ads
މެލޭޝިއާއިން އަންނަ ދިވެހިންނަށް ގެނެވޭނީ 20 ކިލޯގެ ތަކެތި
މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިން ތާވަލް ކޮށްފައިވާ ޗާޓާޑް ފްލައިޓުން ރާއްޖެ އަންނަ ދިވެހިންނަށް ގެނެވޭނީ 20 ކިލޯގެ ތަކެތި ކަމަށް އެކުންފުނިން ބުނެފި އެވެ.

މޯލްޑިވިއަން އިން މެލޭޝިއާގައި ތިބި ދިވެހިން ގެންނަން ފްލައިޓް ތާވާލްކޮށްފައި ވާއިރު، އެ ފްލައިޓުން އަންނަ ކޮންމެ މީހަކަށް ވެސް ގިނަވެގެން ގެނެވޭނީ 20 ކިލޯގެ ތަކެތި ކަމަށާއި އިތުރަށް ފައިސާ ދައްކައިގެން 20 ކިލޯއަށް ވުރެ އިތުރަށް ތަކެތި ނުގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. 

މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް އެކުންފުނީގެ އޭ-321 މަރުކާގެ، 200 މީހުންގެ ޖާގަ އޮންނަ ފްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ މާދާމާ އެވެ.

މި ފްލައިޓަށް ޓިކެޓް ނެގުމަށް އޭޕްރިލް ހަ ވަނަ ދުވަހު ހުޅުވާލާފައި ވީނަމަވެސް މިއަދު ހެނދުނު 6:30 ހާއިރު މޯލްޑިވިއަން އިން ވަނީ ފްލައިޓްގެ ޖާގަ މިހާރު ފުރިފައިވާކަމަށް ޓްވީޓް ކޮށްފަ އެވެ. 

މޯލްޑިވިއަން އިން ބުނެފައި ވަނީ އެފްލައިޓްގެ ޖާގަ ފުރިފައިވުމުން ޓިކެޓް ބުކް ކުރުން ހުއްޓާލާފައި ވާކަމަށެވެ. ކުރިއަށް ވެސް ދަތުރުތަކެއް ރާވާނެ ކަމަށާއި އެ ދަތުރުތައް ހަމަޖެހުނު އެންމެ އަވަހަކަށް އެކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

މޯލްޑިވިއަން އިން މެލޭޝީގައި ތިބި ދިވެހިން ބަލާ މިކުރާ ދަތުރުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖް ގެންދިއުމުގެ ފުރުސަތު ފޮރިން މިނިސްޓްރީ އިން ވަނީ ހުޅުވާލާފަ އެވެ. ކޮންމެ މީހަކަށް ވެސް 15 ކިލޯގެ ކެއާ ޕެކޭޖެއް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކެއާ ޕެކޭޖުތައް ފޮނުވޭނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުށައަޅާ 500 ފޯމަަށް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. 

ކެއާ ޕެކޭޖުތައް މިއަދު ހަވީރު 04:30 ގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގައި ހުންނަ ކައުންޓަރުތަކާ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ. 

ކެއާޕެކޭޖު ތަކުގެ ގޮތުގައި ފޮނުވޭނީ މަސްދަޅާއި ރިހާކުރާއި ނޫޑްލީސް ކޭހާއި މަސް އަދި ފަތް ޕެކެޓް ކަމަށާއި ފައިސާ، ކިއްލި، ހެދިކާ، ރޯމަސް އާއި މޭވާ ގެ އިތުރުން ދުންފަތުގެ ބާވަތްތައް ނުފޮނުވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

މޯލްޑިވިއަން އިން ވަނީ އިންޑިއާގެ ކޮޗިން އަދި ލަންކާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އެގޮތުން، މޯލޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހުންނާއި އިންޑިއާގެ ކޮޗިން އިން 200 މީހުން ރާއްޖެ ގެނަސްފަ އެވެ. ލަންކާ އިން އައި ދިވެހިން މޯލްޑިވިއަން އިން އުފުލާފައި ވަނީ ކިއު-300 މަރުކާގެ ދެ ބޯޓެއްގަ އެވެ. އަދި ކޮޗިން އިން މީހުން އުފުލާފައި ވަނީ އޭ-321 މަރުކާގެ ބޯޓެއްގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް