ads
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ހާއްސަ ބިލެއް ހުށަހަޅައިފި
ގާނޫނު އަސާސީ އިސްލާހުނުކޮށް އަންނަ ޖޫން މަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި ބިލުގައިވަނީ މިހާރު ދިމާވެފައިވާ ހާއްސަ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ފަސްކުރެވިފައިވާތީ، އިންތިހާބު ބޭއްވި އަލަށް އިންތިހާބުކުރެވޭ މެމްބަރުން މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބުކުރެވިފައިވާ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެމްބަރުން މަގާމުގައި ދެމިތިބޭނޭ ކަމަށެވެ.

މިބިލު ހުށަހަޅާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާ ކައުންސިލުތައް އިންތިހާބު ނުކުރެވި 3 ޖޫން ގެ ފަހުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ ދިމާވެދާނޭ ގާނޫނީ ހުސްކަމަކަށް ހައްލު ހޯދުމަށް ކަމަށް ބިލުގައި ވެއެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ މިބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ޖަލްސާ ނިންމަވާލާފައެވެ.

މިއަދު ކުޑަ ވަގުތުކޮޅަކަށް ކުރިއަށްގެންދިޔަ ޖަލްސާގައި ނަޝީދު ވިދާޅުވީ އެކަމާއި މެދު މިހަފުތާގައި ކުރެވުނު ބަހުސް ތަކުގައި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަކީ މިވަގުތު ރަނގަޅު ކަމެއް ނޫންކަމަށް މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އެއްބަސްވެފައިވާ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން އިތުރު ގޮތެއް ހޯދަން މި ދެދުވަހު މަޝްވަރާކުރެވުނީ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އިއްޒަތްތެރި މެމްބަރުންނާއެކު އެހެން ގޮތެއް ހޯދައި، އެގޮތް ބިލެއްގެ ސިފައިގައި މިއޮތީ މިއަދު މަޖިލީހުގެ ތަޅުމަށް ގެނެވިފައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އަދި ވަގުތު އެބައޮތް ކަމަށާއި ވިސްނުންތެރިކަމާއެކު މެމްބަރުން ގޮތެއް ނިންމެވުން މުހިއްމުކަމަށެވެ.

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ ބަދަލުގައި ކަންކުރެވޭނެ ގޮތެއް ކަމުގައި ބައެއް މެމްބަރުން ވިދާޅުވީކައުންސިލަރުންގެ ދައުރު ހަމަވުމުން ކައުންސިލުތައް ހިންގުމަށް ރައީސުލްޖުމހޫރިއްޔާ ބަޔަކު އައްޔަންކުރުމެވެ.

"އަޅުގަނޑު ދަންނަ ރައީސުލްޖުމްހޫރިއްޔާ އެއް އަޅުގަނޑު ދެކޭގޮތުގައި އިންތިހާބީ މަގާމުތަކަކަށް މީހުން އައްޔަންއެއް ނުކުރާނެ. އެވެސް ދެން ވަރަށް އުނދަގޫކަމަކަށް ވާނެ ކޮންމެ ބޭފުޅަކަށްވެސް، ހާއްސަކޮށް ޑިމޮކްރަޓިކް އުސޫލުތައް ގަބޫލުކުރާ ބޭފުޅެއް ކަމަށް ވެއްޖެއްޔާ. އަޅުގަނޑު ހިތުގެ އަޑިން ދެކެނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަކީ ޑިމޮކްރަސީގެ ލާމަސީލުކަމަށް" ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ހަސަން ލަތީފު މިއަދު ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގައި މިފަދަ ހާލަތެއްގައި ކަންކުރާނޭ ވަކިގޮތެއް ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވި ނަމަވެސް އިދާރީ ދާއިރާތައް ހިންގަންޖެހޭނީ ލާމަރުކަޒީ އުސޫލުންކަމަށާއި މިއުސޫލުން ހިންގާނީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލުތަކެއް މެދިވެރިކޮށްގެންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައި ވާއިރު އިންތިހާބު ފަސްކުރުމުގައި އަމަލުކުރާނެ ގޮތެއް ހަމަޖެއްސުމަށްވެސް ހާއްސަ ބިލެއް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ހުށައަޅުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް