޭގެ އާ ޓާމިނަލުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ސައުދީ ފަންޑުން މިދިޔަ މަހު ދޭން ނިންމާފައެވެ. މި ނިންމުމުގައި ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްޑީއެފް) ގެ ފަރާތުން ސޮއި ކުރެއްވީ އެ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިދިޔަ މޭމަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައެވެ.
އެ އެއާޕޯޓު ތަރައްގީ ކުރަން 2016 ވަނަ އަހަރުވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރު ލޯނެއް ދީފައެވެ. ސައުދީ ފަންޑުން ދިން މި ލޯނާ އެކު ވީއައިއޭ ތަރައްގީ ކުރުމަށް އެ ފަންޑުން ލޯނުގެ ގޮތުގައި ދިން އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް ވަނީ އަރާފައެވެ.